މި ދައުރުގައި އައްޑޫ ބްރިޖުން ދަތުރުކުރާ މަންޒަރު ފެންނާނެ: ރައީސް

"އަޅުގަނޑުގެ އަންދާޒާއަކީ ގާތްގަނޑަކަށް ތިން އަހަރާ ބައި، ހަތަރު އަހަރުން މަސައްކަތް ނިމުން. މެކްސިމަމް ފޯ އިޔާސް. މިދައުރުގެ ތެރޭގަ ހުޅުމީދޫން ހިތަދޫއަށް، މުޅި ސިޓީން އެއްކޮށް ގުޅިލާމެހިގެން ގޮސް ދަތުރު ކުރާތަން ފެނިގެން ދާނެ،"

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމީދޫއަށް މިއަދު ވަޑައިގެން ރައްޔިތުންނާ ސަލާމް ކުރައްވަނީ --

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ދައުރުގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ހުޅުމީދޫ ގުޅާލުމުގެ ގޮތުން އަޅާ ބްރިޖްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ގާތްގަނޑަށް 14 ކިލޯމީޓަރުގެ ދިގު އައްޑޫ ބްރިޖްގެ ޕްރިލިމިނަރީ ޑިޒައިންނާއި ސާވޭގެ މަސައްކަތް މިއަދު ވަނީ މިސްރު ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ "ދަ އަރަބް ކޮންޓްރެކްޓާސް" އާ ހަވާލުކޮށްފަ އެވެ. 

އެއްބަސްވުމުގައި މިއަދު ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވި އިންފްރާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އެންޑް އަހުމަދު އޮސްމާން އެންޑް ކޯގެ ފަރާތުން ސޮއި ކުރެއްވީ އިންޖިނިއާ ހެބާ އަހުމަދު ލައިލާ އެވެ. 

އެއްބަސްވުމުގައި ސޮއި ކުރެއްވި ރަސްމިއްޔާތަށްފަހު ހުޅުމީދޫ ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ދެއްވި ޔަގީން ކަމަކީ، ބްރިޖް އެޅުމުގެ އަމަލީ މަސައްކަތް މިއަހަރު ފެށުމަށްފަހު މި ދައުރުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމެވެ.

"އަޅުގަނޑުގެ އަންދާޒާއަކީ ގާތްގަނޑަކަށް ތިން އަހަރާ ބައި، ހަތަރު އަހަރުން މަސައްކަތް ނިމުން. މެކްސިމަމް ފޯ އިޔާސް. މިދައުރުގެ ތެރޭގަ ހުޅުމީދޫން ހިތަދޫއަށް، މުޅި ސިޓީން އެއްކޮށް ގުޅިލާމެހިގެން ގޮސް ދަތުރު ކުރާތަން ފެނިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދު ވެވުނު އެއްބަސްވުމަކީ ހަމައެކަނި ފީޒިބިލިޓީ ހަލާދަން ހެދި އެއްބަސްވުމެއް ނޫން ކަމަށެވެ. އެ މަސައްކަތް ނިމޭއިރު އޮންނާނީ ތަފްސީލުކޮށް ބްރިޖްގެ ޑިޒައިން އެއްކޮށް ނިމިފައި ކަމަށެވެ. އެ މަސައްކަތް ހަމަ ނިމުމާއެކު އަމަލީ މަސައްކަތް ފެށުމަށް އެއްބަސްވުން ހަދަން ސަރުކާރުން އޮންނާނީ ތައްޔާރަށް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ބްރިޖް ވެގެން ދާނީ ރާއްޖޭގެ ތާރީހުގައި އެޅޭ އެންމެ ބޮޑު ބްރިޖަށް ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް މިވަރުގެ ބްރިޖެއް ނޭޅޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އައްޑޫ ސިޓީއަށް އިގްތިސޯދީ ގޮތުން ނަފާ ލިބޭނެ މަގު ދައްކައިދޭ މި ބްރިޖާއެކު އައްޑޫގައި ހުންނަ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމާއި، މަދުވެގެން 6000 އެނދަށް ޓާގެޓްކޮށް ހިންގަން ނިންމާފައިވާ އައްސޭރި ޓޫރިޒަމް ޕްރޮޖެކްޓްގެ އިތުރުން ސީޕްލޭން ހަބެއް ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ފައްޓަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެނަމަ މިހެން ހުރި މަޝްރޫއުތައް ހިންގަން އިތުރު މަގެއް ސަރުކާރަށް ލިބިގެން ދާނެ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ މެޖޯރިޓީ ހޯދައިދޭން މަސައްކަތް ކޮށްދިނުމަށް ވެސް އެދިވަޑައިގަތެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި އައްޑޫ ބްރިޖުގެ ސާވޭ ހަދަން 30 މިލިއަން ރުފިޔާ ވަނީ ހިމަނާފައި ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.