މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަހަކީ މާދަމާ ކަމަށާ އަދި ފިތުރު އީދު ދުވަހަކީ އަންނަ ބުދަ ދުވަސް ކަމަށް ކަނޑައަޅާ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން އެކަން ރަސްމީކޮށް އިއުލާނު ކޮށްފި އެވެ.
މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަހަކީ މާދަމާ ކަމަށާ އަދި ފިތުރު އީދު ދުވަހަކީ އަންނަ ބުދަ ދުވަސް ކަމަށް ކަނޑައަޅާ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން އެކަން ރަސްމީކޮށް އިއުލާނު ކޮށްފި އެވެ.
މި އަހަރުގެ ޝައްވާލު މަހުގެ ހަނދާ ބެހޭ ގޮތުން ގޮތް ނިންމަން ބޭއްވި ފަލަކީ ކޮމެޓީގެ ބައްދަލްވުމަށް ފަހު އިސްލާމިކް މިނިސްޓްރީން އާންމުކުރި ބަޔާނެއް ގައި ބުނެފައި ވަނީ ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވާ ކަމަށެވެ.
ހަނދާ ބެހޭ ބަޔާނުގައި ބުނެފައި ވަނީ މިއަދު އިރުއޮއްސުނުއިރު ރާއްޖޭގެ އެއްވެސް ރަށަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށް ޝައްވާލު މަހުގެ ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުގެ މަތީން ސާބިތު ނުވާތީއާ އިސްލާމީ އެއްވެސް ގައުމަކަށް މިރޭ ހަނދު ފެންމަތި ނުވާނެ ކަމަށް އިތުބާރުހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވާ ކަމަށެވެ. އެހެން ކަމުން ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް ރާއްޖޭގައި އަމަލު ކުރަން ހަމަޖެހިފައިވާ އުސޫލުގެ މަތީން މާދަމާ އަކީ މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށް ކަނޑައަޅާ ކަމަށެވެ.
އަދި އޭޕްރީލް 10ވާ ބުދަ ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅާ ކަމަށެވެ.
މާދަމާ އަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަހު އެވެ. ސައުދީ ސަރުކާރުން ވެސް ވަނީ ޝައްވާލު މަހުގެ ހަނދު ނުފެންނަ ކަން އިއުލާނު ކޮށް މާދަމާ އަކީ މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށާ އޭޕްރީލް 10ވާ ބުދަ ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅާފައެވެ.
އިސްލާމީ ބައެއް ގައުމުތަކަށް އީދު ދުވަސް ވާނީ އަންނަ ބުރާސްފަތި ދުވަހަށެވެ. އެ ގައުމުތަކުން ރޯދަ މަސް ފެށީ ރާއްޖެ. ސައުދީ ފަދަ ގައުމުތަކަށް ވުރެ އެއް ދުވަސް ފަހުންނެވެ. އޭގެ ތެރޭގައި މެލޭޝިއާއާ މުސްލިމުންގެ އެންމެ ބޮޑު އާބާދީއެއް އޮތް އިންޑޮނޭޝިއާ ހިމެނެ އެވެ. ފިލިޕީންސް އާއި ސިންގަޕޫރާއި އޮސްޓްރޭލިއާ އާއި ބްރޫނާއީ ފަދަ ގައުމުތަކުން ވެސް އީދު ކުރާނީ ބުރާސްފަތި ދުވަހު އެވެ.