"އަޅުގަނޑަށް މުހިންމީ ރައްޔިތުންނަށް ތަރައްގީ ގެނެސް ދިނުން. ކޮންމެ ދުވަހަކީ މި ގޮތުން ހޭދަވާ ދުވަހަކަށް ހަދަން ބޭނުން ވަނީ،"
އިސްދޫ / ކަލައިދޫ އަދި ދަނބިދޫގެ ކޯޒްވޭ ހަދާނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ހަދާފައި އޮތް ޑިޒައިން އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ލާމު އަތޮޅާއި އައްޑޫ ސިޓީއަށް މިއަދު ފެއްޓެވި ދަތުރުފުޅު ގައި އިސްދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ
ދަނބިދޫ-އިސްދޫ ކޯޒްވޭގެ މަސައްކަތް ކުރިއަށް ދަނީ ބޭނުންވާ ސްޕީޑްގައި ނޫން ކަމަށެވެ. މިދިޔަ ސަރުކާރުން އެ މަސައްކަތް ފެށީ
ކުރީން އޮތް ތަނަވަސް ޑިޒައިން ވަރަށް ބޮޑަށް ހަނިކޮށްފައި ކަމަށް ވިދާޅުވި އެވެ.
ރަައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ކޯޒްވޭގެ މަސައްކަތް ފެށުމަށް ވަރަށް ތަނަވަސް ޑިޒައިނެއް ކުރައްސަވާފައިވާ ކަމަށާ ރައްޔިތުން ބޭނުންވަނީ ކުރީގެ ޑިޒައިނަށް ކޯޒްވޭ ބަދަލުކުރާން ކަމަށް ވިދާޅުވި އެވެ. އެހެން ކަމުން އެ މަަސައްކަތް ކުރެއްވުމަށް ހައުސިން މިނިސްޓަރަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ރައްޔިތުން ބޭނުންވަނީ ކުރީގެ ޑިޒައިން،"
ރައީސް ވިދާޅުވީ އިސްދޫއާ ދަނބިދޫ އަދި ކަލައިދޫއަށް ހާއްސަ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. ހައްދުން މައްޗަކީ ތަރައްގީގެ ވަރަށް ބޮޑު ފޯކަސް އެއް އޮތް އަތޮޅެއް ކަމަށާ މި އަތޮޅުގައި ޓޫރިޒަމް އިތުރު ހަރުފަތަކަށް ގެންގޮސް ދެވަނަ އެއާޕޯޓެއް އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
އެއާޕޯޓް އަޅާނެ ރަށެއް ކަނޑައަޅާނީ ރައްޔިތުންގެ އަޑު އަހާ މަޝްވަރާގެ މަތީން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ބާކީ ދުވަސްތަކުގައި ތަރައްގީގެ މަޝްރޫއުތައް އިތުރަށް ބާރު ސްޕީޑްގައި ގެންދެވޭނެ ކަމަށެވެ.
"އަޅުގަނޑަށް މުހިންމީ ރައްޔިތުންނަށް ތަރައްގީ ގެނެސް ދިނުން. ކޮންމެ ދުވަހަކީ މި ގޮތުން ހޭދަވާ ދުވަހަކަށް ހަދަން ބޭނުން ވަނީ،" ރައީސް ވިދާޅުވި އެވެ.