އައްޑޫ ބްރިޖު މަޝްރޫއު ހިންގާނީ ރައްޔިތުންނަށް މުއްސަދިކަން ލިބޭ ގޮތަށް: ރައީސް

"މިސާލަކަށް މި ސިޓީގައި ބްރިޖް އެޅުމުގެ މަސައްކަތް ފެށިގެންދާއިރު އެ ބްރިޖްގެ މަަސައްކަތުގެ އެތައް ކަމެއް ކުރާނީ މި ސިޓީގެ ރައްޔިތުންގެ ކުންފުނިތަކުން،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭގެ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަނީ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ހުޅުމީދޫ ގުޅާލުމުގެ ގޮތުން އަޅަން ނިންމާފައިވާ ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ސިޓީގެ ރައްޔިތުންނަށް މުއްސަދިކަން ލިބޭ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފޭދޫ އޮތް ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ނަގާނީ ދެކޮޅު ޖެހޭ ލޯނުތައް ކަމަށެވެ. އެ ވާހަކަފުޅު ތަފްސީލު ކޮށްދެއްވަމުން ވިދާޅުވީ އެފަދަ ލޯނުތައް ދައްކަން ފަސޭހަ ވާނެ ކަމަށެވެ. އަދި އެ ލޯނުތައް ނަގައިގެން ހިންގާ މަޝްރޫއުތަކަކީ ދެކޮޅު ޖެހޭ ރައްޔިތުންނަށް ތަނަވަސްކަން ގެނެސް ދޭނެ މަޝްރޫއު ތަކެއް ކަމަށެވެ.

ރައީސް ވިދާޅުވީ މިދިޔަ ފަސް އަހަރު ނެގި ބޮޑެތި ލޯނުތަކުން ރައްޔިތުންނަށް ވީ ފައިދާއެއް ނެތް ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރުން ނަގާ ކޮންމެ ލޯނެއްގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ. އަދި ލޯނު ނަގައިގެން ހިންގާ ކޮންމެ މަޝްރޫއު އަކުން ރައްޔިތުންނަށް މުއްސަދިކަން ލިބޭނެ ކަމަށެވެ.

މިސާލެއްގެ ގޮތުން ރައީސް ނެންގެވީ ރައީސް ޔާމީންގެ ސަރުކާރު ގައި އެމަނިކުފާނު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ކުރިއަށް ގެންދެވި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ހިންގި ގޮތެވެ. ރައީސް ވިދާޅުވީ އެ މަޝްރޫއު ގައި ބޭނުން ކުރި ޓަގް ބޯޓާއި ސިމެންތިއާ އެ ނޫން ތަކެތި އަދި މަޝްރޫއުއަށް ރާއްޖެ އައިސް ތިބި މީހުން ބޭނުންވާ ކާނާއާ އެ ނޫން އެތައް ކަމެއް ކުރީ ރާއްޖޭގެ ކުންފުނިތަކުން ކަމަށެވެ.

އެކަމުން އެތައް ބަޔަކު މުއްސަދިވި ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެކަން އެގޮތަށް ކުރެވޭނީ އެ މަޝްރޫއުތަކަށް ލޯނު ދޭ ގައުމުތަކާއި އެގޮތަށް ވާހަކަ ދައްކާ މަޝްވަރާ ކޮށްގެން ކަމަށް ވިދާޅުވި އެވެ.

"މިސާލަކަށް މި ސިޓީގައި ބްރިޖް އެޅުމުގެ މަސައްކަތް ފެށިގެންދާއިރު އެ ބްރިޖްގެ މަަސައްކަތުގެ އެތައް ކަމެއް ކުރާނީ މި ސިޓީގެ ރައްޔިތުންގެ ކުންފުނިތަކުން،"

ރައީސް ވިދާޅުވީ އައްޑޫ ބްރިޖް މަޝްރޫއު ހިންގާނީ ފަރުދީ މުއްސަދިކަން ލިބޭނެ ގޮތަށް ކަމަށާ މި ސަރުކާރުން ހިންގާ އެފަދަ ކޮންމެ މަޝްރޫއުއަކުން ރައްޔިތުންނަށް މުއްސަދިކަން ލިބޭނެ ަކމަށެވެ.

"މިދިޔަ ފަސް އަހަރު ނެގި ލޯނުތަކުން ލޯ މޮހޮރެއް ގަންނަން ވިޔަސް ރާއްޖޭން ނުގަންނާނެ. އެ އެގްރީމަންޓްގައި އޮތީ ލޯނު ދިން ގައުމުން ނޭ މޮހޮރު ގެންނަން ވާނީ،" ރައީސް ސޯލިހްގެ ސަރުކާރުން ނެގި ލޯނުތަކަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވި އެވެ.

ފޭދޫ އޮތް ޖަލްސާ ގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ

ރައީސް މިއަދު ވަނީ އައްޑޫ ސިޓީގައި އަޅަން ނިންމާފައިވާ ބްރިޖްގެ މަސައްކަތާއެކު އެ ސިޓީގެ ރައްޔިތުންނަށް އިގްތިސޯދީ ބޮޑެތި ކުރިއެރުންތައް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ އައްޑޫގައި ހިންގަން ނިންމާފައިވާ އެންމެ ބޮޑު މަޝްރޫއަކީ އެއީ ކަމަށާއި، ބްރިޖް އެޅުމަށް ބޭނުންވާ ޑިޒައިން ފީޒިބިލިޓީގެ މަސައްކަތް ބަޔަކާ ހަވާލުކޮށް ހިންގާނީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކަމަށެވެ. އަދި ބްރިޖްގެ މަސައްކަތް މިއަހަރު ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ދަތުރުގަ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި ސިޓީގެ ތަރައްގީއަށްޓަކާ ކުރިއަށް ގެންދަން އަޅުގަނޑު ވައުދުވެފައިވާ އެންމެ ބޮޑު މަޝްރޫއުގެ ޑިޒައިން ފީޒިބިލިޓީގެ މަސައްކަތް، އެ މަސައްކަތް ވެސް އިރާދަ ކުރެއްވިއްޔާ އޭގެ ޑިޒައިންގެ މަސައްކަތް، އެއީ ޗައިނާގެ ހިލޭ އެހީން، ބްރިޖްގެ އަސްލު މަސައްކަތް މިއަހަރު ފެށިގެންދާއިރު މިދެންނެވި ބީދައިން ކުރިއަށްދާނީ،"

އައްޑޫ ބްރިޖް - ރައީސް އަބްދުﷲ ޔާމީންގެ 2018ގެ މެނިފެސްޓޯގައި މީދޫ އާއި ހިތަދޫއާ ދެމެދު ބްރިޖް އެޅުމަށް ނިންމާ އެކަން ހިމަނާފައި އޮތެވެ. 2013 ވަނަ އަހަރުން ފެށިގެން އެ ސިޓީގެ ރައްޔިތުން ދަނީ އެކަމަށް އުންމީދު ކުރަމުންނެވެ. ރައީސް ޔާމީނަށް އިންތިހާބަށް ކުރިމަތި ލެއްވޭ ގޮތް ނުވުމުން ރައީސް މުއިއްޒު ކެންޑިޑޭޓަކަށް ވެވަޑައިގެން ވެސް އެ ވައުދު ވަނީ ތަކުރާރު ކުރައްވާފައެވެ. ކެމްޕެއިނަށް އައްޑޫއަށް ވަޑައިގެންނެވި ދެ ފަހަރު ވެސް ކެމްޕެއިން ޖަލްސާއަށް އެ ސިޓީގައި ތަން އިންތިޒާމު ކުރީ މީދޫ-ހިތަދޫ ބްރިޖު ސިފަކުރެވޭނެ ގޮތަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.