ގިރާވަރުފަޅުން މި ސައިޒުގެ ގޯތި ލިބިފައިވާ ފަރާތްތަކުން ހަތެއް އޭޕްރީލްގެ ނިޔަލަށް ހިޔާވަހި ޕޯޓަލް -- ބިންވެރިޔާ ސްކީމުގެ ލިންކް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށައެޅޭނެ އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ބުނެފި އެވެ.
ހައުސިން ލޭންޑް އެންޑް އާބަން މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައި ވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތް ކަމަށެވެ. އަދި ހިދުމަތްތަކާ އެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށާ އެ ގޯތިތައް ބަދަލު ކުރާނީ ގުޅިފަޅަށް ކަމަށެވެ.
އެ މިނިސްޓްރީން ވަނީ ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްސީލް ހިއްސާކޮށް ފައެވެ.
ގިރާވަރުފަޅުން މި ސައިޒުގެ ގޯތި ލިބިފައިވާ ފަރާތްތަކުން ހަތެއް އޭޕްރީލްގެ ނިޔަލަށް ހިޔާވަހި ޕޯޓަލް -- ބިންވެރިޔާ ސްކީމުގެ ލިންކް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި އަދަދަށް ވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ މީހުންގެ އަދަދު އިތުރުވާ ނަމަ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުން ކަމަށް ވެސް ބުންޏެވެ. މި ގުރުއަތު ނެގުން އޮންނާނެ ތާރީހެއް މިނިސްޓްރީން އާންމުކޮށް އިއުލާނު ކުރާނެ ކަމަށް ބުންޏެވެ.