އެއީ އަދި މުޅީން ފައިނަލް ނިންމުމެއް އޮތް ކަމެއް ނޫން ކަން ފާހަގަ ކުރައްވާ ރައީސް ވަނީ އެފަދަ މީހުންނަށް ވަރަށް އުންމީދީ ޖަވާބެއް ދެއްވާފައެވެ.
ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް ގުޅީފަޅަށް ގޯތި ބަދަލު ކުރުމުގެ ފުރުސަތު ދިނުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީ ސަރުކާރުގެ ދުވަސްވަރު ހުޅުމާލެއާ ގުޅިފަޅާއި ގިރާވަރުފަޅުން އެތައް ހާސް ބަޔަކަށް ވަނީ ގޯތި ދޫކޮށްފައެވެ. ގިނަ ގޯތި ދޫކުރީ އަދި މުޅީން ހިއްކާ ވެސް ނުނިމޭ ގިރާވަރުފަޅުންނެވެ. އެ ތަނުން ބިން ލިބުނު ގިނަ ބަޔަކު ދަނީ ހުޅުމާލެ އިން ނުވަތަ ގުޅީފަޅުން ބިން ލިބޭނެ ގޮތް ހަދައިދޭން އެދެމުންނެވެ.
އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ރައީސް މުއިއްޒު ކުރިއަށް ގެންދަވާ ސިލްސިލާ "ރައީސްގެ ޖަވާބު" ގައި ގިރާވަރުފަޅުން ގޯތި ލިބުނު މީހަކު ވަނީ އެ ގޯތީގެ ބަދަލުގައި ހުޅުމާލެ އިން ނުވަތަ ގުޅީފަޅުން ބިން ލިބުމުގެ އެއްވެސް ފުރުސަތެއް އެބައޮތްތޯ ރައީސާއި ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ރައީސް ފުރަތަމަ ވެސް ވިދާޅުވީ ގިރާވަރުން ބިން ލިބުނު ބައެއް މީހުން އެ ސުވާލު އެމަނިކުފާނާއި ކުރައްވަމުން ގެންދަވާ ކަމަށެވެ. އެއީ އަދި މުޅީން ފައިނަލް ނިންމުމެއް އޮތް ކަމެއް ނޫން ކަން ފާހަގަ ކުރައްވާ ރައީސް ވަނީ އެފަދަ މީހުންނަށް ވަރަށް އުންމީދީ ޖަވާބެއް ދެއްވާފައެވެ.
ރައީސް އެދިވަޑައިގަތީ އެއީ އޮތް ފުރުސަތެއް ކަމުގައި ދެކެވަޑައިގަތުމަށެވެ. ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ފަހުން އިތުރުކުރި ބިމުން ދޫކުރާ ގޯތިތަކުގެ ތެރޭގައި ހިމަނައިގެން އެ ފުރުސަތު ދިނުމާއިމެދު ވަރަށް އަވަހަށް ގޮތް ނިންމަވާ ފައިނަލް ޖަވާބެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ތި ކަމަކީ [ގިރާވަފަޅުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލު ކުރުމަކީ] ފުރުސަތު އޮތް ކަމެއް. އަދި އެހެން ނަމަވެސް ސިޔާސަތެއް ކަނޑަ ނާޅަން،"
ރައީސް ސޯލިހްގެ ސަރުކާރުން ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް އެތައް ހާސް ބަޔަކަށް ހުޅުމާލެއާ ގުޅީފަޅާއި ގިރާވަރުފަޅުން ގޯތިދޭން ނިންމާ ރަޖިސްޓްރީ ހަވާލު ކުރަން ފެށި އެވެ. އެ މަސައްކަތް ފެށިއިރު ގިނައީ ނުހިއްކާ އޮތް ސަރަހައްދެވެ. ހުޅުމާލެއާ ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފުރިހަމަ ކުރީ ވެސް މި ސަރުކާރު ގައެވެ. އަދި އެންމެނަށް ގޯތި ރަޖިސްްޓްރީ ދީ ނިންމީ ވެސް މި ސަރުކާރަށް ބަދަލުވީ ފަހުންނެވެ.