ތެލަސީމިއާއަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ރާއްޖޭގެ ރަށްރަށުން ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ވަރަށް އަވަހަށް ތެލަސީމިއާ ކުދިންގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލް މާލެ ސަރަހައްދުގައި ގާއިމްކުރައްވާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތިން ވަނަ ގައުމީ ތެލެސީމިއާ ކޮންފަރެންސް ފާހަގަ ކުރަން ޝީ ބިލްޑިންގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ވިދާޅުވީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް، އެ ހޮސްޕިޓަލް އިމާރާތް ކުރަން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިމެއް ހަމަޖައްސައި ހޮސްޕިޓަލް އެޅުމުގެ އަމަލީ މަސައްކަތް ވީ އެންމެ އަވަހަށް ފެށުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
މި ސަރުކާރުން ތެލެސީމިއާ ކުދިންނަށް ހާއްސަ އިސްކަމެއް ދީގެން ކުރާ މަސައްކަތް ފާހަގަކުރައްވައި ނައިބު ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ މަސައްކަތްތަކުގެ ތެރޭގައި ވެސް ތެލަސީމިއާ ކުދިންނަށް ހާއްސަ އިސްކަމެއްދިގެން އެކުދިންނަށް ބޭނުންވާ ބޭހާއި ފަރުވާގެ ފުރުސަތުތައް ފަހިކޮށް ދިނުމަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ. އަދި ރައީސްގެ ވައުދުފުޅާ އެއްގޮތަށް ބޯންމެރޯ ޓްރާންސްޕްލާންޓްގެ ފަރުވާ ސަރުކާރުގެ ހަރަދުގައި ހިލޭ ހަދަން ރާއްޖޭން ބޭރަށް ކުދިން ފޮނުވަން މިހާރު ފަށާފައިވާ ކަމަށާއި ތެލަސީމިއާއަށް ފަރުވާ ހޯދާ ވީހާވެސް ގިނަ ކުދިންނާއި މީހުނަށް އެ ފުރުސަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
މީގެ އިތުރުން ތެލަސީމިއާއަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ރާއްޖޭގެ ރަށްރަށުން ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.