ފުރަތަމަ ބޭރުގެ ފެއާ އައިޓީބީ: ގެންދިޔައީ ފޮޓޯ އަލްބަމަކާއި ނޯޓް ފޮތެއް

އައިޓީބީއަކީ ރާއްޖޭން ބޭރުގައި ބައިވެރިވި ފުރަތަމަ ޓޫރިޒަމް ފެއާ އެވެ. މި ފެއާއަށް ދިވެހިން ދިޔައީ 1984 ވަނަ އަހަރު އެވެ.

ރާއްޖޭން ފުރަތަމަ ބައިވެރިވި އައިޓީބީ ފެއާގެ ސްޓޯލެއް

ރާއްޖޭގެ ޓޫރިޒަމްގެ ބައި ގަރުނުގެ ތާރީހުގައި އެތައް ކަމެއް ހިނގައިފި އެވެ. ފާހަގަ ކުރަން ޖެހޭ އެތައް ދުވަހެއް މާޒީ ވެއްޖެ އެވެ. މީގެ ތެރޭން އެއް ދުވަހަކީ މއަދެއެވެ. ދުނިޔޭގެ ޓޫރިޒަމްގައި އެންމެ ނަން މަޝްހޫރު ހުރިހާ ގައުމުތަކެއް މިއަދު ޖަރުމަނުގެ މެސޭބާލީންގައި ހުންނަ ބިޔަ ބޮޑު ކޮންވެންޝަން ސެންޓަރަށް ޖަމާވާއިރު މިކަމަކީ ރާއްޖެއަށް ހާއްސަ ކަމެވެ. ސަބަބަކީ މި ފެއާއަކީ ރާއްޖޭން ފުރަތަމަ ބޭރުގެ ފެއާއެއްގައި ބައިވެރިވި ފެއާ އެވެ. 

މި ފެއާއަކީ ޔޫރަޕަށް ރާއްޖެ ގުޅުގެން ގޮސް ޔޫރަޕު މީހުންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އުފުލިގެން ދިއުމުގައި މުހިންމު ރޯލެއް ކުޅުނު ފެއާ އެވެ. ރާއްޖޭން އެންމެ ފުރަތަމަ ޓޫރިޒަމް ފެއާއެއްގައި ބައިވެރިވެފައި ވަނީ 1983 ވަނަ އަހަރު އެވެ. މި ފެއާއަށް ފުރަތަމަ ދަތުރުކުރީ ރާއްޖޭގެ އެންމެ ބޮޑު އެއް ދިވެހި ޓޫރިޒަމް ބްރޭންޑް ޔުނިވާސަލް ކުންފުނިންނެވެ. މި ދަތުރުގައި ބައިވެރިވެ ވަަޑައިގަތީ މުހައްމަދު އުމަރު މަނިކް (އެމްޔޫ) އާއި އަހުމަދު މާހިރު ދީދީ އެވެ. މިއީ އައިޓީބީ ފެއާ އެވެ. އޭގެ ފަހުން ސަރުކާރުން މި ފެއާއަށް ދިޔައީ މާރިޗް 3، 1984 ވަނަ އަހަރު އެވެ. 

"ރާއްޖޭގެ ފުރަތަމަ ފެއާގައި ބައިވެރިން ގެންގުޅުނު ޕޯސްޓަރުތަކާއި އެހެނިހެން ސާމާނު ސްރީލަންކަން ސްޓޭންޑުގައި އޭރު ތިބި ފަރާތް ތަކުން ކުނި ވަށިގަނޑަށް އަޅާލި،" ރާއްޖޭގެ ޓޫރިޒަމްގެ މުހިންމު މި ތާރީހީ ހާދިސާއާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން 1998 ވަނަ އަހަރު ނެރެފައިވާ ފޮތުގައިވެ އެވެ.

މި ހާދިސާ އަށް ތާރީހު ޖަހާތާ މިއަދަށް ބަރާބަރު 41 އަހަރު އަދި ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރިގެން ދިޔައިރު، މިހާތަނަށް މި ފެއާގެ ވާހަކައާއި އޭރު ކަންވީ ގޮތް ކިޔައިދީފައެއް ނުވެ އެވެ. އެކަމެއް ނޭނގެ އެވެ. 

ޓޫރިޒަމަށް 50، އެކަމަކު މި ވާހަކައެއް ނުދައްކާ

ރާއްޖެ އައިޓީބީ ފެއާގައި ބޮޑު މަސް ނެރެނީ

ޓޫރިޒަމަށް ބައިގަރުނު ވެގެން އެވޯޑްތަކާއި އިނާމުތައް ހާހުން މިދިޔަ އަހަރު ބެހި ނަމަވެސް ތާރީހަށްޓަކައި ވެސް ރާއްޖޭގެ ފުރަތަމަ ޓޫރިޒަމް ފެއާގައި ކަންވީ ގޮތާއި ކަންތައް ކުރި ގޮތް އެ ފެއާއަށް އޭރު ދިޔަ ބޭފުޅުން މެދުވެރިކޮށް ގެނެސްދީފަައި ނެތުމަކީ ޓޫރިޒަމް ރަންޔޫބިލް ފާހަގަ ކުރަން ކުރި މަސައްކަތުގެ އިހުލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމެމެވެ. 

މިދިޔަ އަހަރު އޭރުގެ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އިސްވެ ހުންނަވައި ޓޫރިޒަމްގެ 50 އަހަރު ފާހަގަ ކުރަން އިނާމު ބެހިޔަސް މި ތާރީހީ ހާދިސާ އެނގޭނެ އިންސާނަކު މި ގައުމަކު ނެތެވެ.

އައިޓީބީ ފެއާއަށް މިއަދު ރާއްޖޭގެ ޓޫރިޒަމްގެ އެންމެން ޖަމާވެ ސަލާންކޮށް ސެލްފީ ނަގައި މޮޅު ވާހަކަ ދެއްކިޔަސް ފުރަތަމަ އައިޓީބީ ފެއާއަށް ދިޔަ ބޭފުޅުން ރާއްޖެ ޕްރޮމޯޓް ކުރަން ކުރި މަސައްކަތެއް ނޭނގެ އެވެ. 

ދިވެހިރާއްޖެއަކީ އޮތް ގައުމެއްކަން އެނގޭ މަދު ބަޔަކު ދުނިޔޭގައި ތިބި ދުވަސްވަރެއްގައި ފުރަތަމަ މި ފެއާއަށް ދިޔަ މަދު ދިވެހި ޓްރެވަލް އެޖެންޓުންގެ ތެރޭން އެއް ބޭފުޅަކީ އިނަ މޯލްޑިވްސް މުހައްމަދު ފިރާގު އެވެ. އޭނާގެ އެންމެ ޒުވާން ދުވަސްވަރު ގާތްގަނޑަކަށް އުމުން 20 ގެ އަހަރުތައް ގުނަމުން ދިޔަ ދުވަސްވަރު ފިރާގު ފުރަތަމަ އައިޓީބީ އަށް ކުރެއްވި ދަތުރަކީ ވެސް ތާރީހައްޓަކައި ރައްކާ ކުރަން ޖެހޭ ތަޖުރިބާ އެކެވެ.

ފުރަތަމަ ތަޖުރިބާ، ބައެއް ބޭފުޅުން ގެއްލުނު

ފިރާގު މިހާރު އެ ހުންނެވީ އޭނާގެ 29 ވަނަ އައިޓީބީ ފެއާގަ އެވެ. އައިޓީބީ އަށް ދާން ފެއްޓެވީ ރާއްޖޭން ރަސްމީކޮށް އައިޓީބީގައި ބައިވެރިވިތާ 12 އަހަރު ފަހުންނެވެ. 

އެ ޒަމާނަކީ މިހާރުގެ ގޮތަށް މޮޅު ފޯނާއި އައިޕެންޑުގެ ޒަމާނެއް ނޫނެވެ. އެހެންވެ ބޭރު މީހުންނަށް ދައްކަން ގެންދަން ޖެހެނީ ފޮޓޯ އަލްބަމެކެވެ. މި އަލްބަމުގައި ހުންނާނީ ވިއްކާ ރިސޯޓުގެ ފޮޓޯތަކެވެ. ދެން އަތުގައި އޮންނާނީ ލޮގްފޮތެއް ނޫނީ މޮޓީޓަރު ފޮތެވެ. އެ ފޮތުގައި ހުންނާނީ ރާއްޖެ އައި ޓޫރިސްޓުންގެ ރިވިއު އެވެ. މިހާރު ފަސޭހަކަމާއެކު ބުކިން ޑޮޓްކޮމްގައި އިނގިލި ކުރިން ގެސްޓް ރިވިއު ލިޔެލެވުނަސް އެއީ މި ދުވަހެއް ނޫނެވެ.

"އައިޓީބީ އަށް އޭރު ދަތުރު ކުރަން ޖެހެނީ ވެސް ވަރަށް ދަތިކޮށް، ހަރަދު ވެސް އެހާމެ ބޮޑު. ޖަރުމަނަށްދާން 18 ނޫނީ 20 ގަޑިއިރު ހޭދަކުރަން ޖެހޭ. އެންމެ ފުރަތަމަ އައިޓީބީ އަށް ދިޔަ ފަހަރު ކާރުގައި ގޮސް ފޭބުނީ ވެސް ނުބައި ގޭޓަކަށް. އެހެންވެ ރާއްޖޭގެ ސްޓޯލް ހުންނަތަން ހޯދުނީ ވެސް ދެ ގަޑިއިރެއްހާ އިރު މުޅިތަނުގައި އެނބުރިގެން،" ފިރާގު ވިދާޅުވި އެވެ. 

"މުޅި ފެއާގެ ތެރޭގައި ހޫރެނިކޮށް ދިމާވީ އޭރުގެ ޓޫރިޒަމްގެ ޑިރެކްޓަރު އަބްދުﷲ ސައީދުއާ. ދިމާވެގެން ސްޓޭންޑް ހޯދުނީ ވެސް."

އައިޓީބީ ފެއާގައި އެންމެ ފުރަތަމަ ބައިވެރި ދެ ޓްރެވަލް ކުންފުނީގެ ވެރިން، އިނަ މޯލްޑިވްސް ފިރާގާއި ކެޕިޓަލް ރިފްއަތު

ރާއްޖޭގެ ސްޓޭންޑް ހަދަނީ ދިވެހިން

ރާއްޖޭން ފުރަތަމަ އައިޓީބީ ފެއާގައި ބައިވެރިވެ ފުރަތަމަ ޖެހީ ކުޑަ ސްޓޭންޑެކެވެ. އެ ސްޓޭންޑް ހެދީ ދިވެހިންނެވެ. މި މަސައްކަތް އޭރު ކުރެއްވީ ޖަރުނަމުގެ މެސޭ ބާލިންއަށް ގޮސް މައިޒާން އާސިފާއި ކަރަންކާ ރަޝީދު ފަދަ ބޭފުޅުންނެވެ. ރާއްޖޭން 1984 ވަނަ އަހަރު އައިޓީބީގައި ބައިވެރި ފުރަތަމަ ފަހަރު އޭރުގެ ޓޫރިޒަމް ޑިޕާޓްމަންޓުގެ އިތުރުން އަމިއްލަ ބައެއް ފަރާތް ތަކުން ވެސް ބައިވެރިވި އެވެ. 

ކްރޮސް ވޯލްޑް މޯލްޑިވްސް ކުންފުނީގެ ފަރާތުން ފެއާގައި ބައިވެރިވެ ވަޑައިގަތް ފިރާގު ވިދާޅުވި ގޮތުގައި އެ ދުވަސްވަރު ރާއްޖެ އެނގެނީ މަދުބައެއް ކަމަށާ، ރާއްޖޭގެ ވާހަކަތައް ކިޔައިދޭން އޭރު ދިވެހިން ލައްކަ މަސައްކަތް ކުރި ކަމަށެވެ.

"މީހުން އައީމަ އަހަރެމެން ބުނަން މިވެނި ރިސޯޓެއްގައި މީރު ފެން ހުންނާނެއޭ. އޭރު އެއީ ރިވިއު ވަަރަށް ރަނގަޅުވާ ކަމެއް. މީރު ފެން ހުންނަ ރިސޯޓެއްނަމަ ހަމަ ވަރަށް ޝައުގުވެރިވާނެ މީހުން. އެ ޒަމާނުގައި އެހާ އާއްމުކަމެއް ނޫން އެއީ،" ފިރާގު ވިދާޅުވި އެވެ.

އައިޓީބީ ފެއާ ވެގެން ގޮސްފައި ވަނީ ރާއްޖޭގެ ޓޫރިޒަމަށް އިންގިލާބީ ބަދަލެއް ގެނެވި ފެއާއަކަށެވެ. އޭރު މި ފެއާއަށް ވަޑައިގަތް އަނެއް ބޭފުޅަކީ ރާއްޖޭގެ އެންމ ދުވަސްވީ ޓްރެވަލް ކުންފުނި، ކެޕިޓަލް ޓްރެވަލްގެ ވެރިޔާ ޔޫސުފު ރިފްއަތު އެވެ.

ރިފްއަތު ވިދާޅުވި ގޮތުގައި އައިޓީބީ ފެއާއަށް ފުރަތަމަ ދިޔަ ދަތުރަކީ ތަފާތު ތަޖުރިބާތަކެއް ކުރެވުނު މި ސިނާއަތުން ގިނަ ފިލާވަޅު ތަކެއް ދަސްވި ދަތުރެކެވެ.

"ބްރޯޝާ ތަކެއް ޕްރިންޓްކޮށްގެން އެ ހިފައިގެން ދިޔައީ. އޭރު އަންނަ ގިނަ މީހުން ދައްކާ ވާހަކައަކީ ރާއްޖެ އަޑިއަށް ދާނެ އޭ، ރާއްޖޭގަ ކިހިނެއްހޭ ޓޫރިޒަމް އުފެއްދޭނީ؟ އެކަމަކު މިއަދު ބައްލަވާ ޓޫރިޒަމް އޮތް ހިސާބު. މިއީ ދުނިޔޭގެ ނަމްބަރު ވަން ޑެސްޓިނޭޝަން،" ރިފްއަތު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް އުފެދިގެން އައިއިރު ޓޫރިޒަމް އިސްތިހާރު ކުރުމަކީ އާއްމުކަމެއް ނޫނެވެ. މިހާރު ނުވަ މިލިއަން ޑޮލަރުގެ ބަޖެޓެއް ދީ ޓޫރިޒަމް ޕްރޮމޯޝަން ކުންފުންޏެއް ވަކިން އުފައްދައިގެން ވެސް އެކަން ނުވެގެން އުޅޭއިރު، އެ ދުވަސްވަރު ޕްރޮމޯޓް ކުރި މީހުން އެކަންކުރީ ޝައުގުވެރިކަމާއެކުގަ އެވެ. ޖޯޖްކޯބިންގެ ޓްރެވަލް ކުންފުނިން ޕޮރިންޓް ކުރި ބްރޯޝާތަކާއެކު އަބްދުﷲ އާސިފު (ސީޕްރިއާ) އާއި އަހުމަދު ނަސީމް (ކެރެފާ ނަސީމް) މެންފަދަ ބޭފުޅުން ބޭރުގައި މަސައްކަތްތަކެއް ކުރެއްވި އެވެ. އެކަމަކު މި މަސައްކަތްތަކަށްވުރެވެސް ޓޫރިޒަމް ދިރުން ގެނެސްދިން ކަމަކީ 1984 ވަނަ އަހަރު ރާއްޖެ އައިޓީބީއަށް ކުރި ދަތުރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.