އައިވީއެފްގެ ހިދުމަތަށް ހުޅުވާލައިފި، މިއަހަރު 100 މީހުނަށް ފުރުސަތު ދޭނެ

ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން ނެގުމަށްފަހު، އެންމެ ފުރަތަމަ އައިވީއެފްގެ ހިދުމަތް ދޭން ނިންމާފައި ވަނީ އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށް ކަމަށް އެންސްޕާ އިން ބުންޏެވެ.

އާސަނަދައިން އައިވީއެފް ފަރުވާއަށް އެދެން ވަނީ ހުޅުވާލާފައި: މިއަހަރު 100 ދެމަފިރިންނަށް ފުރުސަތު ދޭނެ --

ދަރިމައިވުމާ ގުޅޭ ދެ ފަރުވާ ކަމަށްވާ އައިޔޫއައި އަދި އައީވީއެފްގެ ހިދުމަތް އާސަންދަ ސްކީމްގެ ދަށުން ހޯދަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހަޅަން ހުޅުވާލައިފި އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނީ އިއްޔެއިން ފެށިގެން މޭ މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް އައިވީއެފްގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅޭނެ ކަމަށެވެ. އަދި އިއްޔެއިން ފެށިގެން އައިޔޫއައިގެ ހިދުމަތަށް އޮތީ ހުޅުވާލާފަ އެވެ.

ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން ނެގުމަށްފަހު، މިއަހަރު އައިވީއެފްގެ ހިދުމަތް ދޭން ނިންމާފައި ވަނީ އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށް ކަމަށް އެންސްޕާ އިން ބުންޏެވެ.

އަދި އައިޔޫއައިގެ ފަރުވާ ފޯރުކޮށްދޭނީ އާސަންދަ ސްކީމް މެދުވެރިކޮށް އެ ހިދުމަތް ދިނުމަށް އެމްޕެނަލްކުރެވޭ ރާއްޖޭގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތައް މެދުވެރިކޮށް، މިކަމަށް ސްކީމުން ކަނޑައަޅާފައިވާ މިންވަރަށް، ޖުމްލަ ތިން ފަހަރަށް ކަމަށް ވެސް އެންސްޕާއިން ބުންޏެވެ.

މި ހިދުމަތްތަކަށް އެހީ ފޯރުކޮށްދޭ ޝަރުތުތައް

  •  ދެމަފިރިންގެ ކައިވެންޏަށް މީލާދީ ގޮތުން 3 އަހަރު ވެފައިވުން
  •  ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސްއަޅާ ސިއްހީ ސަބަބެއް ހުރުން
  •  ދެމަފިރިންގެ ދަރިޔެއް ދުނިޔޭގައި ނެތުން
  •  އަނބިމީހާގެ އުމުރު 30 އަހަރު ފުރި 42 އަހަރު ނުވުން، ފިރިމީހާގެ އުމުރުން 55 އަހަރު ފުރިފައިނުވުން
  •  އެހީއަށް އެދޭ ދެމަފިރިން ފާއިތުވި 3 އަހަރު ޖިނާއީ ކުށެއްގެ ސަބަބުން ހުކުމެއް ކޮށްފައިވާ ފަރާތަަކަށް ނުވުން
  •  އެހީއަށް އެދޭ އަނބިމީހާގެ ބޮޑީ މާސް އިންޑެކްސް 19އާ 30އާ ދެމެދު ހުރުން
  •  އެހީއަށް އެދުމުގެ ހަ މަސް ކުރިން ދުންފަތުގެ އިސްތިއުމާލު ހުއްޓާލުން
  •  ފާއިތުވި ހަ މަހު އަނބިމީހާގެ "އެންޓި މުލޭރިއަން ހޯމޯން" 0.8 އަށްވުރެ ދަށް ނުވުން
  •  މީގެ ކުރިން ސްކީމެއް މެދުވެރިކޮށް އައިވީއެފް ހަމަޖެހިފައިވާ ފަރާތަކަށް ނުވުން
  •  އަމިއްލަ ހަރަދުގައި އައިވީއެފްގެ ތިން ބުރު ފުރިހަމަކޮށްފައިނުވުން

އެންސްޕާ އިން ބުނީ އައިވީއެފްގެ އެހީއަށް އެދި ފޯމު ހުށަހަޅާތާ ފަސް ދުވަހުގެ ތެރޭގައި ފުރިހަމަނުވާ ކަމެއް އޮތް ނަމަ އެކަން އީމެއިލްގެ ޒަރިއްޔާއިން އަންގާނެ ކަމަށެވެ. އަދި ފޯމު ފުރިހަމަކުރުމަށްފަހު އެ އެޖެންސީއަށް ފޯމު ބަލައިގަންނަތާ 15 ދުވަސް ތެރޭގައި ޝަރުތު ހަމަވާކަން ނުވަތަ ނޫންކަން އެ ފަރާތްތަކަށް އަންގާނެ ކަމަށެވެ.

މޭ 15 އިން ފެށިގެން ރަސްމީ 30 ދުވަހުގެ ތެރޭގައި އައިވީއެފްގެ އެހީ ހަމަޖެހުނު މީހުންނަށް އެސްއެމްއެސް މެދުވެރިކޮށް އަންގާނެ ކަމަށް ވެސް އެންސްޕާއިން ބުންޏެވެ. އެފަރާތްތަކު ޒާތީ މައުލޫމާތު ހާމަނުވާނެހެން ލިސްޓު ވެސް އާންމު ކުރާނެ އެވެ.

އަދި، އައިޔޫއައިއަށް އެދި ހުށަހަޅާ ފަރާތްތަކަށް ރަސްމީ ފަސް ދުވަސް ތެރޭގައި ގޮތެއް ނިންމުމަށްފަހު އެސްއެމްއެސްއަކުން އަންގާނެ ކަމަށެވެ.

މިއަހަރު އެހީ ހަމަނުޖެހޭ މީހުން އަންނަ އަހަރު ހުޅުވާލުމުން އެހީއަށް އެދުމުގެ ފުރުސަތު އަލުން އޮންނާނެ އެވެ.

އާސަންދައިގެ ދަށުން އައިވީއެފްގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުފުޅެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.