އެމްއެމްއޭން ބޭންކްތަކަށް ދޫކުރާ ޑޮލަރު 70 ޕަސެންޓް އިތުރު ކުރަނީ

އެމްއެމްއޭއިން ވަނީ މި އަހަރު 340 މިލިއަން ޑޮލަރު ބޭންކްތަކަށް ދޫކުރާނެ ކަމަށް ބުނެފަ އެވެ. މި އަދަދު 2022 ގައި ހުރީ 267 މިލިއަން ޑޮލަރުގަ އެވެ.

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކްތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް މި އަހަރު ގާތްގަނޑަކަށް 70 ޕަސެންޓް އިތުރުވާނެ ކަމަށް ބެލެވިއްޖެ އެވެ.

އާއްމުންގެ ބޭނުންތަކާއި ވިޔަފާރިވެރިންނަށް ވިއްކަން ބޭންކްތައް މެދުވެރިކޮށް ދޫކުރަން އެމްއެމްއޭ އިން 2022 ވަނަ އަހަރު 267 މިލިއަން ޑޮލަރު ވަނީ ބޭންކްތަކަށް ދޫކޮށްފަ އެވެ. ނަމަވެސް މި އަހަރު މި އަދަދު 340 މިލިއަން ޑޮލަރަށް އިތުރު ކުރަން އެމްއެމްއޭއިން ވަނީ ނިންމާފަ އެވެ. 

ޕަސެންޓޭޖުން ބަލާނަމަ މިއީ ގާތްގަނޑަކަށް 70 ޕަސެންޓަށްވުރެ އިތުރު ވުމެކެވެ. އަދި މިއީ ގާތްގަނޑަކަށް 70 މިލިއަން ޑޮލަރުގެ އިތުރު އަދަދެކެވެ. 

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވިދާޅުވި ގޮތުގައި މި އަހަރު ބޭންކްތަކަށް ދޫކުރާ ޑޮލަރުގެ އަދަދު މި އަހަރު އިތުރު ކުރާނެ އެވެ. 

"އަޅުގަނޑުމެން ބޭންކްތަކަށް އިންޓަވެންޝަން [ބޭންކަށް ވިއްކާ ޑޮލަރު] ވާނީ މިދިޔަ އަހަރަށްވުރެ އިތުރު ކުރެވިފަ. މި އަދަދު ކުރިއަށްވުރެ ވެސް ރަނގަޅަށް 2024 ވަނަ އަހަރު ދެވޭނެ،" އިމާދު ވިދާޅުވި އެވެ. 

ޑެޕިއުޓީ ގަވަނަރުނަރު އިމާދު ސްޕެސިފިކްކޮށް ބީއެމްއެލްގެ ނަން ފާހަގަކޮށް ވިދާޅުވީ ޑޮލަރުގެ ކަންތަކުގައި ބައެއް އަޑުތައް އިވޭ ކަމަށާ، ނަމަވެސް އެ ބަދަލަކީ ބީއެމްއެލްގެ ވިޔަފާރީގެ އޮޕަރޭޝަނަށް ގެނެވިގެން އުޅޭ ބަދަލެއް ކަމަށް ބެލެވޭ ކަމަށެވެ. 

"އެމްއެމްއޭ އިން 2023 ވަނަ އަހަރަށްވުރެ 2024 ވަނަ އަހަރު ދޫކުރާ އަދަދު އިތުރުވާނީ،" އިމާދު ވިދާޅުވި އެވެ. 

ސަރުކާރުން ވަނީ ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ބުނެފަ އެވެ. އެކަން މިހާރު ވެސް އިގްތިސޯދުން ފެންނަން ވަނީ ފަށާފަ އެވެ. މީގެ ސަބަބެއްގެ ގޮތުގައި ސަރުކާރުން ބުނަނީ ފައިސާ ޗާޕު ކުރުން ހުއްޓާލުމެވެ. އަނެއް ސަބަބަކީ ޑޮލަރަށް ޑިމާންޑް އަންނަ ފުރުސަތުތައް މިހާރު ނެތުމެވެ. މީގެތެރޭގައި އުމްރާ / ހައްޖުގެ ސީޒަން ދިއުމާއި ރޯދަ މަހުގެ އިމްޕޯޓަށް ޑޮލަރު ވިޔަފާރިވެރިން ހޯދާފައިވުން އަދި ސަރުކާރުން ދައްކަން ޖެހޭ ކުރު މުއްދަތުގެ ލޯނެއް ނެތުން ހިމެނެ އެވެ. 

ރާއްޖެއަށް ލިބޭ ޑޮލަރުގެ ބޮޑުބައި ސަރުކާރަށް

އެމްއެމްއޭގެ 2022 ގެ އަހަރީ ރިޕޯޓުގައިވާ ގޮތުގައި ރާއްޖޭގެ އެތެރޭގެ ބޭނުންތަކަށް 993.7 މިލިއަން ޑޮލަރު ނުވަތަ ބިލިއަނެއްހާ ޑޮލަރު (ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާ) ވަނީ ވިއްކާފަ އެވެ. މިއީ މިދިޔަ އަހަރު ޑޮމެސްޓިކް މާކެޓަށް ވިއްކި ޑޮލަރުގެ އަދަދާ ބަލާއިރު 53 ޕަސެންޓް އިތުރު އަދަދެކެވެ. މި ޑޮލަރުގެ ބޮޑުބައި ނުވަތަ 73 ޕަސެންޓް ދޫކޮށްފައި ވަނީ އެސްއޯއީތަކަށެވެ. ނުވަތަ ސަރުކާރު ކުންފުނިތަކަށެވެ. 

  •  ސަރުކާރު ކުންފުނިތަކަށް: 726 މިލިއަން ޑޮލަރު (%73)
  •  ބޭންކްތަކަށް: 267.7 މިލިއަން ޑޮލަރު (%19.3)
  •  ބޭރަށް ފުރާ މީހުންނަށް: 60.9 (%7.7)

މައްސަލައަކީ ޑޮލަރު ނުހިފެއްޓުން

ރާއްޖޭގެ ބޭންކްތަކުގައި ޑޮލަރު ހިފެހެއްޓޭނެ މެކޭނިޒަމެއް ނެތުމަކީ ރާއްޖޭގައި ޑޮލަރުގެ އަގު ދަށް ނުވާ ސަބަބެވެ. ޓޫރިޒަމުން އަހަރަކު 4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނުނަމަވެސް މި ފައިސާގެ ކުޑަ މިންވަރެއްވެސް ހިފެހެއްޓޭނެ މެކޭނިޒަމެއް ނެތެވެ. މީގެ ބަދަލުގައި މުޅިންވެސް ހުރީ ޑޮލަރު ބޭރުވާނެ ދޮރުތަކެވެ. އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ބިދޭސީން މުސާރައަށް 556.6 މިލިއަން ޑޮލަރު (8.5 ބިލިއަން ރުފިޔާ) އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.