ސްޓެލްކޯގެ ހިސާބުތައް ދައްކާ ގޮތުގައި މިހާރު ކަރަންޓު ބޭނުން ކުރާ މިންވަރު އުޅެނީ 104 މެގަވޮޓުގަ އެވެ. އެމްޑީ ވަނީ ކަރަންޓު އިގްތިސޯދު ކުރަން އެދިވަޑައިގެންފަ އެވެ.
މާލެ ސަރަހައްދުގައި މިހާރު ދުވާލެއްގެ މައްޗަށް ކަރަންޓު ބޭނުން ކުރެވޭ އެންމެ މަތީ މިންވަރަކީ 120 މެގަވޮޓް އެވެ. މި ރޯދަ މަހު މިވަނީ ކަރަންޓުގެ ލޯޑް 100 މެގަވޯޓަށް ވުރެ މަތިވެފަ އެވެ. މިއީ ސަމާލުވާން ޖެހޭ ކަމެއްގެ ގޮތުގައި ސްޓެލްކޯއިން ފާހަގަ ކުރެ އެވެ.
ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމި ވިދާޅުވި ގޮތުގައި ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އެވްރެޖް މަހެއްގައި ގްރޭޓާމާލެ ސަރަހައްދު ގައި ކަރަންޓް ލޯޑް ހުންނަނީ 94 މެގަވޮޓްގަ އެވެ. އެކަމަކު މި ދުވަސްވަރު 104.7 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުން ކުރަމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މިދުވަސްވަރަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރުކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީއާއި އަދި ރޯދަ މަހަކީ، ކަރަންޓުގެ ބޭނުންކުރާ މިންވަރު އެހެން މަސްމަހަށްވުރެ އިތުރު މަހަކަށްވުމުން މިދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެދެން،" ފަހުމީ އެކްސްގައި ވިދާޅުވެފައިވެ އެވެ.
ފަހުމީ ވަނީ މާލެ ސަރަހައްދުގެ ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ވީހާ ވެސް ކުޑަ ކުރުމަށް އެދިވަޑައިގެންފަ އެވެ. އެގޮތުން ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމާއި، މި ދުވަސްވަރު ކަރަންޓު އިގުތިސާދު ކުރުމަށް ސަމާލު ކަން ދިނުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
ކަރަންޓު ލޯޑު މަތިވަނީ ކީއްވެ ؟ ކަރަންޓުގެ ލޯޑް މަތިވާ މައިގަނޑު ސަބަބަކީ ފިނިކުރަން ބޭނުން ކުރާ ތަކެތި ޖެއްސުމުގައި ސަމާލުކަން ދޭންވާ ވަރަށް ނުދިނުމެވެ. ހާއްސަކޮށް އެއާކޮންޑިޝަން ބޭނުން ކުރުމުގައި ސަމާލުކަން ނުދިނުން ހިމެނެ އެވެ، މީގެ އިތުރުން ކަރަންޓުން ކައްކަން ބޭނުންކުރާ ކުރާ ފަދަ ތަކެތި ޖެއްސުން ވެސް ހިމެނެ އެވެ. އެހެންވެ މި ދުވަސްވަރު ކޮންމެ އަހަރެއްގައި ވެސް ކަރަންޓު ބިލް ބޮޑުވުމުގެ ޝަކުވާތައް އާއްމުން ކުރެ އެވެ.