މަޖިލިސްގެ އިންތިހާބު ގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ޖާބިރަށް ނުދިނުމަށާ މިއަދުން ފެށިގެން ޕާޓީގެ މެންބަރު ކަމުން ވަކިކުރުމަށް ވަނީ ނިންމާފައެވެ.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިން ވަކި ކުރަން ނިންމައިފި އެވެ.
އެމްޑީޕީ ފިޔަވަޅު އަޅާ ކޮމެޓީން މިއަދު ނިންމި ނިންމުމުގައި ބުނެފައި ވަނީ 10 ވަނަ ރައްޔިތުންގެ މަޖިލިސްގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީ ގައި ކާށިދޫ ދާއިރާ ކާމިޔާބު ކުރެއްވި ހ.ތިމާވެށި އަބްދުﷲ ޖާބިރު، ޕާޓީގެ މެންބަރެއްގެ ގޮތުގައި އަދި ކެނޑިޑޭޓަކަށްވެ ހުރެ މުޖުތަމައުގެ އާއްމު މިންގަނޑާ ހިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީ މި ކަމަކީ އެމްޑީޕީއާ ޕާޓީގެ އާންމު މެންބަރުންގެ މަސްލަޙަތަށް އުނިކަން ލިބޭ ފަދަ އަމަލެއް ކަމުގައި ވާތީ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަ ބެލުމަށް ފަހު 20 ވަަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބު ގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ޖާބިރަށް ނުދިނުމަށާ އަދި މިއަދުން ފެށިގެން ޕާޓީގެ މެންބަރު ކަމުން ވަކިކުރުމަށް ފިޔަވަޅުއަޅާ ކޮމެޓީން ނިންމާފައިވާ ކަމަށެވެ.
އަދި ޖާބިރު އެ ޕާޓީއާ އަލުން ގުޅުމަށް އެދުނުކަމުގައިވީ ނަމަވެސް އެފުރުސަތު ލިބޭނީ ޕާޓީގެ ވައުމީ މަޖިލިހަށް ހުށައަޅައި އެ މަޖިލިހުން ނިންމާ ގޮތެއްގެ މަތިން ކަމަށް ވެސް ވަނީ ނިންމާފައެވެ. އެމްޑީޕީއާ ގުޅުމުގެ ފުރުސަތު ޖާބިރަށް ދޭން ނިންމިޔަސް ޕާޓީގެ މެންބަރަކަށްވާ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތެއް ގައި ޕާޓީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ވެސް ފިޔަވަޅު އަޅާ ކޮމެޓީން ވަނީ ނިންމާފައެވެ.