އިދިކޮޅު ގިނަ މެމްބަރުންތަކެއް ނިޒާމީ ނުކުތާ ނެންނެގުމަށްފަހު ވިދާޅުވަމުން ދިޔައީ މަޖިލީހުގެ ރައީސް ބޯލަނބަން ޖެހޭނީ ހަމައެކަނި މަޖިލީހުގެ ގަވާއިދަށް ކަމަށެވެ. އިތުރު އެހެން ފަރާތަކަށް ބޯލަނބަން ނުޖެހޭނެ ކަމަށެވެ.
މަޖިލީހުން އިސްތިއުފާ ދެއްވާފައިވާ ހަތް މެމްބަރުންނާއެކު މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނަން ސުޕްރީމް ކޯޓުން ކޮށްފައިވާ ވަގުތީ އަމުރާ އެއްގޮތަށް އަމަލު ކުރަމުން ދާތީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް އެމްޑީޕީ މެމްބަރުން ފާޑުކިޔަން ފަށައިފި އެވެ.
އާ ސަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގަތުމަށް ސަރުކާރަށް ނިސްބަތްވާ ހަތް މެމްބަރަކު މަޖިލީސް ގޮނޑި ދޫކޮށްލުމާއެކު، އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ އެ ދާއިރާއެއްގެ ގޮނޑި ދެން ނުގުނާ ގޮތަށް ގަވާއިދު އިސްލާހު ކޮށްފަ އެވެ. އެހެންކަމުން، އިސްތިއުފާ ދެއްވި ހަތް މެމްބަރުންނާ ނުލައި މިހާރު މަޖިލީހުގައި ތިބި ޖުމްލަ މެމްބަރުންގެ އަދަދަކީ 80 އެވެ.
ނަމަވެސް އެ ގަވާއިދަށް އިސްލާހު ގެނެސްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށާއި، އެ އިސްލާހު ބާތިލު ކޮށްދިނުމަށް އެދި ބަންޑާރަނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމުން، އެ ކޯޓުން ވަނީ އިސްލާހަށް އަމަލު ކުރުން މަޑުޖައްސާލަން މަޖިލީހުގެ މައްޗަށް އަމުރެއް ނެރެފަ އެވެ.
އަސްލަމް މިއަދު ވަނީ އެ އަމުރު އައިސްފައިވާ ގޮތާމެދު ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. މަޖިލީހުގެ ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށް ނުނިންމައި އެފަދަ އަމުރެއް ނުނެރެވޭނެ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި، އެ އަމުރާމެދު ގޮތެއް ނިންމައި ދިނުމަށް މިއަދުގެ ޖަލްސާގައި އެދިވަޑައިގެންފައިވެ އެވެ.
މީގެ އިތުރުން، ކޯޓުގެ އަމުރަށް އިހުތިރާމް ކުރުމުގެ ގޮތުން މިވަގުތު މަޖިލީހުގެ އަދަދީ 87 ކަމަށް ވެސް ބައްލަވަމުން ގެންދަވާނެ ކަމަށް ވިދާޅުވި އެވެ. އަސްލަމް އެގޮތަށް އިއުލާނު ކުރެއްވުމުން އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެމްބަރުން ވަނީ ނުރުހުން ފާޅު ކުރައްވާފަ އެވެ.
އިދިކޮޅު ގިނަ މެމްބަރުންތަކެއް ނިޒާމީ ނުކުތާ ނެންނެގުމަށް ފަހު ވިދާޅުވަމުން ދިޔައީ މަޖިލީހުގެ ރައީސް ބޯލަނބަން ޖެހޭނީ ހަމައެކަނި މަޖިލީހުގެ ގަވާއިދަށް ކަމަށެވެ. އިތުރު އެހެން ފަރާތަކަށް ބޯލަނބަން ނުޖެހޭނެ ކަމަށެވެ.
"މަޖިލީހުގެ ރައީސްއަކަށް ނުނިންމެވޭނެ މަޖިލީހުގެ އަދަދަކީ 87 ކަމަކަށް، އެއީ ރައްޔިތުންގެ މަޖިލީހަށް ޖުމްލަކޮށް ލިބިފަ އޮތް ބާރެއް. އަޅުގަނޑުމެން މި މަޖިލީހުން ކަނޑައަޅާފަ އެ އޮތީ މަޖިލީހުގެ އަދަދަކީ 80 ކަމަށް. އެ ނިންމުން ބަދަލު ނުކުރާހާ ހިނދަކު އިއްޒަތްތެރި ރައީސަށް ވިދާޅެއް ނުވެވޭނެ ތިމަންނަ ކަނޑައަޅުއްވައިފީމޭ 87،" ހޯރަފުށި ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބް ރައީސް އަހުމަދު ސަލީމް ނިޒާމީ މައްސަލައެއް ނަންގަވަމުން ވިދާޅުވި އެވެ.
ނަމަވެސް އަސްލަމް ވިދާޅުވަމުން ދިޔައީ މިވަގުތު އެގޮތަށް ބެލި ނަމަވެސް، އެކަމާމެދު ގޮތެއް ނިންމާނީ މަޖިލީހުން ކަމަށެވެ. އިތުރަށް ވިދާޅުވީ މަޖިލީހަށް ގޮތެއް ނިންމުމަށް ފުރުސަތު ހުޅުވާލީ، އެކަމަށް މަޖިލީހުން ގޮތެއް ނިންމަން ފެނިވަޑައިގަންނަވާތީ ކަމަށެވެ.
"މިއީ ހައްސާސީ މައްސަލައަކަށް ވެފައި ތަފާތު މައްސަލައެއް. ޝަރީއަތުގަ އޮތް މައްސަލައަކީ ވެސް އަދި އޭގެ އިތުރަށް، ސުޕްރީމް ކޯޓުން ކަނޑައަޅުއްވައި ދެއްވާށޭ އެއީ ގާނޫނުއަސާސީއާ ހިލާފް ކަމެއް ކަމުގަ ވަނީނަމަ އެކަމެއް ކަނޑައަޅުއްވާ ނިންމެވީމަ އިރާދަކުރެއްވިއްޔާ ތިޔަ އިއްޒަތެރި މެމްބަރުންނަށް ޔަގީންކޮށް އަރުވަން ގާނޫނުއަސާސީއާ ހިލާފުވާ ކޮންމެ ނިންމުމެއް ކޮންމެ ތަނަކުން ނިންމިޔަސް ފުރިހަމައަށް ބޯލަނބާނަމޭ،" އަސްލަމް ވިދާޅުވި އެވެ.
އިދިކޮޅު މެމްބަރުން ސުޕްރީމް ކޯޓުގެ އަމުރާ ދެކޮޅަށް ވާހަކަދެއްކި ނަމަވެސް ސަރުކާރު މެމްބަރުން ތުހުމަތު ކުރަމުން ދަނީ، މަޖިލީހުން މަސައްކަތް ކުރަމުން ދަނީ ކޯޓުގައި އޮތް މައްސަލައަށް ނުފޫޒު ފޯރުވަން ކަމަށެވެ. މައިނޯރިޓީ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ އެކަމަށް ގޮތެއް ނިންމަން މަޖިލީހަށް މައްސަލައެއް، ކުއްލި މައްސަލައެއް ނުވަތަ ޕެޓިޝަނެއް ވެސް ހުށަހަޅާފައިނުވާއިރު، ރިޔާސަތުން އަމަލު ކުރަމުން ދަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ.
"ކަނޑައެޅެގެން ޝަރީއަތަށް ނުފޫޒު ފޯރުވަން މި މަޖިލީހުގެ މެމްބަރުންނަކަށް ބަހުސެއް ނުކުރެވޭނެ. އެބޭނުމުގަ މަޖިލީސް ގަވާއިދުގަ އެކަންކަން އެހާ ސާފުކޮށް ބަޔާންކޮށްފަ އޮންނަނީ. ތިހިންގަނީ ސީދާ ގަވާއިދާ ހިލާފަށް މަޖިލީސް ތި ހިންގަނީ،" މޫސާ ސިރާޖް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ މަޖިލީސް ކުރިއަށް ގެންދެވޭނީ މެމްބަރުން އެކަމަށް ގޮތެއް ނިންމައިގެން ކަމަށެވެ. މަޖިލީހުގެ ޖުމްލަ އަދަދު ގުނާނެ ގޮތެއް އެނގުމުން ނޫނީ ކޯރަމް ކަނޑައަޅަން ނޭންގޭނެ ކަމަށެވެ.