އުމްރާއަށް ފުރާ މީހުންނަށް ފަސޭހަކޮށްދިނުމަށް އެމްއޭސީއެލް އިން ވަނީ މި އަހަރުވެސް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނި ގޮތުގައި އުމްރާގެ އަޅުކަން އަދާކުރަން މިއަދު ވަނީ ގިނަ ބަޔަކު ސައޫދީ އަރަބިއްޔާއަށް ފުރާފަ އެވެ. އުމްރާވެރިންނަށް ފަސޭހައިން ކަންކަން ހަމަޖައްސަން އެމްއޭސީއެލްއިން ވަނީ ވީއައިއޭގައި ގިނަ އިންތިޒާމުތަކެއް ކޮށްފަ އެވެ.
ވީއައިއޭ ބަލަހައްޓާ އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ މެނޭޖަރު ޝަމްއާން ޝާކިރު ވިދާޅުވީ އުމްރާއަށް ފުރާ މީހުން އައުމުގެ ކުރިން ލަޖެކް ގެންގޮސް ޗެކިން ކުރުމުގެ ހިދުމަތުގެ އިތުރުން އުމްރާއަށް ފުރާ މީހުންނަށް ވީއައިއޭގައި ހާއްސަ ކިއުއެއް ވެސް ހަދާފައިވާނެ ކަމަށެވެ.
"ވީއައިއޭ އަށް މި ދުވަސްވަރު ވަރަށް ބާރުބޮޑު. އެހެންވެ ހުރިހާ ފަސިންޖަރުންނަށް ވެސް ޖާގަ އޮތް މިންވަރަކުން އެންމެ ފުރިހަމަ ހިދުމަތްދޭން މިދަނީ މަސައްކަތް ކުރަމުން. އެއާޕޯޓަށް ދިޔަ އާއިލާގެ ފަރާތްތަކަށް ބައްދަލު ކުރުމުގެ ހާއްސަ އިންތިޒާމު ތަކެއް ވެސް ވާނީ ހަމަޖައްސާފަ،" ޝަމްއާން ވިދާޅުވި އެވެ.
ދަތުރުކުރާ ފްލައިޓްތައް - ވީއައިއޭއިން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު އެންމެ ގިނަ ބަޔަކު ދަތުރުކޮށްފައިވަނީ ސައުދީއެއާއިންނެވެ. މި އެއާލައިނުން 131 މީހަކު ވަނީ ފުރާފަ އެވެ.
އުމްރާއަށްދާ ދިވެހިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ ގިނަ މަސައްކަތްތަކެއް މި އަހަރުވެސް ކޮށްފަ އެވެ. މިކަން ހަމަޖައްސަން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ.