އެންމެ ބޮޑު ގުނުން: ބައެއް ރަށްރަށް ނިމި، މުޅީން ނިމުމާ ގާތަށް

ބޯހިމެނުން ނިންމުމަށް ފަހު، އާބާދީ އާއި ގޭބިސީ އަދި އިގްތިސޯދީ މަސައްކަތުގެ އިތުރުން ދިވެހިންނާއި ބިދޭސީންގެ އާބާދީ އިއުލާނު ކުރާނެ އެވެ. ފުރަތަމަ ނެރޭނީ ވަގުތީ ނަތީޖާއެކެވެ. ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނު ކުރާނީ އޮކްޓޫބަރު ހަވަނަ ދުވަހު އެވެ. ދާއިމީ ނަތީޖާ އިއުލާނު ކުރާނީ ގައުމީ ތަފާސް ހިސާބުގެ ދުވަސް ކަމަށްވާ އޮކްޓޫބަރު 20 އެވެ.

ރަށެއްގައި އެމްބީސީގެ އެނިއުމަރޭޓަރުން ބޯހިމެނުގެ މައުލޫމާތު ނަގަނީ -- އެމްބީއެސްގެ ފޮޓޯއެއް

ނުވަ އަހަރު ފަހުން ރާއްޖޭގެ އާބާދީ އާއި ދިރިއުޅޭ ތަންތަނާއި އިގްތިސޯދީ މަސައްކަތާ ގުޅޭގޮތުން ތަފާސްހިސާބު އެއްކުރަން މުޅި ރާއްޖޭގައި ކުރިއަށްދިޔަ ބޯހިމެނުން ބައެއް ރަށްރަށުގައި ނިންމާލައި، ބައެއް ރަށްތައް ނިމުމަކާ ކައިރިއަށް މަސައްކަތް ގެންގޮސްފި އެވެ. މިއީ ރާއްޖޭގެ އާބާދީ އާއި ގުޅުން ހުރި ކަންކަމާ ގުޅޭ ތަފާސްހިސާބު ދެނެގަތުމަށް ކުރާ ގައުމީ އެންމެ ބޮޑު މަސައްކަތެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ގެ ސީނިއާ ސްޓެޓިސްޓިކަލް އޮފިސަރު އައިމިނަތު މުޝްފިގާ އިބްރާހިމް "މި" ނޫހަށް ވިދާޅުވީ ބައެއް ރަށްރަށުގައި ބޯހިމެނުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ބައެއް ރަށްރަށް ނިމުމަކާ ގާތް ވެފައިވާ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ މިރޭ ވަގުތެއްގައި މުޅި ރާއްޖޭގެ ބޯހިމެނުމުގައި ފުރިހަމަ އަޕްޑޭޓެއް ދެވޭ ވަރުވާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.

އެމްބީއެސް އިން ކުރިން ބުނެފައިވާ ގޮތުގައި މި އަހަރުގެ ބޯހިމެނުގައި މައުލޫމާތު ނުދިނުމުގެ މައްސަލަތައް ނިސްބަތުން ކުޑަ އެވެ. ނަމަވެސް ބައެއް ތަންތަނަށް ވަނުނުމުގައި ކޮންމެ ވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވި އެވެ.

ސްޓެޓިސްޓިކްސް ބިއުރޯގެ އެނިއުމަރޭޓަރަކު އޭނާގެ ޓެބްގެ އެހީގައި ބޯހިމެނުމުގެ މައުލޫމާތު ނަގަނީ

މިމަހުގެ 13 އިން ފެށިގެން ކުރިއަށްދާ ބޯހިމެނުގެ މަސައްކަތުގައި އެނިއުމަރޭޓަރުން ލިބުން ދަތިވުމުގެ ސަބަބުން މާލޭގައި ބޯހިމެނުން ވަނީ 27 ވަނަ ދުވަހަށް އިތުރު ކޮށްފަ އެވެ.

ރާއްޖޭގައި ބޯހިމެނުމާއި އެ ގައުމީ މަސައްކަތުގެ މާޒީއާބެހޭ ގޮތުން "މި" ނޫހުގައި ލިޔުނު ރިޕޯޓެއް

މި ފަހަރުގެ ބޯހިމެނުގައި 4300 އަށްވުރެ ގިނަ އެނިއުމަރޭޓަރުން ބައިވެރިވެ އެވެ. އަދި މާލޭގައި އެކަނި ވެސް 1،800 އެނިއުމަރޭޓަރުން ހަރަކާތްތެރި ވެއެވެ. ބޯހިމެނުގެ މައި މަރުކަޒު ހުންނަނީ ދަރުބާރުގޭގަ އެވެ. މި ސެންޓަރުގެ އިތުރުން ގްރޭޓާ މާލެ ސަރަހައްދުގައި ހުޅުމާލެ އަދި ވިލިމާލޭގައި ވެސް ސެންޓަރެއް ހަދާފައި ވެއެވެ.

ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނު ކުރާނީ އޮކްޓޫބަރު ހަވަނަ ދުވަހު އެވެ. އަދި ދާއިމީ ނަތީޖާ އިއުލާނު ކުރާނީ ގައުމީ ތަފާސް ހިސާބުގެ ދުވަސް ކަމަށްވާ އޮކްޓޫބަރު 20 އެވެ.

މި ފަހަރުގެ ބޯހިމެނުމުގެ ވާހަކަ

  •  ރާއްޖޭގެ އާބާދީ އާއި މީހުން ދިރިއުޅޭ ތަންތަނުގެ މައުލޫމާތު
  •  އިގްތިސޯދީ މަސައްކަތް ކުރާ ތަންތަނުގެ މައުލޫމާތު
  •  މާލެ އާއި ރަށްރަށުގައި، އެކިއެކި މަސައްކަތް ކުރާ ތަންތަނާއި ކުރާ މަސައްކަތާއި ވަޒީފާ އަދާކުރާ މީހުންގެ އަދަދު
  •  4،000 އަށް ވުރެ ގިނަ އެނިއުމަރޭޓަރުން
  •  މާލެއަށް 1،800 އަށް ވުރެ ގިނަ އެނިއުމަރޭޓަރުން
  •  މައުލޫމާތު ނެގުމުގައި ބޭނުން ކުރަނީ ޓެބްލެޓް
  •  ޝިއާރަކީ "މިއީ އަހަރުމެންގެ ބޯ ހިމެނުން، އަހަރުމެން ވެސް ބައިވެރިވާނަން"

ރާއްޖޭގައި ކުރިން ވެސް އެކި ސިފަ ސިފައިގައި ބޯހިމަނަ އެވެ. އެކަމަކު ރަސްމީ ސިފައެއްގައި ފުރަތަމަ ރާއްޖޭގައި ބޯހިމަނާފައިވަނީ 1911 ވަނަ އަހަރުގެ ތެރޭގަ އެވެ. ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައި ވަނީ މީގެ އަށް އަހަރު ކުރިން 2014 ވަނަ އަހަރު އެވެ. އޭރުގެ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ. ނަމަވެސް ސްޓެޓިކްސްގެ އެންމެ ފަހުގެ ލަފާ ކުރުމުގެ މައްޗަށް އެކުލަވާލި ތަފާސްހިސާބު ދައްކާ ގޮތުން މިއަހަރު ނިމޭއިރު 579،330 މީހުން ދިރިއުޅޭ އެވެ. ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން 45 ޕަސަންޓަކީ ޒުވާނުންނެވެ. ޒުވާނުންގެ އާބާދީގައި ދިވެހި ޒުވާނުންގެ ޕަސެންޓަކީ 47 އެވެ. ބިދޭސީ ޒުވާނުންގެ ޕަސެންޓަކީ 53 އެވެ. ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީންގެ އެކަށީގެންވާ މައުލޫމާތު އެއްކުރެވެމުން ނުދެ އެވެ. ނަމަވެސް އަންދާޒާ ކުރެވޭ ގޮތުގައި 200،000 ބިދޭސީން މިހާރު އުޅޭނެ އެވެ.

ކޮމެންޓް

4
450
ނުދަންނަ އެނިއުމިނޭޓަރު
1 year ago

ބޯހިމަނާލަން އަންނާނެ ކުއްޖަކު މިއަދަކު ނުވި

ދަންނަ ނުދަންނަ އެނިއުމިރޭޓަރު
1 year ago

މުސްފިގާ ބޯހިމަނާކަށް ނޭނގެ

އެނިއުމަރޭޓަރު
1 year ago

މުޝްފިގާ މެން އަބަދުވެސް ބުނަނީ ގޭގެއަކުން މަކަރެއް ނުހަދައޭ މައުލޫމާތު ދެއޭ މީހުންނަށް ޖެއްސުމެއް ނުކުރެއޭ އެކަމަކު ބައެއް އެނިއުމަރޭޓަރުންނަށް ބުލީ ކުރުމާއި ހޮސްޓްޖް ކުރުން ކަހަލަ ކަންކަމާއި ގަޔަށް އަތްލުމާއި ހެސްކިޔާފައި ބަވާލުވެސް އައިސްފައިވޭ

އަލީ އަމްޖަދު
1 year ago

މުއްދަތު އިތުރުކޮށްފައި ވަނީ މާދަމާގެ ނިޔަލަށެވެ. އެކަމަކު އަސްލުގައި ބޯހިމެނުމުގެ މީގެ ކުރީން ދެމުން އައި ފަދަ އެއްބާރުލުމެއް މިފަހަރު ނުދެ އެވެ. އެހެންވެ އަދިވެސް މުޅީން ނިންމާލެވިދާނެ ކަމާމެދު ޝައްކެވެ. އެކަމަކް ބޯހިމެނުމަށް ކޮށްފައި ވަނީ ބުރަ ބޮޑު މުހިންމު މަސައްކަތެކެވެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.