އާރުޑީސީގެ ތިން މުވައްޒިފެއްގެ އެކައުންޓަށް 15 މިލިއަނެއްހާ ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިިލިއަން ރުފިޔާ ވަނީ ޖަމާވެފައެވެ.
އާރުޑީސީގެ އެތައް މިލިއަން ރުފިޔާގެ ހިޔާނާތުގެ ބޮޑު މައްސަލައެއްގެ ބައެއް ތަފްސީލް ހާމަކޮށް އެ މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންނާއި އެންޓި ކޮޕަރްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން ހިންގަމުންދާ ކަން ހާމަކޮށްފި އެވެ.
އާރުޑީސީއާ ގުޅޭ 13 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މީޑިއާތަކުން ފަޅާ އަރުވާލި އެވެ. އެ ތުހުމަތު އޮތީ އާރުޑީސީ ގައި ކުރީން އިސްކޮށް ތިއްބެވި ތިން ވެރިއަކަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތާއި އޭސީސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ފުލުހުން ބުނީ އާރުޑީސީއާ ގުޅޭ ހިޔާނާތުގެ ބޮޑު މައްސަލައެއްގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. އެ ތަހުގީގު މިހާރު ހިންގަނީ އޭސީސީއާ ގުޅިގެން ކަމަށް ވިދާޅުވި އެވެ. އެ ތަހުގީގަށް ދެ މުއައްސަސާ މެދުގައި އެއްބަސްވުމެއް ގާއިމު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ހުށައެޅުނީ 2022 ސެޕްޓެންބަރު މަހު ކަމަށެވެ. އަދި މިދިޔަ މުއްދަތު ގައި މި މައްސަލައާ ގުޅުން ހުރި މައުލޫމާތު ސާފުކޮށް ޓެކްނިކަލް މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ ހިޔާނާތުގެ މި މައްސަލާ ގައި އާރުޑީސީގެ ގިނަ މުވައްޒިފުންތަކެއް ބައިވެރިވެފައިވާ ކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަަމަށެވެ.
އެ ގޮތުން އާރުޑީސީގެ ތިން މުވައްޒިފެއްގެ އެކައުންޓަށް 15 މިލިއަނެއްހާ ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިިލިއަން ރުފިޔާ ވަނީ ޖަމާވެފައެވެ. އަނެއް ދެ މީހުންގެ އެކައުންޓަށް ކޮންމެ މީހަކަށް ދެ މިލިއަނެއްހާ ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. އެކެއްގެ އެކައުންޓަށް އާރުޑީސީން 216 ޓްރާންސެކްޝަން ހަދާފައިވާ ކަމަށް ވެސް ތަހުގީގަށް ވަނީ ފާހަގަ ކުރެވިފައެވެ.
ފުލުހުން ބުނީ އެ ތިން މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ އެތައް މިލިއަން ރުފިޔާއެެއް އެހެން އެކައުންޓްތަކަށް ވެސް ފޮނުވާފައިވާ ކަމަށެވެ. މި ހިޔާނާތުގައި އެއަށް ވުރެ ގިނަ މުވައްޒިފުންގެ ބައިވެރިވުން އޮތް ކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ.
"މިހާރު އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ތިން މީހަކު އެބަ ހިމެނޭ. މީގެ އިތުރުން އިތުރު 10 މީހަކު ނުވަތަ 15 މީހަކު ބައިވެރިވާ ކަމަށް އަޅުގަނޑުމެންނަށް މިހާތަނަށް ލަފާ ކުރެވޭ،"
ފުލުހުން ބުނީ އެ ހުރިހާ ފައިސާ އަކީ ކިހިނެތް ގޮސްފައިވާ ފައިސާތަކެއް ކަން ޔަގީން ކަމާއެކު ބުނަން އަދި ނޭންގޭ ކަމަށެވެ. ފައިސާ ޖަމާވެފައިވާ އެކައުންޓްތަކުގެ ތެރޭގައި ސަރުކާރުގެ ބައެއް އިސްވެރީން ވެސް ހިމެނޭ ކަަމަށް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮންކޮން ބައެއްކަން ހާމަ ކުރާނީ ވެސް އަދި އެ މީހުންގެ މައްޗަށް ދައުވާ ކުރުމާމެދު ގޮތް ނިންމާނީ ވެސް ހެއްކާ ގަރީނާ ހޯދުމަށް ފަހު ކަމަށް ވިދާޅުވި އެވެ.
ފުލުހުން ބުނި ގޮތުގައި ހިޔާނާތުގެ ތުހުމަތު އޮތް މި މައްސަލައިގެ ތަހުގީގަށް ގިނަ ގޮންޖެހުންތަކެއް އެބަ ހުއްޓެވެ. އެއީ މައްސަލާގައި ޝާމިލުވާ މީހުންގެ އަދަދު ގިނަ ވުމާއި ފައިސާ ދައުރު ކޮށްފައިވާ މިންވަރު ގިނަވުމެވެ. މި މައްސަލައިގެ ތުހުމަތު ގައި މަނީ ލޯންޑާ ކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.
ނޫސްވެރީންގެ ބައްދަލްވުމުގައި އޭސީސީން ބުނީ އެ ކޮމިޝަނުން މައްސަލަ ބަލަން ފެށީ ދައުލަތުގެ އިދާރާއަކުން އެކަން ހުށައެޅުމުން ކަމަށެވެ. އެ ގޮތުން އާރުޑީސީގެ އެކައުންޓުން އަމިއްލަ އެކައުންޓްތަކަށް ފައިސާ ޖަމާކޮށް ބޭނުންކޮށް ހިޔާނާތްތެރިވާ ކަމުގެ މައްސަލަ އެ ކޮމިޝަނަށް ހުށައެޅިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް ތިން ތަނެއް ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ލިޔެކިޔުން ހޯދާފައިވާ ކަމަށެވެ.
މުޅި މައްސަލާ ގައި މިހާތަނަށް ކުރެވުނު ތަހުގީގުން ތިން މީހެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށާ އަދި ތިން މީހުންގެ އެކައުންޓުން ވަރަށް ގިނަ ބައެއްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި އެ ކުންފުންޏާއި ގުޅުމެއް ނެތް މީސް މީހުންގެ އެކައުންޓަށް ވެސް ފައިސާ ޖަމާކޮށްފައިވާ ކަން ފާހަގަ ކުރެވޭ ކަމަށް ވަނީ ބުނެފައެވެ. ކުންފުނިން ފައިސާ ގެންގުޅެފައިވަނީ އުސޫލުތަކާއި މުޅީން ހިލާފަށް ކަމަށް ވެސް ފުލުހުން ފާހަގަ ކުރި އެވެ.
ރައީސް ސޯލިހްގެ ސަރުކާރު ގައި އާރުޑީސީ ގައި ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ހިނގަމުންދިޔަ ކަމަށް ފަޅާ އަރުވާލި އެވެ. އެ ކުންފުނީގެ ވެރީންގެ މައްޗަށް ހިޔާނާތުގެ ތުހުމަތު އޭރުއްސުރެ އޮތެވެ.
ކުންފުނީގެ މުވައްޒަފުންނާއެކު ބޭއްވި ވަދާއީ ހަފްލާގައި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި މޫސާ އަލީމަނިކު (މޫކޭ) ވަނީ އޭނާގެ ބެލުމުގެ ދަށުގައި އޮތް އޭނާ މެނޭޖިން ޑިރެކްޓަރުކަމުގައި ވެސް ހުންނެވިއިރު، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގައި މަސްއޫލިއްޔަތު އަދާ ކުރުމުގެ ތެރެއިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަ ބަލައި ކުށްވެރިވާ ކަމެއް އޮތް ނަމަ އިންސާފު ހޯދައިދިނުމަށް އެދިވަޑައިގެންފައެވެ.
މޫކޭ ވިދާޅުވީ ކުންފުނީގެ މަސްއޫލިއްތު އަދާ ކުރުމުގެ ތެރެއިން ބަދުނާމު އަޅުވައި ތުހުމަތު ކުރެވުނު ތިޖޫރީ އާއި 13 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ ބަލައި އޭނާ ކުށްވެރިވާ ކަމެއްވާ ނަމަ އިންސާފު ހޯދައި ދިނުމަށް ރައީސްގެ ކިބައިން އެދޭ ކަމަށެވެ.
އާރުޑީސީގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށް ފައިސާ ވަންނަ ކަމުގެ ތުހުމަތު ނިމުނު ސަރުކާރުގެ ވަރަށް ކުރީކޮޅު ކުރެވެން ފެށި އެވެ. އޭރު، އެ ކުންފުނިން ބުނީ މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވަނީ ޕެޓީކޭޝްގެ ގޮތުގައި މުވައްޒަފުންނަށް ދޭ ފައިސާ ކަމަށެވެ. މިގޮތުން އެ ކުންފުނީގެ ފައިނޭންސް ޑިޕާޓްމެންޓުގެ ތިން މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް އޭރު ވެސް ތުހުމަތު އޮތެވެ.