އަލީ ވަހީދުގެ މައްސަލާގައި ފައިސަލް: އޭނާއަށް މަޖިލީހުން ފުރުސަތު ނުދީ

"އަޅުގަނޑަށް އެނގޭ ވަރަށް ރަނގަޅަށް. އަޅުގަނޑު ބަލާލިން އެކަން ހިނގާފައި އޮތްގޮތް،" އަލީ ވަހީދު މައްސަލައާ ގުޅޭގޮތުން މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.

މިހާރުގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ އާއި ގޯނާ ކުރި މައްސަލައިގެ ތުހުމަތު ކުރެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައާ ގުޅޭގޮތުން މިހާރުގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒިފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ބޮޑެތި ތުހުމަތުތަކެއް އަލީ ވަހީދުގެ މައްޗަށް ކުރެވި އޭނާ މަގާމުން ދުރުކުރި އެވެ. އަދި ރައީސްގެ ހާއްސަ އެންގެވުމަށް ފުލުހުން ހިންގި ތަހުގީގަށް ފަހު ޖިންސީ ގޯނާގެ ހަތް ދައުވާއެއް އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި އެވެ. އެއީ ނޮވެމްބަރު 18، 2020 ގައެވެ. އެކަމަކު 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭނާ ވަނީ ރާއްޖެއިން ފިލާފަ އެވެ.

ފަހުން ކުއްލި ގޮތަކަށް އެ މައްސަލަތައް އަނބުރާ ނެގި އެވެ. ޕީޖީ އޮފީހުން ބުނީ ދައުވާތައް ގެނައީ އަނިޔާ ލިބުނު މީހުން އެކަމަށް އެދޭތީ ކަމަށެވެ. އޭގެ ފަހުން އަލީ ވަނީ އެނބުރި ރާއްޖެ ވަޑައިގެންފައެވެ.

އަދި އެމްޑީޕީއާ ގުޅިވަޑައިގެން ކުރިއަށް އޮތް މަޖިލީސް އިންތިހާބު ގައި ވާދަކުރަން އެ ޕާޓީގެ ޓިކެޓް، ޕްރައިމަރީ ގައި ވާދަ ކޮށް ހޯއްދެވި އެވެ. އަލީ ވާދަ ކުރަނީ ކުޅުދުއްފުށީ ދެކުނު ދާއިރާ އަށެވެ. ކެމްޕެއިން ވަރަށް ފޯރީގައި ހިންގަމުން ދަނިކޮށް އެކްސް ގައި ބަޔަކު ވަނީ އަލީ ވަހީދާ ދެކޮޅު ބަޔާންތައް ލީކުކޮށްލާފައެވެ.

އެއީ ސައްހަ ބަޔާންތަކެއް ކަމަށް ވަރަށް ގިނަ މަސްދަރުތަކުން ޔަގީންކޮށް ދެ އެވެ. އެ ބަޔާންތަކުގައި އަންހެން މުވައްޒިފުންނާ ޖިންސީ ގުޅުން ހިންގަން އަލީ ވަހީދު އަމަލުކުރި ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވެ އެވެ. 

ރޭ އޮތް ކެމްޕެއިން ހަރަކާތެއް ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ފަދަ ޝަރަފުވެރި ކަރަމާތްތެރި ތަނަކަށް ވަންނަން ނުޖެހޭ ފަދަ މީހުން އިންތިހާބު ގައި ވާދަ ކުރަމުންދާ ކަމަށެވެ. މިސާލެއްގެ ގޮތުން ފާހަގަ ކުރެއްވީ އަލީ ވަހީދު އެވެ. ނަމަވެސް އޭނާގެ ނަން ބޭނުމެއް ނުކުރައްވަ އެވެ.

ވިދާޅުވީ ކުޅުދުއްފުށީ ދާއިރާއަކަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓާމެދު ވިސްނަން ޖެހޭ ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް އެ ދާއިރާގެ ހުރިހާ އަންހެނުން އިހުތިޖާޖު ކުރަން ޖެހޭ ކަމަށެވެ. އަލީ ވަހީދުގެ މައްސަލައަށް އިޝާރާތް ކުރައްވާ ވިދާޅުވީ ކަން ހިނގާފައިވާ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާ އެކަން ހިނގާފައިވާ ގޮތް ވެސް ބެއްލެވި ކަމަށެވެ.

"އަޅުގަނޑަށް އެނގޭ ވަރަށް ރަނގަޅަށް. އަޅުގަނޑު ބަލާލިން އެކަން ހިނގާފައި އޮތްގޮތް،" އިތުރު ތަފްސީލު ނުދެއްވާ މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.

ފައިސަލް އެދިވަޑައިގަތީ އެފަދަ އެއްވެސް މެންބަރަކަށް މަޖިލީހުން ފުރުސަތު ނުދެއްވުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.