އޭގެ އެންމެ ފުރިހަމަ އެއް މިސާލަކީ މިދިޔަ އަހަރުގެ ފުރަތަމަ މަހާ އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ މަހު ރާއްޖެއަށް އައި ޓޫރިސްޓުގެ އަދަދު 11 ޕަސެންޓް އިތުރުވުމެވެ.
ތަރައްގީ ވަމުން އަންނަ ގައުމަކަށްވާތީ އިގްތިސޯދީ އަޑިގަނޑުން އަރައިގަތުމަށް މާލީ ގޮންޖެހުންތައް ހުރި ނަމަވެސް، މިއަހަރުގެ އިގްތިސޯދީ ކުރިމަގު އުޖާލާކޮށް ފެންނަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދުބާއީގައި މިހާރު ކުރިއަށްދާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމުގައި ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ މިއަހަރު އިގްތިސޯދަށް ކުރިއެރުންތަކެއް ލިބޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ. އޭގެ އެންމެ ފުރިހަމަ އެއް މިސާލަކީ މިދިޔަ އަހަރުގެ ފުރަތަމަ މަހާ އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ މަހު ރާއްޖެއަށް އައި ޓޫރިސްޓުގެ އަދަދު 11 ޕަސެންޓް އިތުރުވުމެވެ.
އަނެއް ސަބަބަކަށް ރައީސް ދެއްކެވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން މިދިޔަ ހަފްތާ ރާއްޖެއާ ގުޅޭ ގޮތުން ނެރެފައިވާ ރިޕޯޓުގައި، ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމާ ގުޅޭ ގޮތުން ފާހަގަކޮށްފައިވާ ކަންކަމެވެ. މި ސަރުކާރުން ގެންގުޅޭ އިގްތިސޯދީ އެޖެންޑާއަށް ތާއީދުކޮށްފައިވާއިރު، އެ ފަންޑުން ވެސް ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމުގެ ރޭޓް ލަފާކޮށްފައި ވަނީ ސަރުކާރުން ލަފާކުރާ 5.5 ޕަސެންޓަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ގެންގުޅޭ އިގްތިސޯދީ އެޖެންޑާގެ ތެރޭގައި، ސަބްސިޑީތައް އަލުން އެކުލަވާލުމާއި، ޕަބްލިކް އިންވެސްޓްމަންޓް ޕްރޮގްރާމް ފުޅާކުރުމާއި، ދައުލަތުގެ ކުންފުނިތަކުގެ އޮޕަރޭޝަންތައް އިސްލާހުކުރުން ހިމެނޭ ގޮތަށް މާލީ އުސޫލުތައް އިސްލާހު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އައިއެމްއެފް އިން ތާއީދު ކުރާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވައުދުވަނީ، އަޅުގަނޑުމެންގެ އިގްތިސޯދު ތަފާތުކޮށް، ކުރިއަށް އޮތްތަނުގައި އަންނަ ލޮޅުންތަކަށް ކެތްތެރިވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް. އަޅުގަނޑުމެންގެ މެނިފެސްޓޯގައި، ކާބޯތަކެތީގެ ރައްކާތެރިކަމާއި، މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމާއި، ވިޔަފާރިއާއި ލޮޖިސްޓިކްސް ދާއިރާއަށް އިންވެސްޓްކުރުން ފަދަ ކަންކަމަށް އިސްކަން ދެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ދުބާއީއަށް ކުރައްވާ މިދަތުރުފުޅުގެ ތެރެއިން އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީއާ ބައްދަލުކުރައްވާފަ އެވެ. ރާއްޖޭގެ އިގްތިސޯދު އަޑިގަނޑުން އަރައިގަންނަމުންދާތީ އެކަން ފާހަގަކުރައްވާ މަރުހަބާ ދަންނަވާފައިވެ އެވެ.