ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުޑަހުވަދޫ، އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާއިރު ކޮމާޝަލް ހާބަރެއް ތަރައްގީ ކުރުމާއި ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރުކޮށް ފެންވަރު މަތިކުރެވޭނެ އެވެ.
ކުޑަހުވަދޫއަކީ ރާއްޖޭގައި ގާއިމުކުރާ ހަތް އާބަން ސެންޓަރުގެ ތެރޭގައި ހިމެނޭ ރަށެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދ. ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖެ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށްޓަކައި ރާއްޖެ އެކި ޒޯންތަކަށް ބަހާލައިގެން އަދި އެއްފަސްކުރުމުގެ ސިޔާސަތެއްގެ ދަށުން ތަރައްގީ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން އެމަނިކުފާނު ވަނީ ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅަކީ ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައި އަދި އެންމެ ދެކުނުގެ ހަތަރު އަތޮޅު ވެސް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރެވިގެންދާނެ ކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ހިމެނޭ ސަރަހައްދުތަކުން މާލެސިޓީ ނުހިމަނާ އިތުރު ހަތް އާބަން ސެންޓަރެއް އެންމެ މަތީ ފެންވަރުގެ ހިދުމަތްތަކާއެކު ތަރައްގީ ކުރައްވާނެ ކަމުގައި ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުޑަހުވަދޫ، އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާއިރު ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމެއްވެސް ފުރިހަމަ ވެގެންދާނެ ކަމަށެވެ. އެގޮތުން ބަނދަރު ބޮޑުކޮށް ރަނގަޅު ފެންވަރެއް ގައި ތަރައްގީ ކުރާނެ އެވެ.
ކޮމާޝަލް ހާބަރެއް ތަރައްގީ ކުރުމާއި ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރުކޮށް ފެންވަރު މަތިކުރުމާއި ހޮސްޕިޓަލުގެ އާއިމާރާތެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެއް ގާއިމުކުރުމާއި އަދި އެނޫންވެސް އާބަންސެންޓަރެއް ގައި ހުންނަން ޖެހޭ ހުރިހާ ކަމެއް ގާއިމު ކުރެވޭނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.