މި ފެސިލިޓީ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މިވަގުތު އަޅަނީ ބުޅާ ފެސިލިޓީއެކެވެ. މިތަން އެއްކޮށް ނިމުމާއެކު އެކިކަހަލަ ޖަނަވާރު ބަހަލައްޓާ ފެސިލިޓީއަކަށް ބަދަލުވެގެން ދާނެ އެވެ.
މާލޭ މަގުމަތީގައި ގިނަ ވެފައިވާ ބުޅާތައް ބެލެހެއްޓުމަށް ގާއިމުކުރަން ނިންމާފައިވާ ޕެޓް ކެއާ ފެސިލިޓީގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މި ފެސިލިޓީ އަޅަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގަ އެވެ. އެތަން އަޅަނީ 5،000 އަކަފޫޓުގެ ބިމެއްގަ އެވެ. މި ޕްރޮޖެކްޓް ހިންގަނީ އެނިމަލްވެލްފެއާ މިނިސްޓްރީ އަދި މާލެ ސިޓީ ކައުންސިލް ގުޅިގެންނެވެ.
މި ފެސިލިޓީ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މިވަގުތު އަޅަނީ ބުޅާ ފެސިލިޓީއެކެވެ. މިތަން އެއްކޮށް ނިމުމާއެކު އެކިކަހަލަ ޖަނަވާރު ބަހަލައްޓާ ފެސިލިޓީއަކަށް ބަދަލުވެގެން ދާނެ އެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވީ އެންމެ ފުރަތަމަ އަމަލީ ގޮތުން ކުރަން ފަށާނީ ތަނުގެ ފެންސް ޖެހުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތް 20 ވަރަކަށް ދުވަސް ތެރޭ ނިމޭނެ ކަމަށެވެ. އަންނަ ހަފްތާގެ ތެރޭގައި އިމާރާތް އެޅުމުގެ މަސައްކަތް ވެސް ފެށިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލެ، ހުޅުމާލެ އަދި ވިލިމާލެ މަގުތަކުގައި އާންމުންނަށް އުނދަގޫވާގޮތަށް އުޅޭ ބުޅާތައް ކުރިއަށް އޮތް ދެ މަސް ތެރޭގައި ބުޅާ ފެސިލިޓީ ނިމުމުން ބަދަލު ކުރެވިގެން ދާނެ ކަމަށެވެ.
"ޖަނަވާރު ދެކެ ލޯބިވާ މުޖުތަމައުއެއް އޮތުން ވަރަށް މުހިންމު. އަޅުގަނޑުމެންނަށް އެބަ ފެނޭ މި ބުޅާތައް އުޅޭ ހާލާ އެއްޗެހި ވެސް. އެހެންވީމަ ބުޅަލައްވެސް އަދި ދޫންޏަކީ ވެސް އެއަށް އޯގާތެރިކަމާ ލޯބި ނުލިބި މުޖުތަމައުތެރޭ އުޅެން ޖެހޭ އެއްޗެއް ކަމަކަށް އަޅުގަނޑުމެން ނުދެކެން،" އާޒިމް ވިދާޅުވި އެވެ.
މި މަސައްކަތް އަވަސް ކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވެސް އޭނާ ވަނީ ތައުރީފު ކުރައްވާފަ އެވެ. އަދި މިނިސްޓްރީން ލިބެމުންދާ އެހީތެރިކަން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.