ރާއްޖޭގެ ވަރަށް ގިނަ ރަށްތަކެއްގައި ކަރަންޓުގެ މައްސަލަތައް ދިމާވެ އެވެ. އަދި މި ދުވަސްވަރު ގިނަ ރައްތަކެއްގެ ކަރަންޓަށް ބޮޑެތި މައްސަލަތައް ދިމާވެ ބައެއް ރަށްތަކުގެ ކަންބޮޑުވުންތައް ހަމަނުޖެހުންތަކަށް ވެސް ބަދަލުވެފައި ވެއެވެ.
ކުރިޔަށް އޮތް ދުވަސްތަކުގައި ފެނަކައިގެ ހާލަތު ރަނގަޅު ކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޮތް ކަރަންޓު މައްސަލައަށް ރަނގަޅު ދާއިމީ ހައްލެއް ގެނެސް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ކުރިޔަށް ގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ ތެރެއިން މިއަދު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ މަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފެނަކައިގެ ބްރާންޗަތަކުގެ ހާލަތު ހުރީ ވަރަށް ދަށްކޮށެވެ.
"ހަމަ އެކަނި ކުންފުނި އެތައް ސަތޭކަ މިލިއަން ރުފިޔާއިން އެކި ފަރާތްތަކަށް ދަރާފައި އޮތީ އެކަންޏެއް ނޫން، ޖެންސެޓްތަކާއި އެކި ކަހަލަ އާލާތްތައް ހުރީ އެއް ގޮތަކަށް ވެސް މެއިންޓެއިން ނުކޮށް އެއް ގޮތަކަށް ވެސް ނުބަލަހައްޓާ ކަންފަތިވެފައި. އޭގެ ސަބަބުން އެތައް ރަށެއްގައި ވަނީ އެ ތަކެތި ބަދަލު ކުރަން ޖެހިފައި އެއީ އޮތް ހާލަތަކީ،" ރައީސް ތަފުސީލެއް ދެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން / ފެނަކައިން މިހާރު އެ މަސައްކަތް ފަށައިގެން މިއުޅެނީ ރަށްރަށުގައި އެ ގޮތަށް ބަދަލު ކުރަން ހުރި އެކިއެކި ޖަނެރޭޓަރުތައް ބަދަލު ކުރިމާއި އާ ޖަނެރޭޓަރުތައް ގެނައުމުގެ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރިޔަށް ގެންދަނީ ފެނަކަ އޮތް ހާލަތުން ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތާވެސް އެކުގައި ކަމަށެވެ.
"މި މަސައްކަތް ކުރިޔަށް ގެން އޮތީ ހަމައެކެނި ވިސްނުމެއް ނޫން، އަޅުގަނޑުމެންގެ ޓްރާންސިޝަން މަރުހަލާގައި އެއްކުރި މައުލޫމާތާއި ހަމައިން މަސައްކަތް ފަށާފައި ވަނީ މިހާރު ވެސް ބައެއް ރަށްތަކުގެ ކަރަންޓު މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެވިފައި ވަނީ. އެހެންވީމާ ކުރިޔަށް އޮތް ދުވަސްތަކުގައި ފެންނާނީ ފެނަކާއިގެ ހާލަތު ރަނގަޅު ކުރެވިގެންދާތަން، ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓު މައްސަލައަށް ރަނގަޅު ދާއިމީ ހައްލެއް ގެނެސް ދޭނަން،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ވަރަށް ގިނަ ރަށްތަކެއްގައި ކަރަންޓުގެ މައްސަލަތައް ދިމާވެ އެވެ. އަދި މި ދުވަސްވަރު ގިނަ ރައްތަކެއްގެ ކަރަންޓަށް ބޮޑެތި މައްސަލަތައް ދިމާވެ ބައެއް ރަށްތަކުގެ ކަންބޮޑުވުންތައް ހަމަނުޖެހުންތަކަށް ވެސް ބަދަލުވެފައި ވެއެވެ.