ޔާމީނަށް އިންސާފު ލިބުން ލަސްވެއްޖެ، އެކަމަށް ހުރަސް އަޅާ މީހަކު ސަރުކާރަކު ނުހުންނާނެ: ރައީސް

"އަޅުގަނޑު ދެކޭ ގޮތުގައި މިހާ ދުވަސްވީއިރުގައި ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްވުމަކީ ގައުމަށް ހަމަޖެހުން ލިބޭނެ ގޮތެއް ނޫން. އެމަނިކުފާނަށް ވެސް އިންސާފު ލިބެން ޖެހޭނެ. އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭގެ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ނުލިބި ލަސްވެގެން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާ އުންމީދަކީ އެމަނިކުފާނަށް ވަރަށް އަވަހަށް އިންސާފު ލިބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީ ފޭދޫ އާއި ހިތަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅު ގައެވެ. މިއީ ރައީސް ޔާމީނަށް އިންސާފު ލިބުމާއި ގުޅޭ ގޮތުން ވެރިކަމަށް ވަޑައިގެން މިހާ ސާފުކޮށް ރައީސް މުއިއްޒު ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.

ރައީސް ވިދާޅުވީ އެެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ކޯޓްތައް ހިނގަނީ އެއްވެސް ނުފޫޒެއް ނެތި ކަމަށެވެ.

"އެއްވެސް ވަޒީރަކު އެއްވެސް ކުންފުންޏެއްގެ ވެރިއަކު، އެއްވެސް އެމްޕީ އަކު އަޅުގަނޑުމެންގެ ތެރޭގައި ހުރި އެއްވެސް މީހަކު ކޯޓް ގައި ހިނގާ އެއްވެސް ކަމަކަށް ނުފޫޒެއް ނުފޯރުވާނެ. އެކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް،"

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރު ގައި ސިޔާސީ ގޮތުން އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭނެ ކަމަށާ އެކަން ކަށަވަރު ކުރައްވާނެ ކަމަށެވެ. ސިޔާސީ ވިސްނުމުގައި ކުރީގެ ރައީސުން ހައްޔަރުކޮށް ޖަލުގައި އަނިޔާ ދޭނެ ބޭފުޅަކަށް އެމަނިކުފާނު ވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

އޭގެ ފަހުން ދެން ވިދާޅުވީ ރައީސް ޔާމީނަށް އިންސާފު ނުލިބި މިހާ ގިނަ ދުވަސް ވެގެން ދިއުމަކީ ގައުމަށް ހަމަޖެހުން އޮތް ގޮތެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނަށް އިންސާފު ލިބެން ޖެހޭ ކަމަށް ވިދާޅުވެ އުންމީދަކީ ދާދި އަވަހަށް އިންސާފު ލިބިގެން ދިއުން ކަމަށެވެ. އަދި އެ ކަމަށް ހުރަސް އަޅާނެ އެއްވެސް މީހަކު ސަރުކާރު ގައި ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިހާ ދުވަސްވީއިރުގައި ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްވުމަކީ ގައުމަށް ހަމަޖެހުން ލިބޭނެ ގޮތެއް ނޫން. އެމަނިކުފާނަށް ވެސް އިންސާފު ލިބެން ޖެހޭނެ. އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން،" ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލްސާ އެއް ގައި ވާހަކަފުޅު ދައްކަވަނީ

ރައީސް އެއަށް ފަހު ވެސް ވިދާޅުވީ ޖުޑީޝަރީއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށާ މިހާތަނަށް އެފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ އެތައް ސަތޭކަ ފަހަރަކު، ކެމްޕެއިން ގައި ވިދާޅުވެފައެވެ. އިންތިހާބުގެ ކެމްޕެެއިން ގައި ދެއްވި 200 ވުރެ ގިނަ ތަގުރީރު ގައި އެންމެ ފުރަތަމަ ވެވަޑައިގަންނަވަނީ އެ ވައުދުފުޅެވެ. ރައީސް ޔާމީންގެ ޝަރަފުގައި ކޮންމެ ކެމްޕެއިން ޖަލްސާ އެއްގައި ފުރަތަމަ ސަފުގެ މެދު ގޮޑި ހުސްކޮށް ބޭއްދެވި އެވެ. އެ ގޮޑީގައި ރައީސް ޔާމީންގެ ނަން ލިޔުއްވާފައި ތަތްކުރެ އެވެ.

ނަމަވެސް ރައީސް މުއިއްޒުގެ ވެރިކަމަށް ހަތަރު ހަފްތާ ވެގެންދިޔައިރު ޔާމީންގެ މައްސަލައިގެ އިސްތިއުފާނު ނިންމާ ހުކުމް ކުރެވޭ ގޮތް ވެސް ވަނީ ނުވެފައެވެ.

މައްސަލަ ނިންމާ ހުކުމް ނުކޮށް ހައިކޯޓްގެ ފަނޑިޔާރުން ވަޑައިގަތީ ޗުއްޓީ އަށެވެ. އޭގެ ފަހުން ވެސް މިހާރު ވަނީ ދެ މަހެއްހާ ދުވަސް ވެފައެވެ. އަދި ވެސް މައްސަލަ ނިމޭނެ ދުވަހެއް ނޭންގެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.