މިނިސްޓަރު ވިދާޅުވީ "ދަތްދޮޅި" ދުއްވާލާ ވާހަކަ ދެއްކެވީ އެއްވެސް ހާލަތެއް ގައި މާރާމާރީ އަށް ހިތްވަރު ދެއްވުމުގެ ގޮތުން ނޫން ކަމަށެވެ.
"ދަތްދޮޅި" ދުއްވާނުލައި ހުރެވޭނެތޯ ސުވާލު ކުރައްވާ ވާހަކަ ދެއްކެވީ މާރާމާރީއަށް ހިތްވަރު ދިނުމުގެ ގޮތުން ނޫން ކަމަށް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒުއާ އެކު އަތޮޅުތަކަށް ވަޑައިގެން އިއްޔެ ދިއްގަރު ގައި ބޭއްވި ޖަލްސާ ގައި މިނިސްޓަރު އާދަމް ޝަރީފް ވަނީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އަމަލު ކުރަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅު ކުރައްވާ ފައެވެ. ގާނޫނީ ޒިންމާ އަދާ ކުރުމަށް އޮތް އެންމެ ހުރަހަކީ މަޖިލީސް ކަމަށް ވިދާޅުވި އެވެ.
ދެން ވިދާޅުވީ މިއަދު މެންބަރަކަށް ހުންނެވި ނަމަ އެއިން މެންބަރެއްގެ ދަތްދޮޅި ދުއްވާނުލައި ހުރެވޭނެތޯ ސުވާލު ކުރެެއްވި އެވެ.
"... އަޅުގަނޑު ހަމަ ހިތަށް އަރާ ހަމަ ހަގީގަތު ގައި ވެސް އަޅުގަނޑު އެތަނު ގައި މިއަދު ވެސް ހުންނަ ނަމަ އެއިން މީހެއްގެ [މަޖިލީސް މެންބަރެއްގެ] ދަތްދޮޅި ދުއްވާނުލައި ހުރެވޭނެބާއޭ،"
އެ މައްސަލަ ވަރަށް ބޮޑަށް ގޯސްވެ މަޖިލީހުގެ ރައީސް މުހައްމަދު އަަސްލަމް މިހާރު ވަނީ އެެ މައްސަލަ މަޖިލީހުގެ އިމްތިޔާޒުތަކާ ބެހޭ ކޮމެޓީއަށް ހުށައަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރުގެ އެ ވާހަކަފުޅަކީ މާރާމާރީއަށް ހިތްވަރު ދެއްވުމެއްގެ ގޮތު މަޖިލީސް ރައީސް ސިފަ ކުރެއްވި އެވެ. އަދި އެއީ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމެއް ކަމުގައި ވިދާޅުވި އެވެ.
ފާޑުކިޔުންތަކާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ "ދަތްދޮޅި" ދުއްވާލާ ވާހަކަ ދެއްކެވީ އެއްވެސް ހާލަތެއް ގައި މާރާމާރީ އަށް ހިތްވަރު ދެއްވުމުގެ ގޮތުން ނޫން ކަމަށެވެ. އެއީ އެމަނިކުފާނަށް ނިސްބަތްކޮށް ބަޔަކު ކިޔާ އެއްޗަކަށް ވާތީ "ހިއުމާ" އެއްގެ ގޮތުގައި ބޭނުން ކުރެއްވި ކުރެއްވުމެއް ކަމަށް ވިދާޅުވި އެވެ.
"އެހެން ގޮތަކަށް ވިސްނިވަޑައިގަންނަވާނަމަ މާފަށް އެދެން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އާދަމް ޝަރީފަށް ނިސްބަތްކޮށް ވާދަވެރީން "ދަތްދޮޅި އާދަން" ގެ ނަން ބޭނުން ކުރެ އެވެ. އެ ނަން ބޭނުން ކުރަން ފެށީ ޑިފެންސް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ސިފައިންގެ އިސް ބޭފުޅުންނާ އެކު ބޭއްވެވި ބައްދަލްވުމެއް ގައި މަޖިލީސް މެންބަރުންގެ ދަތްދޮޅި ދުއްވާލާނެ ކަަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކެއް އާންމުވުމުންނެވެ.