ރޯދައިގެ ފަހުން އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރްއައިގެ ހިދުމަތް ފަށަނީ

"އެމްއާރްއައި ގާއިމްކޮށް، ޑޮކްޓަރުން ގިނަކޮށް، ނަރުހުން ގިނަކޮށް، ހިދުމަތް ވަރުގަދަކޮށް ގެންގޮސް، ޓާޝަރީ ފެންވަރަށް ގެންދިއުމޭ އަޅުގަނޑުމެންގެ ވިސްނުމަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުނގޫފާރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ސަލާމް ކުރައްވަނީ --

އުތުރުގެ ގިނަ ބަޔަކު ހިދުމަތް ހޯދަމުންދާ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ރޯދައިގެ ފަހުން އެމްއާރްއައިގެ ހިދުމަތް ފަށާނެކަން ސަރުކާރުން އިއުލާނުކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުނގޫފާރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެކަން އިއުލާނު ކުރެއްވީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ. 

ރައީސްގެ ތަސައްވަރު ހާމަކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމްކުރުމަށް ނިންމައި، އެރަށު ހޮސްޕިޓަލަކީ އޭގެ އެއް ހޮސްޕިޓަލް ކަމަށެވެ.

"މިތަނަށް ހަަމައެކަނި ރ. އަތޮޅަކުން ނޫން، ކައިރީ ހުރި އެހެން އަތޮޅުތަކުން ވެސް ސިއްހީ ހިދުމަތް ހޯދުމަށްޓަކައި ބަރޯސާވެފައި އޮތް ރަށެއް މިރަށަކީ. އެހެންވީމަ މިރަށުގަ މިހާރު މެޑިކަލް އޮފިސަރުންގެ ގޮތުގައި ތިބި 10 ޑޮކްޓަރުންނާ ހިސާބަކުން މިރަށުގަ އެކަށީގެންވާ ފެންވަރުގެ، އަޅުގަނޑުމެން ވެސް ގަބޫލުކުރަން ނުދެވޭކަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަދައްކަވަމުން ރައީސް ވަނީ، އެރަށު ހޮސްޕިޓަލަށް ޑޮކްޓަރުންނާއި ނަރުހުން އިތުރުކޮށް، ހިދުމަތް ފުޅާ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އެމްއާރްއައި ގާއިމްކޮށް، ޑޮކްޓަރުން ގިނަކޮށް، ނަރުހުން ގިނަކޮށް، ހިދުމަތް ވަރުގަދަކޮށް ގެންގޮސް، ޓާޝަރީ ފެންވަރަށް ގެންދިއުމޭ އަޅުގަނޑުމެންގެ ވިސްނުމަކީ. އެހެންވީމަ އެގޮތަށް އަޅުގަނޑުގެ ވިސްނުން މިހިރީ. އަޅުގަނޑުމެންގެ ސަރުކާރުން މިރަށަށް ދޭނެ ސަމާލުކަމުގެ ލެވެލް އަޅުގަނޑުމެން ކަނޑައަޅާފަ އޮތް ހިސާބު،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުނގޫފާރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ސަލާމް ކުރައްވަނީ --

އެ ހޮސްޕިޓަލްގައި އެމްއާރްއައިގެ ހިދުމަތް ފެށުމާއެކު މާލޭގެ ހޮސްޕިޓަލްތަކަށް ކުރާ ބާރު ކުޑަވެގެން ދާނެކަން ވެސް ފާހަގަކުރެއްވި އެވެ.

އެރަށުގައި ވާހަކަދައްކަވަމުން ރައީސް ވަނީ އެރަށުގެ ބިން ހިއްކައި ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެ ރަށަކީ އެހެން ރަށްރަށުގެ ގިނަ ބަޔަކު ވެސް ދިރިއުޅެމުންދާ ރަށަކަށްވުމުން، ދުރު ރާސްތާގައި ސަރަހައްދީ ތަރައްގީއަށް މުހިންމު ރަށެއްކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރީޖަނަލް ހޮސްޕިޓަލް ހުންނަ އެރަށަށް ބޭނުންވާ އިތުރު ކަންކަމުގެ ތެރޭގައި، ސްކޫލުގެ ޖާގަ އިތުރުކޮށް އެއް ދަންފަޅިއަށް ކިޔަވައިދޭން ފެށުމަކީ ވެސް ރަށުގެ ރައްޔިތުން ބޭނުންވާ ކަމެކެވެ. ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން އެރަށުގައި 16 ކްލާސްރޫމް ގާއިމްކޮށްދެއްވާނެ ކަމަށެވެ. 

އުނގޫފާރު - އެރަށަކީ ރ. އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. ރަށުގެ އާބާދީ 1500 އަށްވުރެ ބޮޑެވެ. އެއީ އަތޮޅުގެ ހުރިހާ ރަށަކުން ގިނަ ބަޔަކު ތައުލީމު ހާސިލް ކުރުމަށާއި، ސިއްހީ ފަރުވާއާއި، ބެންކިން ފަދަ ހިދުމަތްތައް ހޯދަން އަންނަ ރަށެވެ. އެސަރަހައްދުގައި ހުރި ގައުމީ ޔުނިވާސިޓީގެ މާސްޓާސް ފެންވަރަށް ކިޔަވައިދޭ ހަމައެކަނި ރަށެވެ. ނ. ރ. ބ. އަތޮޅު ހިމެނޭ މި ތިން ސަރަދައްދުގައި ހުރި ހަމައެކަނި ރީޖަނަލް ހޮސްޕިޓް ހުންނަނީ އެރަށުގަ އެވެ. ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަން ފަށާފައި ވަނީ 2020 ވަނަ އަހަރު ކުރީ ސަރުކާރުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.