މަދުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ ފަދަ ދައުވާއެއް ކޮންމެ މީހެއްގެ މައްޗަށް ކުރެވެން އޮވެ އެކަން ނުކޮށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުން އެ ހުކުމް ބޮޑު ކަމަށް ބުނުމުން ދައުލަތުން މުޖްތަމައުއަށް އެ ދެވެނީ ކޮން މެސެޖެއްތޯ ވިސްނާލަން ޖެހެއެވެ. ޔަގީނުން ވެސް އެދެވެނީ ނުރައްކާތެރި މެސެޖެެކެވެ.
ދެ މީހަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ޖޫން މަހުގެ 24 ގައި ލީކު ކޮށްލި އެވެ. އެބަޔަކު ފުރަތަމަ އެ ވީޑިއޯ އާންމުކުރީ ނޫސްވެރީން ހިމެނޭ ގުރޫޕެއްގަ އެވެ. އެ ގުރޫޕްގައި ބުނި ގޮތުގައި ވީޑިއޯއަކީ އެއްޖިންސުން ގުޅުން ހިންގަމުން އައި ބޮޑު ނެޓްވޯކާއި ގުޅުން ހުރި ވީޑިއޯއެކެވެ. އެފަދަ ކިތަަންމެ ވީޑިއޯއެއް އެ މީހުންގެ އަތުގައި ވެއެވެ. ފަހަރަކު ވީޑިއޯއެއް އާންމު ކުރަމުންދާނެ އެވެ. ފުރަތަމަ ލީކުކޮށްލި ވީޑިއޯގައި ފެނުނީ ކެނެރީގެ ނާޒިމް ސައްތާރެވެ. ދެން ބަންގާޅުގެ ޒުވާން ފިރިހެނެކެވެ. އެއީ ރާއްޖޭގެ ހައި ޕްރޮފައިލް ސިޔާސީ މީހުނާއި ވިޔަފާރި ވެރިންނާއި ފުލުހުންނާއި ސިފައިންނާއި ރިސޯޓް މުވައްޒަފުންނާއި ވަކި ވަކީން އެއް އެނދެއްގައި އެއް ޖިންސުން ގުޅުން ހިންގި އެމްޑީ އަލަމްގީރު އެވެ. ނަމަވެސް ފުރަތަމަ ވީޑިއޯއާއެކު އެއީ ކާކު ކަމެއް ނޭނގެއެވެ.
ވީޑިއޯ އާންމުވުމާއެކު އެފަދަ މައްސަލަތަކެއް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. ފުލުސް ތަހުގީގަށް އެނގުނު ގޮތުގައި އަލަމްގީރު ވަނީ އެތައް ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާ އެ މަންޒަރު ރެކޯޑް ކޮށްފައެވެ. ފުލުހުންގެ އަތުގައި އެފަދަ 48 ވީޑިއޯއެއް އެބައޮތެވެ. އެ ވީޑިއޯތަކުގައި 40 މީހަކު ފެނެއެވެ. ބައެއް މީހުން ތަކުރާރުކޮށް އެކި ދުވަސް މަތީން އޭނާއާއެކު ގުޅުން ހިންގާފައިވެއެވެ. އެއްޖިންސުން ގުޅުން ހިންގި ބޮޑު ނެޓްވޯކްގެ މައްސަލަ އާންމުންގެ ތެރެއަށް ބޭރުވެ މުޅި ގައުމަށް ހައިރާންކަމާއި ލަދުވެތިކަން ގެނުވިއެވެ. އެެއީ އެކަން އެހާ ބޮޑަށް މުޖްތަމައުގެ ތެރޭގައި ފެތުރި ބޮޑުވެފައިވާކަން އެނގުމުންނެވެ. އެ ނެޓްވޯކްގެ ތެރޭގައި އެކި ފެންވަރުގެ މީހުންގެ ބައިވެރިވުން އޮތީތީ އެވެ.
ފުލުހުންގެ ތަހުގީގު ނިމި މިހާތަނަށް ޝަރީއަތާއި ހަމައަށް ހަތަރު މީހެއްގެ 47 ދައުވާއެއް ފޮނުވާފައި ވެއެވެ. އޭގެ ތެރެއިން ތިން މީހެއްގެ ފަސް މައްސަލައެއް ނިމި ހުކުމްވެސް ވަނީ އިއްވާފަ އެވެ. އެއީ އަލަމްގީރުގެ މައްޗަށް އުފުލި އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއަކާއި ނާޒިމް ސައްތާރުގެ މައްޗަށް އުފުލި އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާ އާއި ފުލުހެއްގެ ވަޒީފާގައި ހުރި އަބްދުއްރަހްމާނު ރަފީއުގެ މައްޗަށް އުފުލި އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އެވެ. ތިން މީހުންގެ މައްސަލަވެސް ދިޔައީ ދާދި ގޮތަށެވެ. ހުކުމްގައި ތަފާތު ތަކެއް ހުރި ނަަމަވެސް އަޑުއެހުންތަކާއި އަޑުއެހުންތަކުގައި ދެއްކި ވާހަަކަތަކާއި ތިން މީހުންގެ ފަރާތުން އައި ބަޔާންތަކުގައި ވެސް ހުރީ އެއް ވާހަކަތަކެކެވެ.
ތިން މީހުންވެސް ކުށަށް އިއުތިރާފުވިއެވެ. ބަޔާނެއް ނެރެ އާންމުންގެ ކިބައިން މާފަށް އެދުނެވެ. ތައުބާވާ ކަމަށް ބުންޏެވެ. އެހެން ކަމުން ތިން މައްސަލާގައި ވެސް ދައުލަތުން އެދުނީ ވީހާވެސް ކުޑަ އަދަބެއް އެ މީހުންނަށް ދޭށެވެ. ފުރަތަމަ ކަމަކަށް މި މައްސަލާގައި ދައުލަތުން ދައުވާ ކުރީވެސް ކުޑަ އަދަބެއް ލިބޭ ގާނޫނެއްގެ ދަށުންނެވެ. އެއްޖިންސުން ޖިންސީ ގުޅުން ހިންގައިފިނަމަ މަދުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ ފަދަ ގާނޫނެއްގެ ދަށުން ދައުވާ ކުުރުމުގެ އިހުތިޔާރު ދައުލަތަށް އޮތެވެ. ދައުލަތުން އެކަން ނުކޮށްފިނަމަ ކުށުގެ ބާވަތަށް ބެލުމަށް ފަހު ބޮޑު އަދަބު ކަނޑައެޅުމުގެ އިހުތިޔާރު ގާނޫނު އަސާސީން ފަނޑިޔާރަށް ވެސް ލިބިދީފައި އޮވެއެވެ.
ނަމަވެސް ތިން ދައުވާއަށް އަލަމްގީރުގެ މައްޗަށް އިއްވީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ނާޒިމް ސައްތާރުގެ މައްޗަށް އައީ ތިން މަހާއި 26 ދުވަހުގެ ގޭ ބަންދެކެވެ. ރަފީއު އެއް އަހަރާއި ދެ މަހަށް ޖަލަށްލާށެވެ.
މީގެ ތެރެއިން ފުރަތަމަ ނިމުނީ އަލަމްގީރުގެ މައްޗަށް އުފުލި ތިން ދައުވާގެ ޝަރީއަތެވެ. ތިން ދައުވާއަށް ހަތް މަހުގެ ޖަލު ހުކުމެއް އިއްވުމުން އެތައް ބަޔަކަށް އެކަން ވީ ބޮޑު ހައިރާން ކަމަށެވެ. އަދި އެހާމެ ބޮޑު ޖޯކަކަށެވެ. އިސްލާމްދީނުގައި ހުތުރުކަން ބޮޑު ފާފައެއްގެ ގޮތުގައި ހިމެނޭ ކަމެއް ކުރުމުން އެފަދަ ލުއި އަދަބެއް ކަނޑައެޅުމުން ދީނީ އިލްމުވެރީންނާއި އާންމު ރައްޔިތުން ވަރަށް ރުޅިގަދަވިއެވެ. ޝަރީއަތުގެ ނަމުގައި ސަމާސާ ކޮށް ކުޅިވަރު ކުޅެނީތޯ ސުވާލުކުރިއެވެ.
އެ ހޫނުކަން ކަނޑުވާލަން ދައުލަތުން ނެރުނީ ވާހަކަ އެކެވެ. އެއީ އަލަމްގީރު ގުޅުން ހިންގި ކޮންމެ މީހެއްގެ މައްސަލާގައި ވަކިވަކީން އޭނާއަށް ދައުވާ ކުރާނެ ވާހަކަ އެވެ. އަދި ވީޑިއޯ ހެދި މައްސަލާގައި ހެދި ކޮންމެ ވީޑިއޯއަކަށް ވަކި ދައުވާއެއް ކުރާނެ ކަމެވެ. ފަސޭހައިން ސަލާމަތްވެގެންދާން ފުރުސަތު ނުދޭނެ ކަަމެވެ.
ދެން އައީ ނާޒިމް ސައްތާރުގެ ހުކުމެވެ. އޭނާއަށް އައީ ޖަލު ބަންދެއް ވެސް ނެތް ހުކުމެކެވެ. ދެތީން މަހުގެ ގޭގެ ބަންދެކެވެ. އެ ހުކުމް ކުރީ އެއީ އޭނާގެ ކުށުގެ ރެކޯޑެއް ކުރީން ނެތީމަ އެވެ. ކުށަށް އިއުތިރާފުވެ ތައުބާ ވުމުންނެވެ. މިކަންކަމަށް ރިއާޔަތްކޮށް އަސްލު އަދަބުގެ ދަރަޖަ ދެ ގުނަ ކުޑަކޮށް ގޭގެ ބަންދުގެ ހުކުމެއް އިއްވީ އެވެ. އެ ހުކުމަށް ދައުލަތުން އިއުތިރާޒެއް ނުކުރެ އެވެ. ހުުކުމާއި ރުހި އެންމެ ރަނގަޅު ކަމަށް ބުންޏެވެ. މި ހުކުމާއެކުވެސް ރުޅި ގަދަވީ އިލްމުވެރީންނާއި ގާނޫނީ ވަކީލުންނާއި އާންމުންނެވެ.
އެއްޖިންސުން ގުޅުން ހިންގި މި ބޮޑު ނެޓްވޯކުން މިހާތަނަށް އާންމުވި ވީޑިއޯތަކުގެ ތެރެއިން ލިވާތު ކުރަނިކޮށް ފެންނަނީ ފުލުސް މީހާ ފެންނަ ވީޑިއޯއިންނެވެ. އެއީ މ. ރަތްމަންދޫއަށް ނިސްބަތްވާ އަބްދުއްރަހްމާނު ރަފީއު އެވެ. އޭނާގެ މައްސަލަވެސް ބުރާސްފަތީގައި ވަނީ ނިމިފަ އެވެ. ހުކުމް އައީ އެއް އަހަރާއި ދެ މަހަށް ޖަލުގައި ބަންދު ކުރުމަށެވެ. އޭނާގެ ހުކުމް ކުރީ ހުކުމްތަކަށް ވުރެ ބޮޑު ނަމަވެސް އޭނާވެސް ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އާންމުންގެ ކިބައިން މާފަށް އެދި ތައުބާވާން ބޭނުން ކަމަށް ބުނެފަ އެވެ. ހުކުމް ކުޑަކުރަން ނާޒިމް ސައްތާރު ނެރުއްވި ގޮތަށް ހަމަ އެއް އިބާރާތްތަކެއް ހިމެނޭ ބަޔާނެއް ވެސް ނެރުނެވެ.
ނަމަވެސް ހުކުމް އައީ އޭގެ ކުރީ ދެ މައްސަލައާ ތަފާތުކޮށެވެ. ކުރީ ދެ ހުކުމަށް ވުރެ ބޮޑެވެ. ގާޒީ ވަނީ އެ ގޮތަށް ނިންމެވި ސަބަބުވެސް ސާފުކޮށް ދެއްވާފައެވެ. އެއް ކަމަކަށް ވިދާޅުވީ އަދަބު ބޮޑުކުރީ ގާޒީއަށް ލިބިދޭ އިހުތިޔާރުގެ ދަށުން ކަމަށެވެ. ދެން ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ބޮޑު ކުށަކަށް އެކަން ވާތީ ކަމަށެވެ. އަދި ރަފީއު އަކީ ގާނޫނީ ހުވައެއް ކޮށްގެން ހުރި މީހަކަށް ވާތީ ކަމަށެވެ. އެފަދަ ދެތީން ހަތަރު ނުކުތާއެއް ވިދާޅުވި އެވެ.
ނަމަވެސް ދައުލަތުގެ ސްޓޭންޑް މިފަހަރު ތަފާތުވިއެވެ. ކުރީ ދެ މައްސަލާގައި އަދަބާއި މެދު އިއުތިރާޒު ނުކޮށް ރުހޭކަން ހާމަކޮށްފައި މިފަހަރު ގާޒީ ކަނޑައެޅުއްވި އަދަބާމެދު ދަލަތް ހިތްހަމަ ނުޖެ އެވެ. ދައުލަތް ދެކުނީ މިއީ ތަފާތު ކުރުމެއްގެ ގޮތުގަ އެވެ. ކުށަށް އިއުތިރާފުވެ ތައުބާވެ މާފަށް އެދިފައި ވަނިކޮށް މި މައްސަލާގައި ތަފާތުކޮށް އަދަބު ކަނޑައެޅުމުގައި ގާނޫނީ ސަބަބެއް އޮތް ކަމަށް ނުދެކެ އެވެ. އެހެން ކަމުން އަދަބު ކަނޑައެޅި ގޮތާމެދު ހިތްހަމަ ނުޖެހޭތީ މައްސަލަ ހައިކޯޓަށް ގެންދަން ވަނީ ނިންމާފައެވެ.
މައްސަލަ ފެށިގެން މިހާތަނަށް ދަައުލަތުން އަމަލު ކުރަމުން އައި ގޮތާމެދު ހިތްހަމަނުޖެހި ކަންބޮޑުވެ ރުޅިގަދަވެފައިވާ އާންމުން ޕީޖީގެ މި ނިންމުމާއެކު އިތުރަށް ރުޅިގަދަ ވެފައި ވެއެވެ. ގާނޫނީ ވަކީލުންނާއި ދީނީ އިލްމުވެރީން ގެންދަވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އާންމުން ގެންދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވި ގޮތުގައި ގާޒީ ކަނޑައެޅުއްވި އަދަބު ބޮޑުވެ އެކަމާއި ހިތްހަމަ ނުޖެހުން މިއިން ޒަމާނަކު ދައުލަތުން މަތީ މަރުހަލާގައި މައްސަލައެއް އިސްތިއުނާފު ކޮށްފައެއް ނުވެއެވެ. އެ ކަން އެހެން އޮއްވާ އެއްޖިންސުން ގުޅުން ހިންގުން ފަދަ އިސްލާމް ދީނުގައި މަނާ ކުރައްވާފައިވާ ކަމެއް ކުރި މީހަކަށް އަދި އެކަން ކުރި ކަމަށް އަމިއްލައަށް އިއުތިރާފުވި މީހެއްގެ މައްޗަށް އިއްވި ހުކުމެއް ބޮޑުވެގެން އަދަބަ ކުޑަކުރަން ދައުލަތުން މަތީ މަރުހަލާއަށް ދިއުމަކީ ލަދުގަންނަން ޖެހޭ ކަމެކެވެ.
"ކޮންފަދަ ނުބައި މެސެޖެއްތޯ މިއީ ޒުވާން ޖީލަށް. ކޮން ފަދަ ލަދުވެތި އަމަލުތަކެއް،" ދައުލަތުގެ ސްޓޭންޑާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅު ކުރައްވަމުން މި ފަހުން ރާއްޖެ ދުށް އެންމެ ކުޅަދާނަ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާޒިމާ އޭނާގެ އެކައުންޓުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެއެވެ.
ދީނީ އިލްމުވެރީން ވެސް ގެންދަނީ ދައުލަތުގެ މި ނިންމުން ވަރަށް ބޮޑަށް ކުށްވެރި ކުރައްވަމުންނެވެ. ސަރުކާރުގެ ނިންމުންތައް ވަރަށް ބޮޑަށް ދިފާއު ކުރައްވަމުން އައި ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވަނީ ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމަކީ އެ މަގާމުގައި ބަހައްޓަވަން އެއް ގޮތަކަށްވެސް އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި ފާޅުގައި ހިންގަމުން ގެންދަނީ ނުބައިކަން ބޮޑުވެގެންވާ ޖަރީމާތަކެއް ކަމަށް ވިދާޅުވިއެވެ.
"ޕީޖީ [ޝަމީމްގެ] ބިރުވެތި ކަމެއް ނެތްތާގައި އެއްވެސް ލަދުވެތި ކަމެއްވެސް ނެތީތޯ. މިހާރުގެ ޕީޖީއަކީ އެ މަގާމުގައި ބަހައްޓަން އެއްގޮތަކަށްވެސް އެކަށީގެންވާ ބޭފުޅެއް ނޫންކަން މިހިރި ދަނީ ފާޅުވަމުން. ކޮން ފަދަ ޖަރީމާތަކެއް ފާޅުގައި މި ހިންގަނީ،"
އެއްޖިންސުން ގުޅުން ހިންގި މީހެއްގެ މައްޗަށް އިއްވި ހުކުމް ބޮޑުވެގެން އެ ހުކުމް ބާތިލު ކުރަން / އަދަބު ކުޑަކުރަން ދައުލަތުން މަތީ މަރުހަލާއަށް ދާން ނިންމިއިރު ދައުލަތުން ކުރަން އުޅެނީ ކީއްތޯ ސުވާލު އުފެދެ އެވެ. ރަފީއުއަށް ކަނޑައެޅި އަދަބު ކުޑަކުރަން ޕީޖީން މަތީ މަރުހަލާއަށް ދަނީ އެއް ކަހަލަ މައްސަލަތަކެއްގައި ހަމަހަމަ ކަން ނެތުމުން ކަމަށް ބުނެފާނެ އެވެ. އެންމެނަށް އެއް ހަމައަކުން އިންސާފު ހޯދުމަށް ކަމަށް ވެސް ބުނެފާނެ އެވެ. އަދި ކުށަށް އިއުތިރާފު ވުމުން ލިބޭ ފުރުސަތު އެންމެނަށް ހޯދާ ދިނުމަށް ކަމަށްވެސް ބުނެފާނެ އެވެ. އެއީވެސް ކުރަން ޖެހޭ ކަންކަމެވެ. ނަމަވެސް މިއީ އެފަދަ މައްސަލައެއް ހެއްޔެވެ. އައިސްގެން މި އުޅެނީ އެވަރުގެ ބޮޑު ހުކުމެއް ހެއްޔެވެ. އަނެއްކޮޅުން މިވަރުގެ ބޮޑު މައްސަލައެއްގައި ފަހަރަކު ކަމެއް ފަހަރު ކަމެއް ހިނގަމުން / ކުރަމުން އެ ގެންދަނީ އާންމުންނަށް ސުވާލު އުފެދުމުގެ ޖާގަ ލިބޭ ގޮތަށެވެ. ތިން މައްސަލާގައި ހުކުމް ތަފާތެވެ. ދައުވާ ކުރީ އެންމެ ލުއި އަދަބު ލިބޭނެ ގޮތަށް ބަލައިގެނެވެ.
ހާއްސަ ގާނޫނުގެ ދަށުން ދައުވާކޮށް މަދުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ ފަދަ ދައުވާއެއް މިއިން ކޮންމެ މީހެއްގެ މައްޗަށް ކުރެވެން އޮވެ އެކަން ނުކޮށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުން އެ ހުކުމް ބޮޑު ކަމަށް ބުނުމުން ދައުލަތުން މުޖްތަމައުއަށް އެ ދެވެނީ ކޮން މެސެޖެއްތޯ ވިސްނާލަން ޖެހެއެވެ. ޔަގީނުންވެސް އެދެވެނީ ނުރައްކާތެރި މެސެޖެެކެވެ. ގޯސް، ވަރަށް ގޯސް މެސެޖެކެވެ. އަދި އެއީ ލާދީނީ / ސެކިއުލާ ކަންކަން މި ގައުމުގައި ފަތުރަން ކެތްމަދުވެފައި ތިބި މީހުން ދެވޭ ފެހި ސިގުނަލެކެވެ. ފާހިޝް ކަންކަން ކުރާ މީހުންނަށް ދެވޭ ހިތްވަރެކެވެ. އެކަންކަމަށް ހުށައެޅެން ދެވޭ ބާރެކެވެ. އެއީ މުޖްތަމައުގައި ލަދުވެތި ކަމެއް ނެތް އާދައިގެ ކަންކަމުގައި ހަދަން ބަޔަކަށް ދެވޭ ފުރުސަތެކެވެ.
މި ދެން ވަރަށް ދެރަ ކަމެއް، އެކަމަކު މިހާރު މިއޮތް ވެރިކަމުގައި މިކަން މިގޮތަށް ކުރާނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. ރާއްޖޭގައި ދީނީ ތަޅާފޮޅުންތައް ފެށެން ދެން މާ ގިނަ ދުވަހެއް ނަގާނެއެކޭ ހިތަކަށެއް ނުވަދޭ. މިކަން ކަމުން ރާއްޖެ ސަލާމާތް ވާނީ ވަރަށް ވަރުގަދަ ދީނީ އަދި ވަތަނީ ލީޑަރަކަށް ވެރިކަން ލިބިގެން