އެއާ އެމްބިއުލާންސް އުދުހިގަތީ ޔަގީންކަމާއެކު ފުރުސަތުތައް ހިފައިގެން

އެންމެ ދެ ބޯޓުން މި ހިދުމަތް ފެށިޔަސް މިއީ ފުޅާކޮށް ކުރެވެން އޮތް ފުރުސަތު ބޮޑު ހިދުމަތެކެވެ. ބޮޑު ވިޔަފާރިއެކެވެ. މޯލްޑިވިއަންއަށް އިތުރު އިންވެސްޓަރުން ވައްދައިގެން ބޮޑު ފްލީޓެއް ހަދައި ޓޫރިޒަމާ އެއްކޮށް ގެންދެވޭނެ ކަމެކެވެ.

ރާއްޖޭގެ އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރާނެ ބޯޓެއް

ރާއްޖޭގައި ވައިގެ މަގުން ބަލި މީހުން އުފުލުމުގެ ހިދުމަތް މިހާތަނަށް ދެމުން ގެންދިޔައީ ގައުމީ އެއާލައިން މޯލްޑިވިއަންއިނެވެ. ދިވެއްސެއް ބަލިވެގެން ބޭރަށް "އެއާ ލިފްޓް" ކުރަން ޖެހުނަސް އެކަން ކުރީ ގައުމީ އެއާލައިނެވެ. މިކަމުގެ ތެރެއަށް 2012 އިން ފެށިގެން އަވަށްޓެރި އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރަކާއި ޑޯނިއާއެއް ވަނަސް މި އޮޕަރޭޝަން މިހާރުވެސް ލީޑު ކުރާ ބަޔަކީ މޯލްޑިވިއަންނެވެ. 

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރު ރާއްޖޭގެ އެކި ހިސާބުތަކުން ވައިގެ މަގުން މާލެއަށް ފަރުވާއަށް މީހުންގެ 98 ޕަސެންޓު އުފުލީ މޯލްޑިވިއަން އެވެ. މިކަން އެ ކުންފުނިން ކުރަމުން ދިޔައީ އެ ކުންފުނީގެ ޑޯނިއާ އާއި ފަހުން ގެނައި ބޯޓުތަކުގަ އެވެ. އެކަން ކުރީ ބަލި މީހުން އުފުލުމުގެ ރިކުއެސްޓެއް އާސަންދައިން ލިބުމާއެކު އެ ބޯޓެއް އޮތް އެއާޕޯޓެއްގައި އޮންނަ ބޯޓެއް ގޮނޑިތައް ނައްޓައި ޖާގަ ހަދައިގެނެވެ. އެކަމަކު ވައިގެ މަގުން ބަލި މީހުން އުފުލަން ހާއްސަ އުޅަނދެއް ހާއްސަކޮށް ސަރުކާރުން އެއާއެމްބިއުލާންސުގެ ހިދުމަތް ތައާރަފު ކުރުމާއެކު މި ކަމަށް މިވަނީ ބޮޑު ބަދަލެއް އައުމުގެ އާ ދަތުރަކަށް ނުކުމެފަ އެވެ. އެއާ އެމްބިއުލާންސުގެ ހިދުމަތާއެކު ހުޅުވިގެން ދަނީ މި ހިދުމަތުގެ އާ ބާބެކެވެ. 

"ވަރަށް ރަނގަޅު ނިންމުމެއް ސަރުކާރުން އެ ނިންމެވީ. މިއީ ފެށުމެއް. ދެން މިކަން ތަރައްގީ ކުރެވިގެންދާނެ. މި ހުޅުވިގެން ދަނީ ރާއްޖެއަށް އާ ފުރުސަތެއް،" ރާއްޖެ އަށް ގިނަ އަދަދެއްގެ އެއާލައިން ގެންނަ އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ވައުދުގައި ހިމެނޭ ދިވެހިންގެ އަމިއްލަ އެއާ އެމްބިއުލާންސުގެ ހިދުމަތުގެ ވައުދު ފުއްދުން ފައްޓަވާފައި ވަނީ މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ ބޯޓެއް ބޭނުން ކޮށްގެންނެވެ. މީގެ އިތުރުން މި ބޯޓާއެކު ސީޕްލޭނެއް ވެސް ބަލި މީހުން އުފުލަން ވަނީ ހާއްސަ ކޮށްފަ އެވެ. މި އުޅަނދުގައި 15 ފަޅުވެރިން ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން ތިބޭނެ އެވެ. 

1980 ގައި އެއާ އެމްބިއުލާންސް ހިދުމަތް

ކުރިން އައްޑޫގައި އެއާ އެމްބިއުލާންސު ހިދުމަތުގައި ބޭނުން ކުރި ބޯޓެއް

ރާއްޖެ އެއާ އެމްބިއުލާންސާ ހަމައަށް އައިސްފައި ވާއިރު މިހާތަނަށް ރާއްޖޭގައި މި ހިދުމަތް ޕްރޮފެޝަނަލް ލެވަލްއެއްގައި ދީފައި ވަނީ 1980 އިން ފެށިގެން 1990 ގެ އަހަރުތަކުގަ އެވެ. އޭރު މި ހިދުމަތް ދިނީ ހަމައެކަނި ޓޫރިސްޓުންނަށެވެ. އެންމެ ދެ އެއާޕޯޓް އޮތް އެ ޒަަމާނުގައި މި ހިދުމަތް ދިނީ ހަމައެކަނި ޓޫރިސްޓުންނަށެވެ. ސުވިޒަލޭންޑުގެ ވިޔަފާރިވެރިއެއް ރާއްޖޭގައި ފެށި މި އެއާ "ފްލައި ސުވިސް އެމްބިއުލާންސް - މޯލްޑިވްސް" ހިދުމަތުގައި އޭރު ބޭނުން ކުރަމުން ގޮސްފައި ވަނީ ލޭލް އެލްއޭ 250 މަރުކާގެ ދެ ބޯޓެކެވެ. މިއީ ފެނަށް ޖައްސައި އަދި ރަންވޭއަށް ވެސް ތިރި ކުރެވޭ ގޮތަށް ފުރޮޅު ހަރުކޮށްފައިވާ މަތިންދާ ބޯޓު ތަކެކެވެ. ކޮންމެވެސް ވަރަކަށް މި ހިދުމަތް ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި އޭރު ދިނެވެ.

އޭގެފަހުން ހަމިން ބާޑް ހެލިކޮޕްޓަރުގައި ވެސް ބަލި މީހުން އުފުލައި އުޅުނެވެ. ނަމަވެސް ފަހުން ބަލި މީހުން އުފުލަން ހާއްސަކޮށް ވަކި އުޅަނދެއް ރާއްޖޭގައި ބޭނުން ކުރަމުން ގޮސްފައެއް ނެތެވެ. މިކަން މިހާތަނަށް ކުރަމުން ދިޔައީ އާސަންދައިން ފައިސާ ދައްކާ މޮޑެލްއެއްގައި މޯލްޑިވިއަން އިންނެވެ. އެކަމަކު މި ހިދުމަތް ދިނުމުގައި މިހާތަނަށް އޮތް ގޮންޖެހުމަކަށްވީ އެއާޕޯޓްތައް މަދުވުމާއެކު ބަލި މީހުން އެއާލިފްޓް ކުރަން ހުރި އޮޕްޝަންތައް މަދުވުމެވެ. އެމަކު މިހާރު ރާއްޖޭގައި 17 އެއާޕޯޓް އެބައޮތެވެ. އަދި މީގެ އިތުރުން ވެސް އާ އެއާޕޯޓްތައް އަޅަމުން ދިއުމާއެކު މި ހިދުމަތް މިހާރުވެފައި ވަނީ ޕްރޮފެޝަނަލް ފެންވަރެއްގައި ރީތިކޮށް ދެވެން އޮތް މޮޅު ހިދުމަތަކަށެވެ. މިކަމަކީ ވިޔަފާރީގެ ގޮތުން ވެސް ބަޖެޓަށް ބުރަ ބޮޑު ނުކޮށް ކުރެވެން އޮތް ހިދުމަތެއްގެ ގޮތުގައި މިހާރު ބުނެވިދާނެ އެވެ. 

ގައުމީ އެއާ އެމްބިއުލާންސުގެ ބޯޓެއް

ޓޫރިޒަމަށް މުހިންމުކަން ބޮޑު، ވިޔަފާރިއެއް

ގިނަ ބޭފުޅުންނަށް މޯލްޑިވިއަންގެ ޑޭޝް8 ގެ މަތިންދާ ބޯޓެއްގައި ރާއްޖޭގައި ފެށި އެއާ އެމްބިއުލާންސުގެ ހިދުމަތަކީ ވިޔަފާރީގެ ރަނގަޅު މޮޑެލްއެއްގައި ފުޅާ ކުރެވިދާނެ ވިޔަފާރިއެއްގެ ގޮތުގައި ފެނިވަޑައިގަންނަވަ އެވެ. އެހެންވެ މި ހިދުމަތަކީ ދިވެހި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރަން ލިބޭ ފުޅާ ފުރުސަތެއްގެ އިތުރުން މިއީ ގައުމީ އެއާލައިން އާއި އާސަންދައަށް ވެސް ފައިދާހުރި ވިޔަފާރިއެއްގެ ގޮތުގައި ކުރެވެން އޮތް މަގެކެވެ. 

މި ހިދުމަތް ފެށުމާއެކު އައްޑޫގެ ކައުއެންޗާ ޑައިވް ސެންޓަރުގެ މެނޭޖަރު މާކް ކޮވެންބަރާގް ބުނެފައިވާ ގޮތުގައި ރާއްޖެއަށް އެއާ އެމްބިއުލާންސުގެ ހިދުމަތަކީ ވަރަށް ބޭނުންތެރި ހިދުމަތެކެވެ. 

"މިއީ މޯލްޑިވްސްއާއި ސަރުކާރުން އެޅި ވަރަށް ބޮޑު ފިޔަވަޅެއް. ސަބަބަކީ މިއީ [ޑޭޝް8] ގެ ބޯޓަކީ ތިރިން އުދުހުމުގެ ގާބިލްކަން ހުރި ބޯޓެއް. ޑައިވިންގައި ދިމާވާ ހާދިސާތަކާ ގުޅިގެން ބަލި މީހުން އުފުލޭނީ ޑީކޮމްޕްރެސް ކޮށްގެން. އެ ހާލަތުގައި ބޭނުންވަނީ އަވަހަށް މެޑިކަލް އިވެކުއޭޝަން ލިބުން. އެކަމަށް މިއީ ރަނގަޅު އޮޕްޝަނެއް،" މާކް އޭނާގެ ފޭސްބުކްގައި ބުނެފައިވެ އެވެ. 

މޯލްޑިވިއަން އިން ފެށި މި ދަތުރަކީ ދިވެހިން ފަހުރުވެރިކަމާއެކު ދިވެހިން ބަލިވުމުން އުފުލާނީ ދިވެހިންގެ ގައުމީ އެއާލައިންގައޭ ބުނަން ދިން ފުރުސަތެކެވެ. ރައީސް އިބްރާހިމް ނާސިރު ދުނިޔޭގައި ހުންނެވިނަމަ އެންމެ އުފާވާނެ އެއް ބޭފުޅަކީ އެ މަނިކުފާނެކަން ޔަގީނެވެ. އެ މަނިކުފާނަކީ ސުން ބޯޓުން 100 ބޯޓު އުފައްދައި ޝިޕިން ކުންފުނި އުފަންކޮށް ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ޗެއިން އުފަން ކުރެއްވި ލީޑަރެވެ. ދޯނީގައި އިންޖީނު އެޅުމަކީ މަސް އައިން ބިރުން ސިހި އޮވާނެ ކަމަށް ބުނަމުން ދަނިކޮށް އޮޑި ފަހަރުގެ ވަތަށް އިންޖީނު ތިރި ކުރެއްވި މޭސްތިރި އެވެ.

އެއާ އެމްބިއުލާންސުގެ ހިދުމަތަކީ މޯލްޑިވިއަންއަށް ވަކި ވިޔަފާރިއެއް ހަދައިގެން ވަކިން އިންވެސްޓްމަންޓް ހޯދައިގެން ފުޅާކޮށް ބޮޑު ކުރެވިދާނެ ކަމެކެވެ. އިންޝުއަރެންސް ވިޔަފާރިއާ ގުޅުވާލައިގެން ފުޅާ ކުރެވިދާނެ ވިޔަފާރިއެކެވެ. މި ހިދުމަތް ފެށި ބޯޓަކީ 20 އަހަރުވެފައިވާ އެއްޗަކަށްވުން މިއީ މައްސަލައެއް ނޫނެވެ. ރާއްޖެއަށް އުދުހޭ "ވޯލްޑް ލަގްޒަރީ" އެއާލައިންތަކުގެ ތެރޭގައި ވެސް 15 އަދި 20 އަހަރުގެ ބޯޓު ބޭނުން ކުރާ ކިތަންމެ އެއާލައިނެއް އެބަ ތިއްބެވެ. 

މޯލްޑިވިއަންގެ ހިދުމަތް ފެށުމަށްފަހު ވަކިން ވިޔަފާރިއެއްގެ ގޮތުގައި އިންވެސްޓްމަންޓް ހޯދައިގެން މި ހިދުމަތަށް ހެލިކޮޕްޓަރު ވެސް އިތުރު ކުރެވޭނެ އެވެ. ދުނިޔޭގެ އެކި ހިސާބުތަކުގެ ހޮސްޕިޓަލްތަކަށް ބަލި މީހުން އުފުލުމުގެ ހިދުމަތް ދެވޭނެ ވިޔަފާރިއަކަށް ބަދަލު ކުރެވިދާނެ ކަމެކެވެ. އަދި ޓޫރިޒަމްގެ ތެރޭން އިންކޯޕަރޭޓްކޮށް މިކަމަކީ މޯލްޑިވިއަން ސަސްޓެއިންކޮށް ފައިދާ ވެސް ނެރެވޭނެ ކަމެކެވެ. ރާއްޖެއަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ހަބް އޮތް ގައުމެވެ. 

ރާއްޖެއަކީ ދުނިޔޭގެ އެންމެ ބޮޑު އެއާއެމްބިއުލާންސް އެއާލައިން އޮތް ގައުމަކަށް ނުހެދެންވީ ސަބަބެއް ކޮބައި ހެއްޔެވެ؟ އެކަމަށް ބޭނުންވާ ރަނގަޅު ޕްލޭނެކެވެ. ފައިގެ ބޮޑުވައި އިނގިއްޔާ ހިސާބުން ނުވިސްނައި ދުރުން ފެންނަން ސަރާސަރު ފުރުސަތު ތަކަށް ނަޒަރު ހިންގުމެވެ. ގައުމީ އެއާ އެމްބިއުލާންސް އެ އުދުއްސައިގަތީ ޔަގީންކަމާއި އެފަދަ ފުރުސަތެއް ހިފައިގެންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.