ޓީޗިންގެ ބެގްރައުންޑަކާއެކު އެ މަސައްކަތުގައި އުޅުއްވަމުން ވަޖީހު ވަނީ މާސްޓާސް ޑިގްރީއަށް ކިޔަވާ ވިދާޅުވުމާއެކު އެހެން ވެސް ގިނަ ކޯސްތަކެއް ވެސް ފުރިހަމަ ކުރައްވާފަ އެވެ. އޭގެ ތެރޭގައި ހެޑްމާސްޓަރު ކޯސްވެސް ހިމެނެ އެވެ.
މީގެ ހަފުތާހާ ދުވަސް ކުރިން މޯލްޑިވިއަންގެ ބޯޓަކަށް އެރީ ލ. ގަމުގައި ހުރި ދުވަސްވީ ދޮށީ ބޭފުޅެއްގެ އިންޓަވިއު ކުރާން މާ ލަސް ވެއްޖެ ނަމަ ފާއިތު ވެދާނެއޭ ހީވެގެނެވެ؛ ބޯޓަށް އެރި އިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެމްޕީއެލްގެ ވެރިކަން ދެއްވި އާ ސީއީއޯ އަދި އެމްޑީ މުހައްމަދު ވަހީޖު އިބްރާހިމް ބޯޓުގައި އިންނެވި އެވެ. ވަޖީހަކީ ވަރަށް ބައްދަލު ކޮށްލާ ހިތްވާ، ހާއްސަ ބޭފުޅެކެވެ. ހާއްސަވާ އެއް ގޮތަކީ މިީގެ އަށާވީހަކަށް އަހަރު ކުރީން އަޅުގަނޑު ނޫސްވެރިކަން ފެށިއިރު މީޑިއާ އާއި ނޫސްވެރިންގެ މެދުގައި ވަރަށް ބޮޑު ގަދަރަކާއި ލޯތްބެއް އޮވެފައި، ވަރަށް މަގުބޫލު ބޭފުޅަކަށް އޭނާ ވާތީ އެވެ. އަނެއް ގޮތަކީ ރާއްޖޭގެ ނޫސްވެރި ކަމުގެ އާއިލާ އާއި ބަރުލަމާނީ ހަޔާތުގެ ހާއްސަ އަދި ސީނިއާ މެންބަރަކަށް ވެސް ވަޖީހު ވެވަޑައިގަންނަވާތީ އެވެ.
ރާއްޖޭގައި އެއް ފަހަށް އޮތް ހަމައެކަނި އަތޮޅު، ފުވައްމުލަކު ސިޓީގައި އެތައް އަހަރަކަށް ނެރުނު މަޝްހޫރު ނޫސް "ފިއެސް" ގެ ވެރިޔާ އަދި އެޑިޓަރަކީ ވަޖީހެވެ. ނޫސްވެރިކަމުގެ ފާޑު ކިޔައިގެން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ވަރަށް ގިނަ ފަހަރަށް ޖޫރިމަނާތަކާއެކު އަދަބުތައް ވަޖީހަށް ދީފައިވާއިރު ނޫސްވެރިކަމަށް ހިދުމަތް ކުރައްވައިގެން ނޫސްވެރި ކަމުގެ 50 އަހަރުގެ ރަންރިހީގެ އެވޯޑްތައް ވެސް މައުމޫނުގެ ސަރުކާރުން ވަޖީހަށް އަރުވާފައި ވެއެވެ. ވަޖީހަކީ ގަދަ ނޫސްވެރިއެއް، މޮޅު ލިޔުންތެރިއެކެވެ.
އަޅުގަނޑު ދަތުރުކުރީ ކައްދޫން ގަމަށް ދާށެވެ؛ އެކަމަކު ބޯޓުން ފޭބީ މިސްރާބު އަނބުރާލައި ކައްދޫން ފޮނަދޫއަށް ދާ ގޮތަށެވެ. ވަޖީހު ވަޑައިގަންނަވަނީ ފޮނަދޫއަށެވެ. ބޭނުންވީ ވަގުތު ފާއިތުވާން ދޫކޮށް ނުލައި ފޮނަދުއަށް ގޮސް ވަޖީހުގެ އިންޓަވިއުއެއް ހޯދާލައިގެން ގަމަށް ދާށެވެ.
ބޯޓު ތެރޭން ގޮވާލައި، ސަލާމަށް އަތް ދިއްކޮށްލި އިރު، ސީއީއޯ އިންނެވީ ރައީސް މުއިއްޒުގެ ސަރުކާރުގެ މެގަ ޕްރޮޖެކްޓްތަކުގެ ތެރޭ ހިމެނޭ "ގާދޫ ޕޯޓް" ގެ ދިރާސާ ރިޕޯޓް މެދުން ހުޅުވާލައްވައިގެނެވެ. ކުރެހުންތަކާއެކު ޑީޓޭލް ފެންނާން އޮތެވެ. ވަގުތު ނަގާ ނުލައި ގާދޫ ޕޯޓްގެ ޑީޓެއިލްތައް ސިކުނޑިއަށް ސްކޭންކޮށް ނިންމާލައިފީމެވެ. ސަލާމަށް ފަހު ވަރަށް ހިތްޕުޅު ހެޔޮ ކުރައްވައި ބޯޓް ކުރޫންގެ ހުއްދައާއެކު ވަޖީހު ބޭނުންފުޅުވީ އޭނާއާ ގާތުގައި ހުރި ގޮނޑީގައި އަޅުގަނޑު ބައިންދާށެވެ. -- ވަރަށް ބޮޑަށް ޝުކުރިއްޔާ!
ދަތުރުމަތީ 45 މިނެޓްގެ ވާހަކައިގައި ކުރި ފެޅި ނަމަވެސް ވަޖީހު މުޅީން ވެސް ދެއްކެވީ ކުރީން ރާއްޖޭގައި އޮތް ހީވާގި ނޫސްވެރިކަމާއި އާ ޒަމާނުގެ ކަންނެތް ނޫސްވެރި ކަމުގެ ވާހަކަ އެވެ. ނޫސްވެރިކަމުގެ ލޭންޑްސްކޭޕް އެކޮޅުކޮޅުން ޖެހިފައި އޮތް ގޮތާއި އޭގެ ސަބަބުތަކުގެ ވާހަކަތަކެވެ. އަދި ވިދާޅުވި ގޮތުން މިހާރު ވެސް އޭނާ ނޫސްވެރިކަން ކުރައްވާ ހިތްޕުޅުވެ އެވެ. ހުރިހާ ނޫސްތަކުގެ ހުރިހާ ހަބަރަކާއި ރަނގަޅު ފެންވަރުގެ ހުރިހާ ރިޕޯޓްތަކެއް ކޮންމެ ދުވަހަކު ކިޔުއްވާ ހައްދަވަ އެވެ.
"ހަމައެކަނި އަޅުގަނޑު ނޫސްވެރިކަމާ ޕްރެކްޓިކަލީ ވަކިވެގެން ދިޔަކަން، އަދި އަޅުގަނޑު އުފައްދައި މަޝްހޫރުވި ނޫހުގެ މަގާމު ގެއްލި، ހުއްޓިގެން ދިޔަކަން... އަޅުގަނޑަށް ނޫސްވެރިންގެ މަސައްކަތް ގާތުން ބެލޭ، ލިޔާ ހިތް ވެސް ވޭ... އަޅުގަނޑުމެން ނޫސްވެރިކަން ކުރީ ހަބަރުދާރޭ ނުލިހަރޭ ބުނެބުނެ އޮއްވާ، އަދި ވަސީލަތެއް ވެސް ނެތް ޒަމާނެއްގައި، އެކަމަކު މިހާރު ރާއްޖޭގައި ނޫސްވެރިކަން މިނިވަން ކަމާއެކު ކުރާން ޖާގަދީފައި މިއޮތީ، ވަސީލަތް އެހާ ޒަމާނީ، އެކަމަކު ކުރަނީ ފާޑެއްގެ ނޫސްވެރި ކަމެއް،" ވަޖީހް ވިދާޅުވި އެވެ.
އެ މައުލޫގައި ދިޔަ ވާހަކަ ނިމުނީ އެވެ؛ އަދި ފޮނަދޫ އަތިރި މަތީގައި ވައި ޖައްސާލާން ތިބެ ކުރި އިންޓަވިއުގެ ތެރޭން މިވާހަކަ އަހައިފިމެވެ. މިއީ ތެދެއް އޮތް ކަމެއް ހެއްޔެވެ؟ މަގުމައްޗާއި ކޮފީ ކެފޭ ތަކާއި ސައި ހޮޓާތަކުގެ ތެރޭން އަޑު އަހާ ގޮތަކީ ރައީސް މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަދި ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރު ކަމާއި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲގެ ބޭފުޅަކު ކައިވެނި ބައްލަވައިގެން އުޅުއްވަނީ ވަޖީހުގެ ބޭފުޅަކާ އެވެ. އެހެންވެ ރައީސް މުއިއްޒުގެ ސަރުކާރާއެކު އަބްދުއްރަހީމްގެ ހެވަތުގައި ވަޖީހަށް އެމްޕީއެލްގެ ސީއީއޯކަން "ހިބައިން ލިޔެފައި" ދިނީ އެވެ.
މި ވަޖީހަކީ ކާކުތޯ އެވެ؟ ވަޖީހު ނިސްބަތް ވަނީ ފުވައްމުލަކު އަތޮޅު / ސިޓީގެ އާދައިގެ ފަގީރު އާއިލާއަކަށެވެ. ތައުލީމީ ފުވައްމުލަކުގެ ރަސްމީ ތައުލީމްގެ ތެރޭން އެއްވެސް ސްކޫލަކަށް ވަޑައިގެން ތައުލީމް ހާސިލް ކުރެއްވުމުގެ ނަސީބެއް ވަޖީހަށް ލިބި ވަޑައެއް ނުގަތެވެ. އުމުރުން ފަސް އަހަރުގައި ވެސް ކިޔަވާ ކުއްޖަކަށްވުރެ ބޮޑަށް އުޅޭން ޖެހިފައި އޮތީ މަސައްކަތު މީހެއްގެ ގޮތުގަ އެވެ. އެ އުމުރުގައި އޭނާގެ ހިތް އެދުނު ގޮތަކީ ވެސް ބައްޕައާއެކު މަސައްކަތު ދާށެވެ.
ބައްޕަ ކުރީ މަސްވެރިކަމާ ދަނޑުވެރިކަމާއި އާންމު މަސައްކަތްތަކެވެ. ބައްޕައާއެކު ދަނޑަށް ދިޔައެވެ. ގޭގޭގައި މަސައްކަތް ކޮށްދޭން ދިޔަ އެވެ. ދުވާލު މީހުނަށް، ގެ އަޅައިދީ ފާރު ރާނައި ދޭން ދިއުމަށް ފަހު ރޭ ވުމުން ރަށުގެ އިލްމީ އެދުރުންގެ އަރިހަށް ގޮސް އުނގެނެނީ އެވެ. އެމީހުނަށް ދޭ ފީއަކީ ކޮށްދޭ މަސައްކަތެވެ. އެ އުނގެނުމުގައި އާންމު ތައުލީމާއެކު އިނގިރޭސި ބަސް ވެސް ކޮންމެވެސް މިންވަރެއްގައި މެދު އަޑި ފުވައްމުލަކު ތެރޭން ހޯއްދަވައި ދަސް ކުރެއްވި އެވެ.
ވަޖީހުގެ އުމުރުން 14 އަހަރުގައި މާލެ ވަޑައިގަތެވެ. މާލޭގެ ޓިއުޝަން ކުލާސްތަކަށް ހިންގަވަނިކޮށް ސަރުކާރުން ޕްރައިމަރީ ޓީޗީން ކޯސް އިއުލާން ކުރުމާއެކު ބޭނުންފުޅުވީ ޓީޗަރަކަށްވެ ވަޑައިގަންނަވާށެވެ. އެކަމާ ވަޑައިގެންނެވި އިރު އެއީ 18 އަހަރުގެ މީހުނަށް ބައިވެރިވެވޭ ކޯހެކެވެ. ވަޖީހުގެ އުމުރަކީ 14 އެވެ.
އެ ކޯހުގައި ވަޖީހު ބައިވެރިވެ ވަޑައިގަތީ 18 އަހަރު ފުރިއްޖެ ކަމުގެ ލިޔުމެއް ފުވައްމުލަކުން ހޯއްދަވައިގެނެވެ. ޕްރައިމަރީ ޓީޗިން ނިންމާލެއްވީ އުމުރުން 16 އަހަރުގަ އެވެ. ވަޖީހުގެ ނަސީބު ވެސް ރަނގަޅެވެ. އެ ކޯސް ހިންގީ އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޒާހިރު ހުސައިންގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. ޒާހިރަކީ ފުވައްމުލަކު ބޭފުޅެކެވެ. ރަހުމަތްތެރި ތިމާގެ ވެސް ބޭފުޅެކެވެ. އެ ކޯހުގެ ނިމުމާއި އެޑިއުކޭޝަނަށް ފޭދޫފިނޮޅު ލިބުން އައީ އެކުއެކީގަ އެވެ. ޓީޗިން ކޯހުގައި ވަޖީހު ދެއްކި ހީވާގި ކަމާއި ޖޯޝުގެ ސަބަބުން އެޑިއުކޭޝަނަށް ލިބުނު ފޭދޫފިނޮޅު ސާފު ކުރާން އެއް ކުރި ޓީމް ލީޑު ކުރަން ޒާހިރު ނެންގެވީ ވަޖީހެވެ.
"ސީދާ ޒާހިރު ވަޑައިގެން ވިދާޅުވީ، އެހިސާބުން އަޅުގަނޑަށް އެނގުނު މަސައްކަތުގައި އަޅުގަނޑު އުޅޭ ޝައުގުވެރި ގޮތް އެ ބޭފުޅުންނަށް ފާހަގަ ކުރެއްވިއްޖެކަން،" ވަޖީހުު ވިދާޅުވި އެވެ. "ޓީޗީިން ނިންމާލުމުން ޒާހިރު ވިދާޅުވެއްޖެ ތިމަންނާއަކަށް ނުފެނެއޭ ވަޖީހް ފުވައްމަލަކަށް ދާކަށް އެކަމަކު އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވި ރަށަށް ދާން. އެހާ ބޮޑަށް ބޭނުންވީ މަންމައާ ބައްޕައަށް ހިދުމަތް ކޮށްދޭން ރަށުގައި ހުންނަން. އެކަމަކު މިނިސްޓަރު ޒާހިރު ވިދާޅުވީ ރަށަކަށް ނުދެވޭނޭ ދާށޭ ކުޅުދުއްފުއްޓަށް ދެން އަޅުގަނޑަށް ރޮވިއްޖެ، އެކަމަކު އެނޫން ގޮތެއް ވެސް ނެތް،" އޭނާ ވިދާޅުވި އެވެ.
ވަޖީހުގެ ރުހުމުގައި ކުޅުދުއްފުއްޓަށް ދިޔައީއެއް ނޫނެވެ - ވަޖީހުގެ ނުރުހުމުގައި ކުޅުދުއްފުއްޓަށް ފޮނުވާލީ އެވެ. ކުޅުދުއްފުށީ ހެޑްމާސްޓަރަކަށް ހުންނެވީ ޑރ. މުސްތޮފާ ލުތުފީ އެވެ. އެއީވެސް މަސައްކަތްތެރި ބޭފުޅެކެވެ. މުސްތޮފާއާއެކު މަސައްކަތް ފެއްޓެވުމާއެކު އުތުރުގެ އެ މާހައުލަށް ކުޅުދުއްފުށީގެ ވައްޓަފާޅިއަށް ހޭނިއްޖެ އެވެ. އެކަމަކު އޭރު ރާއްޖޭގެ އެހެން ރަށެއްގެ ދިރިއުޅުމެއް ވަޖީހު ދެކެވަޑައި ނުގަންނަވަ އެވެ. ކުޅުދުއްފުށީ މީހުނަށް ވަޖީހު ވަރަށް ކަމުދިޔައަސް އެއް އަހަރު ފަހުން ރަށަށް ދާން ފުރުސަތު ލިބި ވަޑައިގެން ފުވައްމުލަކަށް ބަދަލުވެ ރަށުގައި ކިޔަވައި ދެއްވަން ފެއްޓެވީ އެވެ.
"އަބަދުވެސް އޮތް ވިސްނުމަކީ މަސައްކަތް ކުރާ ތަނެއްގައި އެންމެ ރަނގަޅު މީހަކީ ވަޖީހޭ ބުނުވުން އެގޮތުން ކުދިންނާއި ބެލެނިވެރިންގެ ރުހުމާއި ލޯބި ލިބޭ ގޮތަށް މަސައްކަތް ކުރީ. މާﷲ ގެ ވާގިފުޅުން އެދުނު ގޮތް ހާސިލުވަމުން ދިޔައީ. އެންމެން ވެސް ކިޔަވައި ދިނުން މިން ކުރާއިރު ބޭނުންވީ އަޅުގަނޑުގެ ކްލާސްތަކަށް ކުދިން ފޮނުވާން،"
މަޑުމަޑުން ކުރިޔަށް ވަޑައިގެން ރަށު ސްކޫލަށް އެސިސްޓެންޓް ހެޑްމާސްޓަރަކު ލާން ޖެހުމުން ޕްރޮޕޯސް ކުރީ ވަޖީހު ލާށެވެ. މައްސަލައަކަށްވެފައި އޮތީ ހިދުމަތުގައި ދުވަސްވެފައިވާ އެހެން ބޭފުޅުން ތިއްބެވުމެވެ. ނަމަވެސް ހެޑްމާސްޓަރުންނަށް ވަޑައިގަންނަވާ ބޭފުޅުން ބޭނުންފުޅު ވަނީ އެ މަގާމަށް ވަޖީހު ގެންދަވާށެވެ. އުނދަގުލެއްގައި އެކަން އޮތުމަށް ފަހު އެ މަގާމު ވަޖީހަށް ދެއްވައިފި އެވެ. އަދި އޭގެ ހަ މަސް ދުވަސް ފަހުން ސަރުކާރުތެރޭ ޖެހޭން ފެށި ސިޔާސީ ރޯޅިއެއްގައި އެޑިއުކޭޝަން މިނިސްޓަރު ބަދަލުވެ އެ މަގާމަށް ވަޑައިގަތީ އަބްދުﷲ ހަމީދެވެ. އެ މަނިކުފާނު ވަޑައިގަތުމާއެކު ވަޖީހު ބަދަލު ކުރެއްވީ އައްޑު އަތޮޅު ހުޅުދޫމީދޫ ސްކޫލް ހިންގަން އެތާނގެ އެސިސްޓެންޓް ހެޑްމާސްޓަރަކަށެވެ. ހުޅުމީދުގައި އެއް އަހަރު ހުންނެވި އިރު އެ ރަށު މީހުނަށް މަގުބޫލު ބޭފުޅަކަށް ވަޖީހުވެ ވަޑައިގަތެވެ.
"އެހެން ދިމާވާން މެދުވެރިވީ އެ މީހުނަށް ފެނުނީ އަޅުގަނޑު ކުދީންގެ ތަރުބިއްޔަތާ ކިޔެވުމަށް ކުރި މަސައްކަތް... އެކަން މިހާރު ވެސް އެރަށު މީހުން ފާހަގަ ކުރޭ، އަޅުގަނޑު ފެނިއްޖެއްޔާ ސާއޭ ކިޔާފައި ގޮވާ ނުލައެއް ނުދާނެ އެ ރަށު މީހުނެއް،"
ހުޅުމީދޫގައި ކުރެއްވި މަސައްކަތުން ވަރުގަދަ ސިޔާސީ އަދި އިދާރީ ލީޑަރު އަބްދުﷲ ހަމީދުގެ ރުހުން ވެސް ވަޖީހަށް ލިބި ވަޑައިގަތެވެ. އެ ސްކޫލްގައި އަހަރުވީތަނާ ހަމީދު އަމިއްލަފުޅަށް "ޓެސްޓުން ވަޖީހު ފާސް ވެއްޖޭ" ވިދާޅުވެ ފުވައްމުލަކު އެމްޖޭއެސް ނިންމަން އެ ރަށަށް ފޮނުވި އެވެ. އޭރު އެ ސްކޫލްގެ މަސައްކަތް ފަށައި ހުރީ ނުނިމި އެވެ. އެ ސްކޫލްގެ މަސައްކަތް ނިންމާލީ ކިޔަވައި ދެއްވަމުންނެވެ. އެ މަސައްކަތް ނިންމާލުމާއެކު ސްކޫލްގެ ހެޑްމާސްޓަރުކަން ދެއްވީ ވެސް ވަޖީހަށެވެ.
"ހަމަ އެ ދުވަސްވަރު ކިޔަވައި ދެމުން އަޅުގަނޑު ބޭނުންވީ ނޫހަކާ މަޖައްލާއެއް ނެރެން އެކަމަށް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވި ފާރޫގު ހަސަން، އަޅުގަނޑު ތިމާގެ ވެސް ބޭފުޅެއް އެކަމަކު ނޫހުގެ ކޮންޓެންޓާމެދު ފާރުގޫބޭ އެހައި ހިތްހަމަޖެހި ވަޑައެއް ނުގަންނަވާ ... އަޅުގަނޑު ބޭނުންވީ ހަގީގަތް ހާމަ ކުރަން އެކަމަކު ސަރުކާރު ހިތްހަމަ ނުޖެހޭ ޒާތުގެ ވާހަކަތައް ނޫހުގައި އަންނާން ފެށުމުން ސަރުކާރުގެ ތުން އަޅުގަނޑާ ދިމާއަށް ފިތާލައިފި. އަދި ވަރަށް ގިނައިން މާލެ ގެނެސް ޖޫރިމަނާކޮށް. ޖަލަށް ގެންދާ ހިސާބަށް ކަންކަން ދާން ފެށީ. ދެން ވެސް ނޫހުގެ މަސައްކަތް ފުޅާ ކުރަމުން ދިޔައީ،"
ޓީޗިންގެ ބެގްރައުންޑަކާއެކު އެ މަސައްކަތުގައި އުޅުއްވަމުން ވަޖީހު ވަނީ މާސްޓާސް ޑިގްރީއަށް ކިޔަވާ ވިދާޅުވުމާއެކު އެހެން ވެސް ގިނަ ކޯސްތަކެއް ވެސް ފުރިހަމަ ކުރައްވާފަ އެވެ. އޭގެ ތެރޭގައި ހެޑްމާސްޓަރު ކޯސް ވެސް ހިމެނެ އެވެ.
ދިރިއުޅުން މާލެއަށް ބަދަލު ކުރުމާއި ތިން ކުދިން ލިބި ވަޑައިގަތުމުން ވަޖީހު ބޭނުންފުޅުވީ ނޫސްވެރިކަމުގައި އޭރު އޮތް ޕްރެޝަރުން ނުކުމެ ވަޑައިގަންނަވާށެވެ. އޭގެ ބަދަލުގައި ކުދީންނަށް ތައުލީމް ދޭން ބޭނުންފުޅުވެ ވަޑައިގަތީ މައިންބައިފައިންގެ ފަގީރު ކަމުން ރަސްމީ ތައުލީމް ތެރޭން ވަޖީހަށް މިންވަރު ނުވި ބައި އެ ކުދިންނަށް ހޯއްދަވައި ދެއްވުމުގެ އަޒުމުގަ އެވެ. އެކަން ވާން އޭރު އޮތީ ހުއްޓާ ނުލައި ބުރަކޮށް މަސައް ކުރައްވައިގެނެވެ. ނޫސްވެރިކަމުން ލިބޭ އާމްދަނީއަކީ އެއްޗަކަށް ނުވާތީ އެވެ.
"އަޅުގަނޑު ވެސް ކިޔަވަން ބޭނުންވުމާ ތިން ކުދިންނަށް ކިޔަވައި ދޭން ބޭނުންވުމުން، ތިން ކަންތައް އެއް ފަހަރާ ނުކުރެވޭނެތީ 'ފިއެސް' ނޫސް އަޅުގަނޑު ހަދިޔާ ކުރީ ފަހުން މަޖައްލާއެއްގެ ގޮތުގައި ނެރުނު ޓީމަށް، އެކަމަކު އަޅުގަނޑު އެދުނިން ވަރަށް ދުވަސްވީ ނޫހެކޭ ފުވައްމުލަކުގެ ވަރަށް ބޮޑު ފަހުރެކޭ ނޫސް ނުހުއްޓި ކުރިޔަށް ގެންގޮސް ދެއްވަން... އެހެނެއް ނުއެއްވި ފަހުން ސިޔާސީ ބޭފުޅަކު ބައްލަވައިގަނެ ނޫސް ވަޅު ޖަހައި ހިނގައްޖެ،"
ހެޑްމާސްޓަރު ކޯސް ފުރިހަމަ ކުރެއްވެވި ހިސާބުން އެޑިއުކޭޝަނުން ބޭނުންވީ މިނިސްޓަރީގައި ވަޖީހު ހުންނަވާށެވެ. އެ ގޮތުން މުޅި ރާއްޖޭގެ ސްކޫލްތައް މޮނިޓާ ކުރުމާއި އޮޑިޓް ކުރުމާއި ރިސޯސްތައް ބެލެހެއްޓުން ވަޖީހުގެ އަތްމައްޗަށް ދިޔައެވެ. ވަޖީހު ބޭނުންފުޅުވެ ވަޑައިގަތީ ވެސް ވަރަށް ރަނގަޅަށް އެކަން ކުރައްވާށެވެ. މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރު ކުރައްވާ ވަރަށް ރަނގަޅު ނިޒާމެއް ގާއިމް ކުރެއްވި އެވެ. އަތޮޅު ސްކޫލްތަކުގެ ބަޖެޓަކީ އޭރު އެންމެ ބޮޑު ބަޖެޓެވެ. އެ ހުރިހާ ބަޖެޓެއް ބެލެހެއްޓެވީ ވަޖީހެވެ.
"އަޅުގަނޑުގެ ވެރިޔަކަށް ހުންނެވީ ޑރ. އަންވަރު އޭނާގެ ބެއްލެވުމުގެ ދަށުން އަތޮޅުތަކުގެ ސްކޫލް ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް ގެނައީ އަޅުގަނޑު، އެހެން ނަމަވެސް، އަންވަރު ބަދަލު ވެއްޖެ! ދެން އައި ބަދަލުތަކުގެ ތެރޭ ވަޑައިގެންނެވި ބޭފުޅުން ބޭނުންފުޅެއް ނުވި އަޅުގަނޑު ބަހައްޓާކަށް އެ ބޭފުޅުން އަޅުގަނޑު ބަދަލު ކުރީ މަޖީދިއްޔާ ސްކޫލްގެ އެޑްމިނިސްޓްރޭޓަރަކަށް އެތާނގައި ވެސް އަހަރެއް، ދެން ޖަމާލުއްދީނު ސްކޫލަށް ބަދަލު ކުރީ، އެތާނގެ އިދާރީ އިސްވެރިޔާ ކަމަށް، އޭރު ވެސް އަޅުގަނޑަކީ ޑެޕިއުޓީ ޕްރިންސްޕަލެއް،"
ތައުލީމީ ދާއިރާއާ ދުރަށް ވަޖީހު ވަޑައިގަތީ ސިޔާސީ ގޮތުން ރާއްޖެއަށް އަންނާން ފެށި އިސްލާހީ ބަދަލުތަކަށް ތަންދީ ސަރުކާރުން ރައްޔިތުންގެ ހާއްސަ މަޖިލީސް އެއް ކުރަން ނިންމެވުމުންނެވެ. ވަޖީހު ބޭނުންފުޅު ވަޑައިގަތީ ޒަމާނީ ޑިމޮކްރަސީ ގެނައުމާއި ގާނޫނު އަސާސީ އެކުލަވައިލުމުގެ މަސައްކަތާއި ސިޔާސި އިސްލާހީ މަސައްކަތުގައި ބައިވެރިވެ ވަޑައިގަތުމަށެވެ. ވަކީން ބޮޑަށް ގާނޫނު އަސާސީ ލިޔާ ރައްޔިތުންގެ ހާއްސަ މަޖިލީހަށް ވަޑައިގަންނަވާށެވެ. އެ މަޖިލީހާއެކު ވަޖީހުގެ ވަޒީފާ ވެސް ގެއްލުނީ އެވެ.
"ފުވައްމުލަކަށް އެ ފަހަރު ކުރިމަތިލެއްވި ހައެއްކަ ބޭފުޅުން، އެކަމަކު ހޮވުނީ އަޅުގަނޑާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް... ދެން ހާއްސަ މަޖިލީހުގައި ގާނޫނު އަސާސީ ލިޔުމުގެ މަސައްކަތުގައި ކުރިޔަށް ދިޔައީ،"
ވަޖީހު ވިދާޅުވި ގޮތުގައި އޭނާ ހާއްސަ މަޖިލީހަށް ވަޑައިގެންނެވި އިރު އާއިލާ އާއި ރަހުމަތްތެރިންނާއި ފުވައްމުލަކުގެ ގިނަ ބަޔަކީ ރައީސް މައުމޫންގެ ފިކުރުގައި ތިބި މީހުނެވެ. ނަމަވެސް އެ ވެރިކަމުގެ ބައެއް ކަހަލަ ކަންކަން އޭރު ވެސް އޭނާއަކަށް ކަމަކު ނުދެ އެވެ. އެހެން ވެގެން ހާއްސަ މަޖިލީހުގައި ވެސް މަސައްކަތް ކުރެއްވީ ބެލެންސް ކޮށެވެ.
"އެކަމާ ފާރޫގުބޭމެން ޒާހިރުމެން އަދި ޝައިހު ރަޝީދު ވެސް ހިތްޕުޅު ހަމައެއް ނުޖެހޭ އެކަމަކު އަޅުގަނޑަށް ހިޔާރު ކުރެވުނީ ނިއުޓްރަލް ސްޓޭންޑެއް، އަދި ގިނަ ފަހަރަށް ވޯޓްތައް ދެވިފައި ވާނީ އެމްޑީޕީގެ ބޭފުޅުންނާ އެއް ސްޓޭންޑެއްގައި އެހެންވީމާ މައްސަލަތައް ވެސް ދިމާވި ބަންދު ވާން ވެސް ޖެހުނު،"
ހާއްސަ މަޖިލީހުގެ ދައުރަށް ފަހު އައި ރިޔާސީ އިންތިހާބުގެ ތެރޭ ވަޖީހު ހުންނެވީ އެމްޑީޕީގަ އެވެ. ތާއީދު އޮތީ ވެސް އެމްޑީޕީއަށެވެ. އެކަމަކު އޭރު ވެސް ރައީސް މުހައްމަދު ނަޝީދަށް އޭނާ ތާއީދެއް ނުކުރައްވަ އެވެ. އެ މަނިކުފާނު އެންމެ ރަނގަޅެވެ. އެކަމަކު ގެންގުޅުއްވާ ފިކުރާއި ވިސްނުންފުޅު ކަމުނުދަނީ އެވެ. ވަޖީހު ތާއީދު ދެއްވައި ހުންނެވީ ޑރ. މުހައްމަދު މުނައްވަރު ނޫނީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވައި ދެއްވާށެވެ. އެކަމަކު އެއިން ބޭފުޅަކަށް ޓިކެޓް ލިބި ވަޑައި ނުގަތުމުން ރައީސް ނަޝީދާއެކު ކުރިޔަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާތީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓް ދެއްވީ ގާސިމް އިބްރާހިމަށެވެ. ދެވަނަ ބުރަށް ވަޑައިގަތީ ރައީސް މައުމޫނާއި ރައީސް ނަޝީދެވެ.
"މައުމޫނަކީ ވެރިކަމުގައި އިތުރަށް ބަހައްޓަން އަޅުގަނޑު ބޭނުން ނުވާ ބަދަލު ކުރަން ބޭނުންވާ މީހާ! ނަޝީދަކީ އެ މަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅެއްގެ ސަބަބުން އަޅުގަނޑު ވޯޓް ދޭން ބޭނުން ނުވާ މީހާ! އެހެން ވެގެން ފަހު ބުރުގައި އަޅުގަނޑު ވޯޓެއް ނުލަން،"
ރައީސް ނަޝީދުގެ ސަރުކާރު ފެށުމާއެކު އިސް މަގާމުތަކެއް ވަޖީހަށް ހުށަހެޅި އެވެ. ނަމަވެސް ރައީސް ނަޝީދުގެ ފިކުރަށް ތާއީދު ނުކުރާތީ އާއި އެ މަނިކުފާނަށް ވޯޓްލާފައި ވެސް ނުވާތީ އެ ސަރުކާރުގެ މަގާމެއް ގަބޫލުފުޅު ކުރައްވަން ޒަމީރު އުޒުރުވެރިވެ ވަޑައިގަތީ އެވެ. ނަމަވެސް 2012 ވަނަ އަހަރު ނަޝީދުގެ ސަރުކާރު ބަދަލުވެ ވަހީދު ވެރިކަމަށް ވަޑައިގެން އެ މަނިކުފާނު އުފެއްދެވި ޕާޓީގެ އިސް ރޯލެއް ވަޖީހަށް ދެއްވި އެވެ. އެކަމަކު ޕޭރޯލެއްގަ އެވެ.
"އަޅުގަނޑަށް އެނގޭ އެ ޕާޓީ ކުރިއަރައި ނުދާނެކަން ވެސް އަދި ރައީސް ވަހީދު ވެރިކަމަށް ހޮވި ވަޑައި ނުގަންނަވާނެ ކަމަށް ވެސް ދެންނެވިން، ނަމަވެސް އެ މަނިކުފާނު އަޅުގަނޑަށް މަގާމެއް ދެއްވާން ކޮންމެހެން ބޭނުންފުޅު ވެގެން ފަހުން އެމްޕީއެލަށް އަޅުގަނޑު ފޮނުވީ އެސިސްޓެންޓް ސީއީއޯގެ މަގާމަށް... ދެން ރައީސް ޔާމީން ވަޑައިގަތުމުން ރައީސް ވަހީދު ވިދާޅު ވެގެން އަޅުގަނޑު މަސައްކަތްކޮށް ދިނީ ޕީޕީއެމަށް، ނަމަވެސް އެމްޕީއެލްގެ މެނޭޖްމެންޓަކަށް އަޅުގަނޑު އެހައި ކަމަކު ނުދިޔަ އަދި އިސް މަގާމެއްގައި ވެސް ބަހައްޓާން ގަބޫލު ނުވެވިގެން ބަދަލު ކުރީ އެސިސްޓެންޓް ޖެނެރަލް މެނޭޖަރަކަށް. އެމްޕީއެލްގެ ހައިރާކީ އޮންނަ ގޮތުން އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމަކީ ވެރިންގެ ލެވެލް ފަށާ ހިސާބު"
އެގޮތް ވެސް ވަޖީހަކަށް މައްސަލައަކަށް ނުވެ އެވެ؛ ހުއްޓާ ނުލައި މަސައްކަތުގައި އުޅުއްވަ އެވެ. ކުރިން ވެސް މަސައްކަތް ކުރައްވާ ގޮތަށް ބޭނުންފުޅުވީ ގާބިލު މީހެއްކަން ދައްކައިދޭށެވެ.
"ވިސްނުމަކީ މަސައްކަތް ކުރާ ތަނެއްގައި އުޅޭ ބައެއްގެ 51 ޕަސެންޓް މީހުން ބުނަން ޖެހޭނޭ ވަޖީހަކީ ރަނގަޅު މީހެކޭ! އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މޮޔައިންގެ ތެރެއަށް ދިޔައަސް މޮޔަވެގެން އެ ބަޔަކާއެކު އުޅެވޭނީ، އަޅުގަނޑު ގަބޫލު ކުރަނީ އުޅޭ ތަނެއްގައި 51 ޕަސެންޓް ހާސިލު ނުވަންޏާ އެއީ ފޭލިއާއެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.
އައި ހުރިހާ ޕްރެޝަރެއްގެ ތެރޭގައި އެމްޕީއެލްގައި މަސައްކަތް ކުރެއްވީ ސިސްޓަމަށެވެ. ވަޖީހު ފޮލޯ ކުރެއްވީ ސިސްޓަމެވެ. އެހެން އަށް އަހަރު ދިޔަ ފަހުން ނުވަ ވަނަ އަހަރުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ބާރުވެރީން ޕްރެޝަރު ބޮޑުކޮށް އޮނިގަނޑަށް ބަދަލު ގެނެސް އެކި މަގާމުތަކަށް ވަޖީހު ބަދަލު ކުރަމުން ގޮސް އެންމެ ފަހަށް ދެއްކީ އެމްޕީއެލްގެ ލޭބަރުންނާ ޖެހިގެން މައްޗަށް އޮންނަ މަގާމެވެ.
"އެ ގޮޅި ދައްކާފައި އެންގެވީ މިވަގުތު މި ގޮޅިއޭ ހުސްކޮށް ހުރީ ... އަޅުގަނޑަށް އެނގޭ އޭރުގެ އެމްޑީ ޝާހިދަކީ ވަރަށް ރަނގަޅު ބޭފުޅެއް އެކަމަކު ސިޔާސީ ކަންކަމަކީ އެހެން އޮންނަ ކަމެއް ނޫން! އަނެއްކޮޅުން އެތާނގައި ހުންނެވި ސިޔާސީ ބޭފުޅަކު ޑެޕިއުޓީ ސީއީއޯއަކަށް... ސިޔާސީ ގޮތުން މަޖުބޫރު ވެގެން ލޭބަރެއްގެ މަގާމާ ޖެހިގެން މައްޗަށް އޮތް މަގާމު ދެއްވާފައި ވިދާޅުވީ މިތަނޭ ބާކީ އޮތީ، ވަޖީހު ހުންނަވަންޏާ އެ ތަނަށް ދާންވީއޭ... މުސާރައަކީ 5800ރ. އޭގެ ކުރީން އަޅުގަނޑަށް 40،000 ޕްލަސް ލިބޭ... އެ ހިސާބުން ދެން އެމްޕީއެލުން ނުކުމެގެން ދިޔައީ،"
އެމްޕީއެލުން ނުކުންނެވުމަށް ފަހު ވަޖީހުގެ މަސައްކަތް ހާއްސަ ކޮށްފައި އޮތީ ޕީޕީއެމަށެވެ. އުންމީދު ކުރައްވަމުން ގެންދެވީ ރައީސް އަބްދުﷲ ޔާމީން މިނިވަންވެ ވަޑައިގެން ސިޔާސީ މަސައްކަތް ފައްޓަވައި ރިޔާސީ ރޭހަށް ވަޑައިގަތުމަށެވެ. އެ މަސައްކަތުގައި އުޅޭން ވަޖީހަށް ޖެހިވަޑައިގަތް އިރު ކަން ދިމާކުރި ގޮތުން އަބްދުއްރަހީމް އަބްދުﷲ ވަނީ އާއިލާއާ ގުޅި ވަޑައިގެން ގާތް ބޭފުޅަކަށް ވެސް ވެފައެވެ. އަދި އޭނާ ހުންނެވީ ކޮންގްރެސް ޕާޓީ އާއި ޕީޕީއެމްގެ އިންޓެރިމް ލީޑަރުގެ މަގާމުގަ އެވެ.
"އެކަމަކު އެ ގުޅުމަކުން ނޫން އަޅުގަނޑު ކުރިޔަށް ދިޔައީއަކީ އަޅުގަނޑު ކުރިޔަށް ދިޔައި ޅަ އުމުރުއްސުރެ ހާމަކޮށް ދޭން ބޭނުންވި ގޮތަށް އަޅުގަނޑުގެ ގޮތުގައި މަސައްކަތް ކޮށްގެން އެ މަސައްކަތުން އަޅުގަނޑަށް ޑިޒާވް ވާން ޖެހޭ އެއްޗެއް ލިބެމުން ދިޔައީ. އަޅުގަނޑު ގަބޫލު ކުރާ ހަމައަކީ އަޅުގަނޑަށް އެއްޗެއް އަންނަން ޖެހޭނީ މީހެއްގެ ފަރާތަކުން ނޫނޭ... އެހެން މަސައްކަތް ކުރަމުން އައިސް އަޅުގަނޑުމެންގެ ކުރީގެ ރައީސް ޔާމީނަށް ވެރިކަމަށް ކުރިމަތި ނުލެއްވޭ، ހިތްދަތި ދެރަ ހިސާބަށް ދިޔައިމަ އޭގެ ތެރެއިން ވެރިކަމަށް ވަޑައިގަތުމުގެ ސިޔާސީ ފިކުރު ހުރި ބޭފުޅުންތަކެއް ކުރިޔަށް ޖެހިލުމުން އަޅުގަނޑުގެ ހޮވުމަކަށްވީ ރައީސް ޑރ. މުއިއްޒު އަދި އަޅުގަނޑު ރައީސް މުއިއްޒާ ވާހަކަ ދައްކައިގެން ކުރިޔަށް ދިޔައީ... އެ މަނިކުފާނަށް ރިޔާސި ޓިކެޓް ލިބި ވަޑައިގަތީ ވަރަށް ދަތީގައި ހާލުގައި ބުރައިން... އެ މަސައްކަތުގައި އަބްދުއްރަހީމަކީ ހިތްވަރު ކުރެއްވި ހިތްވަރު ދެއްވި ބޭފުޅެއް އޭގެ ފަހުން ސަރުކާރު ލިބިގެން އަޅުގަނޑަށް މި މަގާމް ދެއްވީ،
"މިހާރު ވެސް ނޫސްތަކުގައި ލިޔެފައި ހުރޭ އަބްދުއްރަހީމްގެ ގާތް މީސްމީހުނަށް މަގާމުތައް ދޭން ވެގެން ވަޖީހަށް ވެސް މަގާމް ދީފިއޭ... އެކަމަކު އަޅުގަނޑަށް ގަބޫލު ކުރެވެނީ ރައީސް މުއިއްޒުގެ ސަރުކާރުގައި އެމްޕީއެލްގެ ސީއީއޯގެ މަގާމަށް މީހަކު ފޮނުވަންޏާ ވަކި ވަޖީހު ނުފޮނުވާ ކާކުހޭ ހުރީ ފޮނުވާން. އަޅުގަނޑުގެ އެ ތަޖުރިބާ އެބަހުރި މަސައްކަތް ކުރާ، އަދި މަސައްކަތް ކުރި މީހެއް... ރައީސް ޔާމީނަށް ފުރުސަތު ގެއްލުމުން ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް އިހުލާސްތެރި ކަމާއެކު ނުކުތް އެކަކު އަޅުގަނޑަކީ ... ސިޔާސީ މަގާމްތައް ރައީސް މުއިއްޒު ދެއްވާ އިރު އެ މަނިކުފާނު ދެއްވާނީ އެ މަނިކުފަނަށް އިތުބާރު އޮތް ބޭފުޅުންނަށް އެ ގޮތުން އަޅުގަނޑު ގަބޫލު ކުރަން އަޅުގަނޑަށް ދެއްވާފައި މިވަނީ ، ޑިޒާވް މަގާމެއް ކަމަށް، އަދި އެކަން މި މަގާމުގައި އަޅުގަނޑު ސާބިތުވެސް ކޮށްދޭނަން،"
ވަޖީހު ރަނގަޅަށް ދެނެ ވަޑައިގަންނަވާ ކުރީގެ ސީނިއާ ނޫސްވެރިން އޭނާ ސިފަ ކުރައްވާ ގޮތެއް އޮވެއެވެ؛ އެފަދަ ނޫސްވެރިން ވިދާޅުވާ ގޮތުގައި "ވަޖީހަކީ ވަޖީހެވެ! ވަޖީހު އަބަދުވެސް އުޅުއްވާނީ ސާބިތު ކަމާއެކު މަސައްކަތުގަ" އެވެ. "މީހަކު އޭނާއަށް އެއްޗެއް ދިއްކޮށްލާފާނެ ކަމަކަށް ވަޖީހެއް ނުބައްލަވާނެ" އެވެ.
ގަާބިލް،ކަންކުރުމުގެ ޝައުގާއި ހީވާގިކަން ހުރި ބޭފުޅެއް