"އަޅުގަނޑުމީ ރައީސް ނަޝީދެއް ނޫން ބަލިވީމަ ބަލި ގަބޫލު ކުރަން ނޭންގިގެން އުޅޭކަށް. އަޅުގަނޑު ކުރިމަތިލީ ދާއިރާގެ ޓިކެޓް ދެން ލިބުނަސް އެތަނަށް ވެސް ނުލާނަން. މީންދީ ހާދަ ބޮލަށް ލުއިވެފައޭ،" ރޮޒައިނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވެ ވަޑައިގެންނެވުމުން ދެން އެ އިންތިހާބުގައި އިތުރު ގޮތަކަށް ވާދަ ނުކުރައްވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅު ވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީ ޕްރައިމަރީން ރޮޒައިނާ ވަނީ ނާކާމިޔާބުވެފަ އެވެ. އޭގެ ފަހުން ރޭ އެމްޑީޕީން ވަނީ ކާށިދޫ ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވި، އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަބްދުﷲ ޖާބިރު ޕާޓީން ވަކި ކޮށްފަ އެވެ. އަދި ޓިކެޓް ވެސް އަތުލާފަ އެވެ.
ޖާބިރު އަތުން ޓިކެޓް އަތުލުމާއެކު ފެތުރޭން ފެށި އަޑަކީ، ޕާޓީން އެކަން ކުރީ އެ ދާއިރާގެ ޓިކެޓް ރޮޒައިނާއަށް ދިނުމަށް ކަމަށެވެ. އެކަމަށް ރައްދު ދެއްވަމުން ރޮޒައިނާ މިއަދު ވިދާޅުވީ އައްޑޫ މީދޫ ދާއިރާގެ ޓިކެޓް ދެން ދިނަސް ވާދަ ނުކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމީ ރައީސް ނަޝީދެއް ނޫން ބަލިވީމަ ބަލި ގަބޫލު ކުރަން ނޭންގިގެން އުޅޭކަށް. އަޅުގަނޑު ކުރިމަތިލީ ދާއިރާގެ ޓިކެޓް ދެން ލިބުނަސް އެތަނަށް ވެސް ނުލާނަން. މީންދީ ހާދަ ބޮލަށް ލުއިވެފައޭ،" ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ ވަނީ ވާހަކަ ހަދަހަދައިގެން ދެއްކުން ހުއްޓާލަން ގޮވާލައްވާފަ އެވެ.
ރޮޒައިނާ ޕްރައިމަރީން ބަލިވުމުން އާންމުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ނަމަވެސް އެ ފާޑުކިޔުންތައް އަމާޒުވީ ނަމަވެސް، އެމްޑީޕީއާއެކު ސާބިތުވެ ހުންނަވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.