ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި ކަންކަން ކުރެއްވީ މުޅި ރާއްޖެއަށް ތަރައްގީ ގެނައުމުގެ ސިޔާސަތުގައި ކަމަށް. މި ސަރުކާރުގެ ވިސްނުން ހުރީ ހަމައެކަނި މާލެ ސަރަހައްދު ތަރައްގީކުރާ ގޮތަށް ކަމަށް ވިދާޅުވެ ސޯލިހު ފާޑު ވިދާޅުވި.
ލ. ގަމުގައި އަލަން ކުރިން އިއުލާނުކުރި ކެންސަރު ހޮސްޕިޓަލު މާލެ ސަރަހައްދުގައި ގާއިމް ކުރުމަށް މި ސަރުކާރުން ނިންމާފައިވާ ނިންމުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާޑު ވިދާޅުވެއްޖެ އެވެ.
މިމަހުގެ 21 ގައި އޮންނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭނުގައި ލ. އަތޮށް ކުރައްވާ ދަތުރުގެ ތެރެއިން ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ބޮޑު އެއް ސިޔާސަތަކީ މުޅި ރާއްޖެއަށް ތަރައްގީ ގެނައުން ކަމަށެވެ. ލާމު އަތޮޅުގައި އަޅަން އިއުލާންކުރި ކެންސަރު ހޮސްޕިޓަލަކީ ވެސް އެ ސިޔާސަތުގެ ދަށުން ނިންމި ކަމެއް ކަމަށެވެ.
"އޭރުވެސް ވަރަށް ބޮޑަށް ބައެއް ބޭފުޅުން ބާރު އަޅަމުން ދިޔަ އެ [ކެންސަރު ހޮސްޕިޓަލް] މާލެއަށް ބަދަލު ކުރަން. ފަސޭހަތަކެއް ހުރެދާނެ ކައިރީގައި އިތުރު ހޮސްޕިޓަލްތަކެއް ހުރީމަ. އެހެން ނަމަވެސް އަޅުގަނޑުމެން ނިންމީ މިތަނުގެ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް އަދި އެއާ އެކީގައި ކެންސަރު ހޮސްޕިޓަލް މިތަނުގައި އަޅަން،" ކުރީގެ ރައީސް ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ މިހާރުގެ ސަރުކާރުން ކެންސަރު ހޮސްޕިޓަލު ގަމުގައި ނާޅަން ނިންމި އިރު އެކަމަށް ބޭނުންވާ ބަޖެޓާއި ޕްލޭން އޮތީ ނިމި، މަސައްކަތް ފަށާ ހިސާބުގައި ކަމަށެވެ. އަދި ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރު ނިމުނު އިރު ގަމު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ބޭނުންވާ ހުރިހާ ކަމަކާއި ފައިސާ ވެސް ހުންނާނީ ހަމަޖެހިފައި ކަމަށެވެ.
"މިތަނުގައި މެންޓަލް ހޮސްޕިޓަލެއް އެޅުމުގެ ދަޅައެއް ދެއްކީ. ކޮބައިތޯ ފައިސާ. އެއަށްވުރެ މާ ރަނގަޅެއް ނޫންތޯ މިހާރު މިހިރަ ފައިސާ ބޭނުން ކޮށްގެން މިރަށުގައި އެ ކެންސަރު ހޮސްޕިޓަލު އެޅައިގެން އެ ހިދުމަތް ދޭން ފެށި ނަމަ،"
ސޯލިހު ވިދާޅުވީ ހަމައެކަނި މާލެ ސަރަހައްދުގައި ތަންތަން ހަދާލައިގެން ތިބުމަކީ ވަރަށް ފަސޭހަކަމެއް ކަމަށާއި ނަމަވެސް އެއީ މުޅި ރާއްޖެއަށް ތަރައްގީ ގެނެވޭނެ ގޮތް ނޫންކަމަށެވެ.