ފަހަކަށް އައިސް މިސްކިތްތަކުން ވައްކަން ކުރުމާއި މިސްކިތްތަކަށް ގެއްލުން ދިނުމުގެ މައްސަލަތައް ގިނަވެފައި ވެއެވެ.
އެ މިސްކިތުން ފަންކާ ވަގަށް ގެންދާ މަންޒަރު ދައްކުވައިދޭ ވިޑިއޯކޮޅެއް އާންމު ކުރުމަށް ފަހު މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ތިން ރޭ މަތިން ތަގުވާ މިސްކިތަށް ވަގުން އަރައި އެ މިސްކިތުން ހަތް ފަންކާ ވަގަށް ނަގާފައިވާ ކަމަށެވެ.
އަދި ބުނީ އެ މިސްކިތުން ފަންކާތައް ވަގަށް ނަގާ ވީޑިއޯ ފުޓޭޖް މިހާރު ވަނީ ފުލުހުންނާއި ހިއްސާ ކޮށްފައި ވެސް ވާނެ ކަމަށެވެ.
ތަގުވާ މިސްކިތުގެ ފަންކާތައް ވަގަށް ގެންދިޔައިރު މާލޭގެ ދަރުމަވަންތަ މިސްކިތުގެ ފެންމޯޓަރު ވެސް ވަނީ ރޭ ވަގަށް ނަގާފަ އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ ކުށް ހިންގި ތަނަށް ހާޒިރުވެ ކުށުގެ ވެށީން ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފަހަކަށް އައިސް މިސްކިތްތަކުން ވައްކަން ކުރުމާއި މިސްކިތްތަކަށް ގެއްލުން ދިނުމުގެ މައްސަލަތައް ގިނަވެފައި ވެއެވެ.