އެ ނިންމުމުގެ ދަށުން ތެލަސީމިއާ ކުދިންގެ ތެރެއިން ފުދުންތެރިކަން ނެތް ފަރާތްތަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މިނިސްޓްރީ އޮފް ހެލްތް އާ ދެމެދު އެއްބަސްވުމެއް ގައި ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ކޮންމެ އަހަރަކު ޖުމްލަ 10 ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމަށް އެހީތެރިކަން ފޯރުކޮށް ދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މި އެހީ ދިނުމަށް ހަމަޖެހިފައި ވަނީ ކުއްޖަކަށް އެއް މިލިއަން ރުފިޔާއަށް ވުރެ އިތުރު ނުވާ ގޮތުގެ މަތިންނެވެ.
"މިއަހަރުން ފެށިގެން ކޮންމެ އަހަރަކު 10 ކުދިންނަށް އެހީ ފޯރުކޮށްދިނުމަށް ވަނީ ނިންމާފައި. ފަސް އަހަރުގެ ތެރޭގައި 50 ކުދިންނަށް ޖުމްލަ 50 މިލިއަން ރުފިޔާ ހަރަދު ކުރެވޭނެ،"
އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއަރޒ ޑރ. މުޙައްމަދު ޝުޖާއު އަބްދުލްހަކީމެވެ. ސިއްހީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސޮއި ކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތު އާމިނަތު ޝިރުނާ އެވެ.