މާކެޓިން ބަޖެޓު ބޮޑުކޮށް، ރާއްޖެ އައިޓީބީގެ ހޮސްޓް ކަންޓްރީއަކަށް

ޓޫރިޒަމް މިނިސްޓަރު ފައިސަލް ވިދާޅުވީ ރާއްޖޭގެ މާކެޓިން ބަޖެޓު އަންނަ އަހަރު ބޮޑު ވެގެންދާނެ ކަމަށް، މިއީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަނީ

އަންނަ އަހަރު ރާއްޖޭގެ މާކެޓިން ބަޖެޓު ބޮޑުކޮށް، ޖަރުމަނުގައި 2026 ގައި އޮންނަ އައިޓީބީ ބާލިން ފެއާގައި ރާއްޖެއަކީ އެންމެ ބޮޑަށް ފެއާގައި ނަން ފެނިގެންދާ "ހޮސްޓް ކަންޓްރީ" އަކަށް ހަދަން ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ފަށައިފި އެވެ. 

ޖަރުމަނުގައި އެންމެފަހުން ބޭއްވި އައިޓީބި ފެއާގެ މައުލޫމާތު ދިނުމަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ ރާއްޖެއަކީ 2026 އައިޓީބީގެ ހޮސްޓް ކަންޓްރީގެ ގޮތުގައި ބައިވެރިވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. 

"އިރާދުކުރެއްވިއްޔާ 2026 ގައި އައިޓީބީގެ ހޮސްޓް ކަންޓްރީއަކަށް ވާނީ ރާއްޖެ. އެކަން އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް އެޑްވައިޒަރު  [ހަލީލް[ ވެސް ވަނީ މަސައްކަތް ފައްޓަވާފަ. މިކަމަކީ އިންޑަސްޓްރީގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކީގައި ކުރެވޭނެ ކަމެއް. މިއީ ރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިން އަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެން ދާނެ،" ފައިސަލް ވިދާޅުވި އެވެ. "ރާއްޖެއަކީ ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެހެންވެ މިކަންވާނެ." 

ޓޫރިޒަމް މިނިސްޓަރު ފައިސަލް ވިދާޅުވީ ނިމިގެން ދިޔަ އައިޓީބީ ފެއާއަކީ ރާއްޖެ އަށް ވަރަށް ކާމިޔާބު ފެއާއެއް ކަމަށާ، ފެއާ ކުރިއަށް ދިޔަ ސަރަހައްދުން އެކަން ފާހަގަ ކުރެވިގެން ދިޔަ ކަމަށެވެ. 

"ކައިރި އެހެން ގައުމުތަކަށް ބެލިނަމަވެސް ރާއްޖޭގެ ސްޓޯލް ފެނިގެން ދިޔައީ ވަރަށް ހަރަކާތްތެރިކޮށް، މިކަން ފާހަގަ ކުރެއްވި މި ފެއާއަށް 15 އަހަރު 20 އަހަރު ވަޑައިގެންނެވި ފަރާތްތަކުން ވެސް. ކޮވިޑުގެ ފަހުން މިހާ ކާމިޔާބުކޮށް ގެންދިޔަ ފުރަތަމަ ފަހަރުކަން. މި ފެއާގައި ބައިވެރި އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާ އަޅުގަނޑު ބައްދަލުކުރިން. އެ ބޭފުޅުން ވެސް ފާހަގަ ކުރި މިކަން،" ރާއްޖޭގެ 107 ކުންފުނިން ބައިވެރި އައިޓީ ފެއާއަށް ޖަރުމަނަށް ވަޑައިގެންނެވި ފައިސަލް ވިދާޅުވި އެވެ. 

ލިބޭނެ ފައިދާއަކީ ކޮބާ ؟ އެންމެ ފަހުން ރާއްޖޭން އައިޓީބީގެ ހޮސްޓް ކަންޓްރީއެއްގެ ގޮތުގައި ބައިވެރިވެފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ހުންނެވި ދުވަސްވަރު 2015 ގަ އެވެ. ހޮސްޓް ކަންޓްރީއަކަށް އައިޓީބީގައި ގިނަ ފުރުސަތު ތަކެއް ލިބިގެންދެ އެވެ. އެގޮތުން އެތައް ލައްކަ ބަޔަކުދާ މި ފެއާގެ މައި ސަރަހައްދުގައި އިސްތިހާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މީގެ އިތުރުން ރާއްޖޭގެ އިސްތިހާރުތައް ބޮޑެތި ޕްލެޓްފޯމް ތަކުން ފެނުމުގެ މަގު ފަހި ވެގެންދާނެ އެވެ. 

މާކެޓިން ބަޖެޓު ބޮޑު ކުރުމުގެ މަސައްކަތް

މި ނޫސް ކޮންފަރެންސުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މާކެޓިން ބަޖެޓަކީ އެކަށީގެން ވާވަރަށްވުރެ ކުޑަ ބަޖެޓެއް ކަމަށް ފެންނާނީ އެ ބަޖެޓު އަންނަ އަހަރު ބޮޑު ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެކަން ކުރުމަށް ނިންމައި ޓޫރިޒަމް އެޑްވައިޒަރު  މުހައްމަދު ހަލީލު (މަޓާޓޯ ހަލީލް) ގެ އެޑްވައިޒްގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދަންނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"މިހާރު މި އޮންނަނީ ގާތްގަނޑަކަށް 10 ވަރަކަށް މިލިއަން ޑޮލަރުގެ ބަޓެއް. އެކަމަކު ރާއްޖެއަކީ ދުނިޔޭގެ އެންމެ ލަގްޒަރީ ޓޫރިޒަމް ޑެސްޓިނޭޝަން. އެހެންވެ މިއީ ދުނިޔޭގައި މިހާރު ކަންތައް ވަމުންދާ ގޮތަށް ބަލާއިރު ކުރަން ހުރި މަސައްކަތްތަކަށް އެކަށީގެންވާ ބަޖެޓެއް ނޫން. އެހެންވެ ބަޖެޓު އިރާދުކުރެއްވިއްޔާ އަންނަ އަހަރު ބޮޑުވާނެ،" ފައިސަލް ވިދާޅުވި އެވެ.  

މާކެޓިން ބަޖެޓާ ބެހޭ ގޮތުން ޓޫރިޒަމް އެޑްވައިޒަރު ހަލީލް ވިދާޅުވީ ރާއްޖޭގެ މާކެޓިންއަށް ހޭދަކުރާ ފައިސާއަކީ "ހަރަދެއް" ނޫން ކަމަށާ އެއީ ކުރިއަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ. 

"މިހާރު އެވްރެޖު ބެޑް އޮކިއުޕެންސީއަކީ 51 ޕަސެންޓް. އެކަމަކު ޕްރޮމޯޝަނަށް ކުރާ ހަރަދުތަކާއެކު އޮކިއުޕެންސީ 60 ޕަސެންޓަށް އުފުލައިލެވިއްޖެނަމަ މީގެ ފައިދާ ގަވަރުމަންޓް ރެވެނިއު އަށް ވެސް ކުރާނެ،" ހަލީލް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.