މި ދަތުރުފުޅުގައި ރައީސް ސޯލިހް ވަޑައިގަންނަވާނީ ހދ. ގެ ދެ ރަށަކާއި ހއ. ގެ ދެ ރަށަކަށެވެ އެއީ ނާވައިދޫ އާއި ފިނޭގެ އިތުރުން އުތީމާއި ދިއްދޫ އެވެ. ފުރަތަމަ ރަށަކަށް އެމަނިކުފާނު ވަޑައިގަންނަވާނީ ނާވައިދޫއަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އުތުރުގެ ހަތަރު ރަށަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ. ރައީސްގެ މި ދަތުރު އޮތީ މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ.
ވަޑައިގަންނަވާނީ ހދ. ގެ ދެ ރަށަކާއި ހއ. ގެ ދެ ރަށަކަށެވެ. އެއީ ނާވައިދޫ އާއި ފިނޭގެ އިތުރުން އުތީމާއި ދިއްދޫ އެވެ. ފުރަތަމަ ރަށަކަށް އެމަނިކުފާނު ވަޑައިގަންނަވާނީ ނާވައިދޫއަށެވެ. ރައީސް މިވަގުުތު ހުންނެވީ ހަނިމާދޫގައެވެ. ކުޑައިރުކޮޅެއްތެރޭ ނާވައިދޫއަށް ފުރާވަޑައިގަންނަވާނެ އެވެ.
މި ދަތުރުފުޅުގައި މި ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާނެ އެވެ. އަދި ފެނުގެ ނިޒާމުގެ ހިދުމަތް ދޭ އެޑްމިން ބިލްޑިން ބައްލަވާއްވާނެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހަތަރު ރަށުގެކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުންނާއި ބައްދަލު ކުރައްވާނެ އެވެ. އެގޮތުން މި ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ފަަހު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ސަރުކާރުން ނާވައިދޫގައި މިހާރުވެސް މުހިންމު މަސައްކަތްތަކެއް ދަނީ ހިންގަމުންނެވެ. ބައެއް މަަސައްކަތްތައް ވަނީ ނިމިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދެން އެމަނިކުފާނު ވަޑައިގަންނަވާނީ މި އަތޮޅު ފިނޭ އަށެވެ. މިއަދު މެންދުރު އެ ރަށަށް ވަޑައިގެން ފިނޭގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވާނެ އެވެ. އަދި ފިނޭގައި އަލަށް އިމާރާތް ކުރި އިންޖީނުގެ ހުޅުއްވައި ދެއްވާނެ އެވެ. މި ދެ ރަސްމިއްޔާތުވެސް އޮންނާނީ އެކު އެކީއެވެ.
އޭގެ ފަހުން އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ސަރުކާރުން ފިނޭގައިވެސް މުހިންމު މަސައްކަތްތަކެއް ދަނީ ހިންގަމުންނެވެ. ބައެއް މަަސައްކަތްތައް ވަނީ ނިމިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އުތުރު ދަތުރުފުޅުގައި މިއަދު ހަވީރު އުތީމަށް ވަޑައިގަންނަވާނެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެެކަނބަލުންގެ ޝަރަފުގައި އުތީމު ރައްޔިތުން ދެއްވާ ޖާފަތެއް މިރޭ އޮންނާނެ އެވެ. އަދި ތަކުރުފާނު ވާހަކަ އާއި ބައެއް މުނިފޫހިފިލުުވުމުގެ ހަރަކާތްތަކާއެކު ޝަގާފީ ޝޯއެއްވެސް އުތީމުގައި މިރޭ އޮންނާނެ އެވެ.
މި އަހަރުގެ ގައުމީ ދުވަހުގެ ރަސްނމީ ޖަލްސާ އޮންނާނީ އުތީމުގައެވެ. އެ ޖަލްސާގައި ރައީސްގެ ދެކަނބަލުންނާއި ސަރުކާރުގެ އިސް ވެރީން ބައިވެރިވެވަޑައިގަންނަވާނެ އެވެ. މީގެ އިތުރުން މިރޭ ފަތިހު އުތީމު، ގަނޑުވަރު މައިދާނުގައި އޮންނަ ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައިވެސް ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ހއ. އާއި ހދ. އަދި ށ. އަތޮޅުގައި މިހާރު ފަށާފައިވާ އާރުޓީއެލް ފެރީގެ ހިދުމަތް ކުރިއަށްދާ ގޮތް މި ދަތުރުފުޅުގެ ތެރެއިން ރައީސް ބައްލަވާ ލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސް ސޯލިހްގެ ވެރިކަމަށް ވަޑައިގެން ހއ. އަދި ހދ. ގައި ތަރައްގީގެ މުހިންމު މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން ހދ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު އާއި ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަޝްރޫއާއި ފެނާއި ނަރުދަމާ ނެތް ހުރިހާ ރަށެއްގައި އެ މަސައްކަތްތައް ކުރިއަށް ދިއުން ފާހަގަ ކުރެ އެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއުގައި ރޭ ވަނީ ސޮއި އަޅާފައެވެ.