މި ފޯރަމްގައި 300 އެއްހާ ވިޔަފާރިވެރިން ބައިވެރިވެފައިވެ އެވެ. މި މީހުންގެ 50 ޕަސެންޓަކީ އިންވެސްޓަރުންނާއި މަހުޖަނުންނެވެ.
ރާއްޖޭގައި އިންވެސްޓް ކުރަން ހުރި ފުރުސަތުތައް ކިޔައި ދޭން ދުބާއީގައި އިންވެސްޓްމަންޓް ފޯރަމް ބާއްވަން ހުޅުވާލުމުން މަޝްހޫރު ބްރުޖު އަލް އަރަބް ބޮޑު ހޯލް އޯވަބުކް ވެއްޖެ އެވެ.
ރާއްޖޭގެ އިންވެސްޓްމަންޓް ފޯމްގެ ބާއްވަނީ ދުނިޔޭގެ މިފަދަ އެންމެ ގިނަ ފޯރަމްތައް ބާއްވާ ދުބާއީގެ އައިކޮނިކް ބިލްޑިން ބުރުޖު އަލް އަރަބްގަ އެވެ. މި ފޯރަމް ފަށާނީ މިއަދު ހަވީރު އެވެ.
އެ ތަނުގައި އޮންނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގެ އެންމެފަހުގެ މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އިންވެސްޓްމަންޓް ފޯރަމަށް ގިނަ ބައެއްގެ ޝައުގުވެރިކަން ލިބެމުން އަންނަ ކަމަށާ، މިގޮތުން މި ފޯރަމް އޮންނަ ތަން ގާތްގަނޑަކަށް އޯވަބުކް ވެފައިވާ ކަމަށެވެ.
"ވަރަށް ގިނަ ހުށަހެޅުންތައް އެބައާދެ. މި ހުރިހާ މީހުން ނުވެދާނެ އިންވެސްޓް ކުރާނެ ބަޔަކަށް... އެކަމަކު ރާއްޖޭގައި ހުރި ފުރުސަތުތައް ބަލަން ޝައުގުވެރިކަން ހުރިކަން މިއިން އެނގެނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު މިހާތަނަށް ޗައިނާގައި ވެސް އިންވެސްޓްމަންޓް ފޯރަމެއް ބާއްވާފައި ވެއެވެ. މިނިސްޓަރު ސައީދު ވިދާޅުވީ އެ ފޯރަމްގެ ނަތީޖާ ވެސް ރަނގަޅު ކަމަށެވެ.
"[ޗައިނާ] ދަތުރުފުޅަށް ފަހު އިތުރު އާ ތިން އެއާލައިންގެ ދަތުރުތައް މިވަނީ ފެށިފަ،" ސައީދު ވިދާޅުވި އެވެ. "ދުބާއީ އިންވެސްޓްމަންޓް ފޯރަމްގައި ޗައިނާ އިންވެސްޓް ފޯރަމްއާ ހިލާފަށް ގިނަ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްތަކެއް ބައިވެރި ވާނެ." ސައީދު ވިދާޅުވި އެވެ.
"މި" ނޫހަށް އެނގިފައިވާ ގޮތުގައި މިއަދު ފަށާ ދުބާއީ އިންވެސްޓް ފޯރަމްގައި 280 އާއި 300 އާ ދެމެދުގެ އަދަދަކަށް ވިޔަފާރިވެރިން ވަނީ ރަޖިސްޓްރީކޮށްފަ އެވެ. މީގެ ތެރޭން 50 ޕަސެންޓު މީހުންނަކީ މި ގައުމުގައި ތިބި ވިޔަފާރިވެރިންނެވެ. މީގެތެ ރޭގައި ޔޫއޭއީގެ ހަތް ސަހަރުގެ މަޝްހޫރު ކުންފުނިތައް ވެސް ހިމެނެ އެވެ.