ރައީސްގެ ވާހަކަފުޅުގައި، ބަނދަރުގެ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށްގެން ދާނީ ރައްޔިތުން އެދޭ ގޮތަށް ކަމުގައި ވިދާޅުވިއެވެ.
ފަރެސްމާތޮޑާގައި ބިންހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށާއި، އެރަށުގެ ބަނދަރު ތަރައްގީ ކުރާނީ ސްލިޕްވޭއެއް ވެސް ހިމެނޭ ގޮތަށް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ހުވަދޫ ސްކޫލްގައި ފަރެސްމާތޮޑާގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ބަނދަރުގެ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށްގެން ދާނީ ރައްޔިތުން އެދޭ ގޮތަށް ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރު ކޮށްދިނުމަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ފަރެސްމާތޮޑާގެ ބޯހިޔާވަހިކަމުގެ މައްސަލަ ވެސް ހައްލު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ހުށަހަޅާފައިވާތީ، އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ހުރިހާ ސިޓީއެއްގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށާއި ބޮޑެތި ރަށްރަށުގެ ބޮޑެތި މަގުތައް ހެދުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ފަރެސްމާތޮޑާގެ މަގުތައް ވެސް ރަނގަޅު ފެންވަރަކަށް ހެދިގެންދާނެ ކަމަށެވެ.