އިތުރަށް ވިދާޅުވެފައި ވަނީ ފުލުހުންނަށް މިހާރު އަނިޔާ ކުރި ދެ ފިރިހެން ކުދިން ދެނެގަނެވިފައިވާ ކަމަށެވެ. ޝިފާން ވިދާޅުވީ އެއީ ވެސް ދެ ކުޑަކުދިން ކަމަށްވާތީ ފުލުހުން ކޮންމެހެން ހިންގަން ޖެހޭ ތަހުގީގެއް ހިންގަމުންދާ ކަމަށެވެ.
އއ. ރަސްދޫ މިސްކިތެއްގެ ތެރޭ ކުޑަކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާ ކުރި މައްސަލަ ބެލުމަށް މުއައްސަސާތަކުގެ ހާއްސަ ޓީމެއް އެރަށަށް ހިނގައްޖެ އެވެ.
ކުޑަ ކުއްޖަކަށް ބިރުދައްކައި އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ ރޭ ވަނީ އާންމުވެފަ އެވެ. ރޭ ތަރާވީސް ނަމާދު ވަގުތުގައި ކުއްޖާއަށް އަނިޔާ ކުރަނީ 18 އަހަރު ނުފުރޭ ދެ ފިރިހެން ކުދިންނެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފުލުހުންނާއި، ސޯޝަލް އެންޑް ފެމެލީ ޑިވެލިޕްމަންޓް މިނިސްޓްރީގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ އޮފިޝަލުން ހިމެނޭ ޓީމެއް ރަސްދޫގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އިތުރަށް ވިދާޅުވެފައި ވަނީ ފުލުހުންނަށް މިހާރު އަނިޔާ ކުރި ދެ ފިރިހެން ކުދިން ދެނެގަނެވިފައިވާ ކަމަށެވެ. ޝިފާން ވިދާޅުވީ އެއީ ވެސް ދެ ކުޑަކުދިން ކަމަށްވާތީ ފުލުހުން ކޮންމެހެން ހިންގަން ޖެހޭ ތަހުގީގެއް ހިންގަމުންދާ ކަމަށެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ މިސްކިތުގެ ވުލޫކުރާ ބަޔަަށް ކުއްޖާ ގެންގޮސް ވަރަށް ބޮޑަށް އަނިޔާކުރާ މަންޒަރެވެ. އެ ކުއްޖާއަށް ރަބަރުގަނޑާއެކު ކިއްލިއެއް ކާން މަޖުބޫރު ކުރުވަ އެވެ. އެ ނުކެއުމުން ވަރަަށް ބާރަށް އަތާއި ފައިން އެ ކުއްޖާއަށް ހަމަލާދީ އަނިޔާ ކުރެ އެވެ.
އަދި ކުއްޖާއަށް ހުތުރުބަހުން މުހާތަބުކޮށް ތަޅުން މަތީ އިށީންނަށް މަޖުބޫރު ކުރުވަ އެވެ. އަދި ކުޑަކަކޫ ޖަހާ އާދޭސް ކުރުމަށް އަންގަ އެވެ. ކުއްޖާ ބިރުން ހުރެ ކުޑަކަކޫ ޖެހުމުން ބޯމަތީ ފައިން ވަރަށް ބާރަށް ޖަހަ އެވެ. މުޅި ވީޑިއޯގައި 16 ފަހަރު އެ ކުއްޖާގެ ގައިގައި އަތާއި ފައިން ވަރަށް ބާރަށް ޖަހާ މަންޒަރު ފެނެ އެވެ.
ފުލުހުން ވަނީ އެ ވީޑިއޯ ދައުރު ނުކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. މި ހާދިސާގައި އަނިޔާ ލިބުނީ މަތިވެރި ކުއްޖަކަށެވެ.