"ބިޑުތައް ނަގާ އިވެލުއޭޝަން ވާނީ ނިންމާފައި. މިސަރުކާރަށް ހަމައެކަނި އޮތް ކަމަކީ ވީހާވެސް އަވަހަށް ސޮއިކޮށްް މަސައްކަތް ފެށުން ހިތަދޫ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ގެ ބިޑު ނަގާ އިވެލުއޭޝަންް ވާނީ ނިންމާފައި"
އައްޑޫ ސިޓީގައި ހުންނަ ޒޯން ސްޓޭޑިއަމް މަރާމާތު ނުކޮށްދިން މައްސަލައިގައި އެ ސިޓީގެ މޭޔަރު އަލީ ނިޒާރު، ކުރީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމުން އޭރުގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މޭޔަރު ނިޒާރަށް ރައްދު ދެއްވައިފި އެވެ.
ސްޓޭޑިއަމްގައި މިހާރު ކުރިއަށް ގެންދާ އިންޓަ ސްކޫލް އެތްލެޓިކްސް މީޓް ރައްމީކޮށް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ އެތަން މަރާމާތު ނުކޮށް އޮންނަތާ މިހާރު 10 އަހަރު ވެފައިވާ ކަމަށެވެ. މިހާތަނަށް އެތަނުގައި ދަވާދުކޮޅެއް ވެސް ލާފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ އޭނާ ނިސްބަތްވާ އެމްޑީޕީގެ ނިމިދިޔަ ސަރުކާރުގައި އެ ސްޓޭޑިއަމް މަރާމާތު ކޮށްދިނުމަށް ތަކުރާރުކޮށް އެދުމުން ވެސް އަޅާނުލި ކަމަށެވެ. އެތަން ވީރާނާވާން ދޫކޮށްލާފައި އޮތުން ހިތާމައާއެކު ފާހަގަކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މިދިޔަ ސަރުކާރުގަ އަޅުގަނޑުމެން ތަކުރާރުކޮށް އެދުނިން، މި ސްޓޭޑިއަމް އަކީ އައްޑޫއަށް ލިބިފައިވާ އަގު ބޮޑު މުދަލަކަށްވާއިރު، މިތަން ވީރާނާވުމަށް ދޫނުކޮށް މިތަން މަރާމާތު ކުރުމަށް. އެހެން ނަމަވެސް އެއްވެސް ކަމެއް ނުކޮށް މިދިޔަ ސަރުކާރު ނިމިގެން ދިޔަކަން އަޅުގަނޑު ހިތާމައާއެކު ފާހަގަކުރަން،" ނިޒާރު ވިދާޅުވި އެވެ.
އިންޓަ ސްކޫލް އެތްލެޓިކްސް މީޓް އެ ސްޓޭޑިއަމްގައި ބާއްވަން ތައްޔާރުވިއިރު މި ސަރުކާރުން ވަރަށް އަވަސް މަސައްކަތެއްގެ ގޮތުގައި އެތަން މަރާމާރުކޮށްފައިވާކަން ފާހަގަކުރައްވައި ނިޒާރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރަފީއުއަށް ހާއްސަ ޝުކުރެއް ވެސް ދަންނަވާފަ އެވެ.
ނިޒާރު ވިދާޅުވީ އެ ސްޓޭޑިއަމްގެ ވިނަގަނޑު ވަށައިގެން ދުވުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދުގައި ސިންތެޓިކް ޓްރެކެއް އަޅައި ދިނުމަށް ކުރީގެ ދެ ސަރުކާރުގައި ވެސް އައްޑޫގެ ކައުންސިލުން އެދިފައިވާ ކަމަށެވެ. އެކަން ކޮށްދިނުމަށް އޭނާ ވަނީ މި ސަރުކާރުގައި ވެސް އެދިވަޑައިގެންފަ އެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވާ މަހްލޫފް ވިދާޅުވީ އައްޑޫ ސިޓީގެ ސްޓޭޑިއަމް މަރާމާތުކުރި ކަން ނިޒާރަށް އެނގިވަޑައިނުގަތީ ކަމަށް ވެދާނެ ކަމަށެވެ. ދެވަނަ ފަހަރަށް އެ އިމާރާތް ބާވެފައިހުރިވަރުން، ކުރީގެ ސަރުކާރުން ނިންމީ ހިތަދޫގައި ސިންޓެޓިކް ޓްރެކެއް ތަރައްގީ ކުރަންކަން ފާހަގަ ކުރައްވާ މަހްލޫފް ވިދާޅުވީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 40 މިލިއަން ޑޮލަރު ހޯދާ އެޕްރޮޖެކްޓު ތަކުގެ ތެރޭގައި ހިތަދޫ ސިންތެޓިކް ޓްރެކް ތަރައްގީ ކުރަން ބޭނުންވާ 1.6 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށެވެ.
"ބިޑުތައް ނަގާ އިވެލުއޭޝަން ވާނީ ނިންމާފައި. މިސަރުކާރަށް ހަމައެކަނި އޮތް ކަމަކީ ވީހާވެސް އަވަހަށް ސޮއިކޮށްް މަސައްކަތް ފެށުން ހިތަދޫ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ގެ ބިޑު ނަގާ އިވެލުއޭޝަންް ވާނީ ނިންމާފައި. އަވަހަށް ސޮއިކޮށް މަސައްކަތް ފަށަންވީ،"
މަހްލޫފް ވިދާޅުވީ ފާއިތުވި ފަސް އަހަރު އައްޑޫ ގައި ކުޅިވަރު ތަރައްގީ އަށް ކުރުމަށް އެތައް މިލިއަން ރުފިޔާއެއް ހަރަދު ކޮށްފައިވާ ކަމަށެވެ. އެގޮތުން ބޮޑު ހަތަރު ފުޓުބޯޅަ ދަނޑާއި ސުވިމިން ދެ ޓްރެކާއި ބެޑްމިންޓަން އިންޑޯ ކޯޓަކާއި އައުޓްޑޯ ވޮލީ ކޯޓަކާއި ކުޑަކުދިންގެ ޕާކެއްގެ އިތުރުން ފުޓްސަލް ތިން ދަނޑު ތަރައްގީ ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
"ބޭޑްމިންޓަން އިންޑޯ ވީރާނާ ވެގެން ދިޔަނު ދިނުމަށް އެތަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށް ރަނގަޅު ބެޑްމިންޓަން ޑިވެލޮޕްމަންޓު ޕްރޮގްރާމެއް ހިންގަން ތަކުރާރުކޮށް އާދޭސް ކުރެވުނު. ނެޝަނަލް ޓީޓީ ސެންޓަރު ގާއިމުކުރުމަށް ޓީޓީ އެސޯސިއޭޝަން އާއިއެކު ކުރި މަސައްކަތް ކާމިޔާބު ނުވީ ކައުންސިލުގެ އެންބާރުލުން ނުލިބިގެން. އިންޑޯ ވޮލީ ކޯޓު ހަދަން ކައުންސިލާ ހަވާލުކުރިތާ ތިން އަހަރު ވީއިރުވެސް އެމަސައްކަތް ނުފެށުނު،" މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވީ ފުޓުބޯޅަ ދެ ދަނޑުގެ މަސައްކަތް ނިމުނީ ތިން އަހަރުން ކަމަށާ އެކަން އެހެން އޮއްވާ އައްޑޫ މޭޔަރުގެ މަގާމުގައި ހުންނަވައިގެން ނިޒާރު އެ ދެއްކެވީ ވަރަށް ޒިމާދާރު ކަން ކުޑަ ވާހަކަތަކެއް ކަމަށެވެ. އަދި ވިދާޅުވީ މިދިޔަ ފަސް އަހަރު އައްޑޫގައއި ކުޅިވަރު ކުރިއަރުވަން ކުރި މަސައްކަތާއި ކުރި ހަރަދު އޭގެކުރިން ފާއިތުވި 40 އަހަރާ ވެސް ނުބައްދަލު ވާނެ ކަމަށެވެ.