ކަނޑުގެ ވަކި ސަރަހައްދަކަށް ވަނުން މަނާކޮށްފައިވާ ސަރަހައްދަކަށް ވަދެ ފިނަމަ އެ ފަރާތެއްގެ ލައިސަންސް މަސްދުވަހަށް ހިފެހެއްޓޭނެ ކަމަށް ބުންޏެވެ.
މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅިފަޅު ކަނޑުއޮޅި ބަންދުކަން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އިން ހަނދާން ކޮށްދީފި އެވެ.
މާލެ އާއި ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ދެމެދުގައި އޮންނަ ކަނޑުއޮޅި ބަންދު ކޮށްފައިވަނީ ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތް ހިނގާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އިން ބުނީ މާލެ އާއި ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ދެމެދުގައި އޮންނަ ކަނޑުއޮޅި ބަަންދުކޮށްފައިވީ ނަމަވެސް އަދިވެސް ގިނަ އުޅަނދުތަކުން އެ ކަނޑުއޮޅި ބޭނުން ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
ވިލިމާލެ ބުރިޖު އެޅުމުގެ މަސައްކަތްތައް ކުރިއަށް ދާ ވަގުތުތަކުގައި އެ ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ މާލެ އާއި ވިލިމާލެ އާއި ދެމެދުގައި އޮންނަ ކަނޑުއޮޅި ބަންދުކޮށްފައިވާކަން މިނިސްޓްރީން ވަނީ ހަނދާން ކޮށްދީފައެވެ.
އަދި ދެކުނުގެ އަތޮޅުތަކުން ގާދޫކޯ ހުރަސްކޮށް ދަތުރު ކުރާ އުޅަނދު ފަހަރަށް މާލެ އާއި ހުޅުމާލެ އާއި ދެމެދު ގާއިމުކޮށްފައިވާ ބްރިޖް ސަރަހައްދުން ދަތުރު ކުރުމަށް އެ ސަރަހައްދު އާއްމުކޮށް ހުޅުވާލާފައިވާ ކަމަށް ވަނީ ބުނެފައެވެ.
އެ ވުޒާރާ ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަވާއިދުގެ ދަށުން ކަނޑުގެ ވަކި ސަރަހައްދަކަށް ވަނުން މަނާކޮށްފައިވާ ސަރަހައްދަކަށް ވަދެ ފިނަމަ އެ ފަރާތެއްގެ ލައިސަންސް މަސްދުވަހަށް ހިފެހެއްޓޭނެ ކަމަށެވެ.