އީސީ ބަދަލުވެއްޖެ، މިހާރު ބުނަނީ ރޯދައިގެ ފަހުން އިންތިހާބު ބާއްވަން ދަތި

ރޯދައިގެ ފަހުން ބާއްވާނަމަ އިންތިހާބު ބާއްވާނެ މަރުކަޒުތައް ދައުލަތުން ދައްކަން ވާނެ ކަމަށާ މަޖިލީސް އިންތިހާބުގައި 608 މަރުކަޒު ބޭނުންވާނެ ކަމަށެވެ.

އިލެކްޝަން ކޮމިޝަން މެމްބަރުން މީގެ ކުރިން މަޖިލީހުގައި: އަނެއްކާ ވެސް އީސީ އިން ވަނީ ރޯދައިގެ ފަހަށް މަޖިލީސް އިންތިހާބު ބާއްވަން ދަތިވާނެ ކަމަށް ބުނެފައި

މިހާރު އިންތިޒާމްތައް ރޭވިފައި ހުރި ގޮތުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބު ރޯދައިގެ ފަހުން ބާއްވާނަމަ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން އަނެއްކާ ވެސް ބުނެފި އެވެ.

އީސީ އިން ނިންމާފައި ވަނީ އަންނަ މަހުގެ 17 ގައި އިންތިހާބު ބާއްވާށެވެ. އެއީ ރޯދަ މަހުގެ ފުރަތަމަ ހަފުތާ ތެރެ އެވެ. ރޯދަމަހާ މަޖިލީސް އިންތިހާބު ދިމާވާތީ އެމްޑީޕީގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފަ އެވެ.

އެ ބިލުގައިވާ ގޮތުގައި، ރޯދަ މަހުގައި އެއްވެސް އިންތިހާބެއް ނުބޭއްވޭނެ އެވެ. އިންތިހާބެއް ބާއްވަން ޖެހޭ މުއްދަތު ރޯދަ މަހާ ދިމާވާނަމަ، އެ އިންތިހާބެއް ބޭއްވޭނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

މި ބިލު ދިރާސާ ކުރަން އެކުލަވާލާފައިވާ ކޮމެޓީއަށް މިއަދު ވަނީ އީސީގެ ވެރިން ހާޒިރުކޮށްފަ އެވެ. މަޖިލީސް އިންތިހާބު ރޯދައިގެ ފަހަށް ބަދަލު ކުރުމަށާއި އަދި ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ތަކާމެދު ވެސް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ރޯދައިގެ ފަހުން އިންތިހާބު ބާއްވަން ބަލާއިރު އޭޕްރީލް މަހުގެ 16 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހަށް ސްކޫލްތަކުގެ އިމްތިހާނު ކުރިއަށް ދާނެ ކަމަށެވެ. ގާނޫނު ބުނާ މުއްދަތަށް ބަލާއިރު އިންތިހާބު ބާއްވަން ޖެހެނީ އެ މަހުގެ 21 ވަނަ ދުވަހު އެވެ.

ފުއާދު ވިދާޅުވީ އިންތިހާބުތައް ބާއްވާ ގިނަ މަރުކަޒުތަކަކީ ސްކޫލްތައް ކަމަށެވެ. އެހެންކަމުން ރޯދައިގެ ފަހުން ބާއްވާނަމަ އިންތިހާބު ބާއްވާނެ މަރުކަޒުތައް ދައުލަތުން ދައްކަން ވާނެ ކަމަށެވެ. މަޖިލީސް އިންތިހާބުގައި 608 މަރުކަޒު ބޭނުންވާނެ ކަން ވެސް ފާހަގަކުރެއްވި އެވެ.

ރޯދައިގެ ފަހުން އިންތިހާބު ބޭއްވިޔަސް އީސީގެ ސްޓާފުން ރޯދަ މަހު ގިނަ ވަގުތު މަސައްކަތް ކުރަން ޖެހޭނެކަން ވެސް ފުއާދު ފާހަގަކުރެއްވި އެވެ. ރޯދަ މަހު މަސައްކަތް ކުރާ ރަސްމީ ވަގުތު ހަތަރު ގަޑިއިރަށް މަދު ކޮށްފައިވާއިރު، އިތުރު ގަޑިއަށް ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މިހާރު ރޯދަ މަސް ތެރޭ އިންތިހާބު ބާއްވަން ބޮޑެތި ތައްޔާރީތައް ވެފައިވާ ކަމަށެވެ. ރޯދަ މަހުގެ ކުރީ ކޮޅު އިންތިހާބު ބާއްވަން ބަޖެޓްކޮށް، ހަމަޖައްސަން ޖެހޭ ކަންކަން ވެސް ހަމަޖައްސާފައިވާ ކަމަށެވެ. އަނެއްކާ އެ ތާރީހު ބަދަލު ކުރާނަމަ ވެގެންދާނީ ބޮޑު ތަކުލީފަކަށް ކަން ވެސް ފާހަގަކުރެއްވި އެވެ.

"އިތުރަށް ފަސްވާ ވަރަކަށް އަޅުގަނޑުމެންނަށް ޖެހޭނެ 18 އަހަރު ފުރިފަ ތިބި މީހުންނަށް ފުރުސަތު ދޭން، ރީ-ރަޖިސްޓްރޭޝަނަށް މުއްދަތެއް ހުޅުވާލަން، އަޅުގަނޑުމެންގެ އޮފިޝަލުން އިތުރަށް ރިފްރެޝް ކުރުމަށް އިތުރު ޓްރޭނިން ދިނުން. މިހެން ހުރި ކަންކަމަށް އިތުރަށް ބޭނުންވާނެ ވަގުތު. އަދި ހަރަދު ވެސް ހިނގާނެ،" ހަބީބް ވިދާޅުވި އެވެ.

އަދި، އިންތިހާބު ބޭއްވޭނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށް ބިލުގައި ބަޔާންކޮށްފައި އޮތުމުން، އެކަމުގެ ކަންބޮޑުވުން ވެސް ހަބީބް ފާޅުކުރެއްވި އެވެ. ހަބީބް ވިދާޅުވީ އޭރުން އިންތިހާބުގެ ނަތީޖާ އިއުލާނުކުރުމާ ދޭތެރޭ ލިބޭ މުއްދަތު ވަރަށް ކުރު ވާނެ ކަމަށެވެ. ފަހުން ކަމެއް ދިމާވެދާނެ ކަމަށް، ފަސް ދުވަހަށް އެ މުއްދަތު ކުރު ކުރަން ޖެހޭ ކަމަށެވެ. 

އީސީ އިން މަޖިލީހުގައި ކުރިން އެދުނީ ރޯދައިގެ ކުރިން އިންތިހާބު ބޭއްވޭނެ ގޮތެއް ހަދައިދިނުމަށެވެ. ނަމަވެސް މަޖިލީހުން އެގޮތަށް ނިންމައި ނުދިނުމުން، އީސީ އިން ވާނީ ގާނޫނު ބުނާ މުއްދަތުގައި އިންތިހާބު ބާއްވަން ނިންމާފަ އެވެ. 

އިންތިހާބު ފަސް ކުރުމުން ހުރި ގޮންޖެހުންތައް އީސީ އިން މިއަދު ހާމަކުރި ނަމަވެސް، ކޮންމެ ވަގުތެއްގައި ވެސް އިންތިހާބު ބާއްވަން ތައްޔާރަށް އޮތް ކަމަށް ހަބީބް ކުރިން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.