ސަރުކާރުގައި ނެތް ފައިސާއިން މަޝްރޫއުތައް ނުހިންގަން މާލީ އިދާރާތަކުން އަބަދުވެސް ދިވެހި ސަރުކާރަށް އެތައް ފަހަރެއްގެ މަތީން ލަދާ ދީފައި ވެއެވެ.
ވޯލްޑް ބޭންކާއި އައިއެމްއެފުން ރާއްޖެއަށް އަބަދުވެސް ދޭ ލަފާއެއް އޮވެ އެވެ؛ ނެތް ފައިސާ ޖަހައިގެން މަޝްރޫއު ނުހިންގާށެވެ. ބަޖެޓުގައި އަދަދެއް ޖަހައިގެން ސަރުކާރުގެ އެސްއޯއީތައް މެދުވެރިކޮށް މަސައްކަތް ނުކުރުވާށެވެ. މީގެ ގެއްލުން ފަހުން ފެންނާނެ އެވެ. މިދިޔަ އަހަރަކީ މިގޮތަށް "ނެތް ފައިސާ" ގެ ގިނަ މަޝްރޫއުތަކެއް ހިންގި އަހަރެކެވެ. ނަތީޖާއަކީ ފެށި މަޝްރޫއުތައް ކުރިއަށް ގެންދަން ބަޖެޓުގައި ފައިސާ ނެތުމެވެ. އޭގެ ނަތީޖާއަކީ ހަރަދު ކުޑަ ކޮށްގެން ނޫނީ ކުރިއަށް ނުދެވޭ ވަރަށް ތާށިވުމެވެ. އަދި ދެވަނަ ޗޮއިސްއެއް ނެތިގެން ސަރުކާރުން ހަރަދު ކުޑަކުރަން ނިންމި އެވެ. ނަތީޖާއަކީ މި އަހަރުގެ ޖެނުއަރީ މަހު ސަރުކާރުން ޖުމްލަ ހަރަދު ކުރީ އަހަށްވުރެ 37 ޕަސެންޓް ކުޑަވެފަ އެވެ.
ފިނޭންސުން ނެރުނު ސަރުކާރުގެ އާމްދަނީއާއި ހަރަދުގެ މައުލޫމާތު ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހު ސަރުކާރުގެ ޖުމްލަ ހަރަދު ހުރީ 3,421.5 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް މިދިޔަ އަހަރު ހަރަދު އިތުރުވުމުން 5,320.4 ބިލިއަން ރުފިޔާގައި ހުރިކަމަށް ދައްކަ އެވެ. ޖުމްލަ ހަރަދު ގާތްގަނޑަކަށް 37 ޕަސެންޓް ދަށްވެފައިވެ އެވެ.
ޖެނުއަރީ މަހު ރިކަރަންޓް ހަރަދުތައް ހުރީ 2,596.1 ބިލިއަން ރުފިޔާގަ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ހަރަދު ހުރީ 3,014.5 ބިލިއަން ރުފިޔާގަ އެވެ. ރިކަރަންޓް ހަރަދު ވެސް ވަނީ 14 ޕަސެންޓް ކުޑަ ކޮށްފަ އެވެ.
މި އަހަރުގެ ޖެނުއަރީ މަހާ ހަމަ އަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ބަޖެޓުން ހޭދަ ކޮށްފައި ވަނީ 445.8 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު މި ބަޔަކަށް 1,834.5 ބިލިއަން ހަރަދުކޮށްފައިވެ އެވެ.
ސަރުކާރުން މިދިޔަ އަހަރުގެ ނިޔަލަށް ޖުމްލަ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ޖުމްލަ 1،780 ޕްރޮޖެކްޓެއް ހިންގަމުން ދިޔަ އެވެ. މީގެ އިތުރުން އަލަށް 300 މަޝްރޫއެއް ފަށަން އޮތީ ނިންމާފަ އެވެ.
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މަޖިލީހުގައި ވިދާޅުވެފައިވާ ގޮތުގައި މި ޕްރޮޖެކްޓްތައް ރިވިއުކޮށް އެންމެ މުހިންމު ޕްރޮޖެކްޓްތައް ނޫނީ މިވަގުތު ނުހިންގާނެ އެވެ.
"ހާލަތަށް ބަލާފައި އެންމެ މުހިއްމު ޕްރޮޖެކްޓްތައް ގެންދާނީ. ކޮންމެ ޕްރޮޖެކްޓަކީ މުހިއްމު ޕްރޮޖެކްޓަކަށް ވެގެން މިހާރު ވެސް އެ ކުރިއަށް ގެންދިއުން. މިހާލަތުގައި އެބަ މަޖުބޫރުވޭ ވަރަށް ބޮޑަށް ވިސްނާފައި ރިވިއުކޮށްފައި ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ ޕްރޮޖެކްޓްތައް ނޫން ޕްރޮޖެކްޓްތައް ޓައިމްލައިނަކަށް ބަހާލައިގެން ކުރިއަށް ގެންދިއުން،" ޝަފީގު ވިދާޅުވި އެވެ.
މި އަހަރު ހިންގަން ބަޖެޓު ފޮތުގައި 8.6 ބިލިއަން ރުފިޔާ ކަނޑައަޅާފަ އެވެ. މީގެތެރޭގައި ހިމެނެނީ އެއާޕޯޓު އެޅުމަށާއި ދަތުރުފަތުރުގެ ނިޒާމަށް 3.2 ބިލިއަން ރުފިޔާ އާއި ބިން ހިއްކުމުގެ މަޝްރޫއުތަކަށް 1.6 ބިލިއަން ރުފިޔާއެކެވެ.