ހާފިޒް ސަލްމާން މުހައްމަދު ލަތީފާއި ހާފިޒް ސުލްތާން މުހައްމަދު ލަތީފް އަކީ މަރުކަޒުގެ އިސް އިމާމު އައްޝައިހް މުހައްމަދު ލަތީފް އަލީގެ ދެ ބޭފުޅުންނެވެ. އެއީ ކީރިތި ގުރުއާން ހިތުދަސް ވަރަށް ކީރިތިކޮށް ގުރުއާން ކިޔަވާ ދެ ބޭފުޅުންނެވެ.
މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު) ގައި އިމާމުވެ ތަރީވީސް ކުރެއްވުން އިސްލާމީ މަރުކަޒުގެ އިސް އިމާމު އައްޝައިހް މުހައްމަދު ލަތީފް އަލީގެ ދެ ބޭފުޅުންނާއި ހަވާލު ކުރައްވައިފި އެވެ.
މިއަދަށް ރަމަޟާން މަސް ދެބައިވީ އެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިރެއިން ފެށިގެން ރަމަޟާން މަސް ނިމެންދެން އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީސް ނަމާދު ކުރާނީ ހާފިޒް ސަލްމާން މުހައްމަދު ލަތީފާއި ހާފިޒް ސުލްތާން މުހައްމަދު ލަތީފް ކަމަށެވެ.
ރެއާ ހަމައަށް މަރުކަޒުގައި އިމާމުވެ ތަރާވީހް ނަމާދު ކުރަމުން އައީ ހާފިޒް ސުލްތާން މުހައްމަދު ލަތީފް އާއި މަރުކަޒުގެ އިމާމު އައްޝައިހް އިބްރާހިމް ރަޝީދު އެވެ. މި ބަދަލު ގެނައި ވަކި ސަބަބެއް މިނިސްޓްރީން ނުބުނެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ހަމައެކަނި ވިދާޅުވީ މިރެއިން ފެށިގެން ރަމަޟާން މަސް ނިމެންދެން އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީސް ނަމާދު ކުރާނީ ހާފިޒް ސަލްމާން މުހައްމަދު ލަތީފާއި ހާފިޒް ސުލްތާން މުހައްމަދު ލަތީފް ކަމަށެވެ.