އަޅުގަނޑު ބޭނުންވަނީ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި މަޤާމުގެ ވާޖިބު އަދާކުރަން. ލޮބުވެތި ރައްޔިތުންގެ އަޑުއަހާނަން. މަޝްވަރާކުރާނަން. ޤައުމުގެ ކަންކަން ހިންގުމުގައި ތިރިން މައްޗަށް، އާދެ ރައްޔިތުން ގާތުން އޮޅުން ފިލުވައިގެން ރައްޔިތުން އެދޭ އަމާޒަށް ކަންކަން ގެންދާނަން.
އަޅުގަނޑުގެ ދުޢާއަކީ، މި ދިވެހި ކަނޑުތަކުގެ އެންމެ ފުނަށް ފޭދިފައިވާ އިސްލާމީ ޢަޤީދާ ކީރިތި ﷲ ޙިމާޔަތްކޮށްދެއްވުން. މި ގޮނޑުދޮށްތަކަށް ބީއްސަމުންދާ ހަމަހިމޭން ރާޅުތަކަށް ހަލަބޮލިކަން އަންނާނޭ ޙާލަތެއް މިންވަރު ނުކުރެއްވުން. މި ގަސްތަކާ ރުއްތަކުގައި ބީހެމުންދާ ސާފުވައި ކިލަނބުކޮށް މި ޤައުމު ތަޣައްޔަރުކޮށްފާނެ ކޮންމެ އަނިޔާވެރި ރޭވުމެއް ނާކާމިޔާބުވެގެން ދިއުން.
އަޅުގަނޑުގެ ވިސްނުމަކީ އަދި އުންމީދަކީވެސް މީޑިއާތަކާ އަދި ރައްޔިތުންނާ ވީހައިވެސް ގާތުން ސަރުކާރުން މަސައްކަތް ކުރުން. ވަޒީރުން، ސީދާ ރައްޔިތުންގެ ސުވާލުތަކަށް ކޮންމެ ދެމަހުން އެއްމަހަކު ޖަވާބުދާރީވުމަށް ބާއްވާ "އަހާ" ފޯރަމް، މިދިޔަ ޖެނުއަރީމަހު ވަނީ ފަށާފައި.
އޭގެ އިތުރުން، ކޮންމެ 3 މަހުން 1 މަހަކު ރައްޔިތުންގެ ސުވާލުތަކަށް ސީދާ އަޅުގަނޑު ޖަވާބުދޭން ބާއްވާ ޚާއްޞަ ސިލްސިލާއެއް މިމަހު އިރާދަކުރެއްވިއްޔާ ފަށާނަން. މި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، މަދުވެގެން ކޮންމެވެސް އެއް ރައްޔިތެއްގެ ވީޑިއޯ ސުވާލަކަށް ސީދާ އަޅުގަނޑު ކޮންމެ ދުވަހަކު ޖަވާބުދޭން ފަށައިފިން. އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް މަހެއްހައި ދުވަހުގެ ތެރޭ، ރައްޔިތުން ބޭނުންވާ ކަންކަން ސީދާ އަޅުގަނޑަށް ހުށަހެޅޭގޮތަށް ޚާއްޞަ ޕޯޓަލްއެއް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލާނެ. ރައްޔިތުންގެ ހުށަހެޅުންތަކަށް އިރާދަކުރެއްވިއްޔާ ސީދާ އަޅުގަނޑު ޖަވާބުދާރީ ވާނަން. އަދި އަޅުގަނޑުގެ އުންމީދަކީ ރައްޔިތުންގެ އެކި ޖަމާޢަތްތަކާ ބައްދަލުކުރުމާއި، ރައްޔިތުންގެ ގޭގެއަށާއި ޢާއިލާތަކަށާއި ރާއްޖޭގެ އެކި ރަށްރަށައް ޒިޔާރަތްކުރުން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް،
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
އަޅުގަނޑުމެން މިހުރިހާ މަސައްކަތެއް ވެސް ކުރިއަށް ގެންދާނީ ދެފުށް ފެންނަގޮތަށް. ހާމަކަން ބޮޑުކޮށް. ނޫސްވެރިއަކަށް ވެސް ރައްޔިތަކަށް ވެސް އަޅުގަނޑުމެން ފޮރުވާނެ ކަމެއް ނޯންނާނެ.
ސަރުކާރަށް މިވީ 11 ހަފުތާގެ ތެރޭ 5 ފަހަރަށް އަޅުގަނޑު ނޫސްވެރީންނާ ބައްދަލު ކޮށްފިން. ސަރުކާރުގެ ހުރިހާ އިދާރާއަކުން ވެސް މީޑިއާ ޔުނިޓްތައް އުފައްދައި، ނޫސްވެރީންނަށް މަޢުލޫމާތު ފޯރުކޮށްދޭ. މުހިންމު ހުރިހާ ކަމަކާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން ނޫސްވެރީންގެ ބައްދަލުވުންތައް ބާއްވާ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާ ސަރުކާރުގެ ބައެއް އިދާރާތަކަށް، ބައެއް މީޑިއާތަކަށް ނުވަދެވޭ ގޮތަށް ބްލެކް ލިސްޓެއް މި ސަރުކާރަކު ނޯންނާނެ. މީޑިއާތަކަށް އޮފީސް ޖާގަ ލިބުން ދަތިވާތީ އެކަން ޙައްލު ކޮށްދިނުމަށް ހުޅުމާލޭގައި މީޑިއާ ވިލެޖެއް ޤާއިމުކޮށްދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައި.
ކީރިތި ﷲ ގެ ހެޔޮ ރަޙްމަތްފުޅާއެކު، އަޅުގަނޑުމެންގެ ތަޞައްވުރުގައި މިހުރި ގިނަ އިޤްތިޞާދީ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިއަހަރު ފަށައިގަނެވޭނެ. މިއިން ކޮންމެ މަޝްރޫޢެއް ފެށުމާއެކު ރާއްޖޭގެ އިޤްތިޞާދަށް އޭގެ މަންފާކުރާނެ. ވަޒީފާއާ އާމްދަނީގެ މަގުތައް ހުޅުވޭނެ. ރައްޔިތުންނަށް ތިޔާގިކަމާ ތަނަވަސްކަން ލިބޭނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް،
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
ބައިނަލްއަޤްވާމީ މާލީ މުޢާމަލާތްތަކާ ވިޔަފާރީގެ މުހިންމު މަންޒިލަކަށް ރާއްޖެ ހެދުމުގެ އަމާޒު ވެސް ސަރުކާރުގައި އެބައޮތް. ރާއްޖޭގައި ޑިވޮލޮޕްމަންޓް ބޭންކެއް ޤާއިމުކުރުމާ، ބައިނަލްއަޤްވާމީ ބޭންކިންގްގެ ޚިދުމަތް ފުޅާކުރުން އެއީ އަޅުގަނޑުމެންގެ އަމާޒެއް. މާލެ އަތޮޅު ފުނަދޫގައި މިހާރުހުރި ތެޔޮ ރައްކާކުރާ ފެސިލިޓީ އެހެން ސަރަހައްދަކަށް ބަދަލުކޮށް ބައިނަލްއަޤްވާމީ މާލީ މުޢާމަލާތްތަކަށް ޚާއްޞަ މަރުކަޒެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޤާއިމު ކުރާނަން. އެކަން ފަހިކުރުމަށްޓަކައި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާރވިސަސް އޮތޯރިޓީ ސަރުކާރުން މިހާރު ވާނީ އުފައްދާފައި.
ހަމައެއާއެކު، ރާއްޖެއަކީ ބައިނަލްއަޤްވާމީ ކަނޑު ބަނދަރުގެ ޚިދުމަތަށް އެންމެ ފައްކާ އެއް ސަރަޙައްދަށް ވާއިރު މި ފުރުޞަތު ލިބި އޮވެމެ، މި ފުރުޞަތުގެ ބޭނުން އަޅުގަނޑުމެން ނުހިފައި ނުތިބެ، މި ސަރުކާރުގެ އަމާޒު ހުރީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ގޮތުގައި، އިހަވަންދިއްޕޮޅުގައި ބަންކަރިންއާއި ބައިނަލްއަޤްވާމީ ބިޔަ ބަނދަރަކާ ވިޔަފާރީގެ މަޝްރޫޢެއް ހިންގަން. މާލެ އަތޮޅު ތިލަފުށީގައި ވެސް ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރެއްގެ ޚިދުމަތް ފަށަން. އަދި ލ.ގާދޫގައި ބަންކަރިންގ ޚިދުމަތް ފަށަން. މިއިން ކޮންމެ ބަނދަރަކާ ކޮންމެ ޚިދުމަތަކީ ވެސް ބޮޑެތި އިންވެސްޓްމަންޓްތަކެއް. މިއީ އިރާދަކުރެއްވިއްޔާ، ރާއްޖޭގެ އާމްދަނީ އެތައް ގުނައެއް އިތުރުވެގެން ދާނެ ކަންތައްތަކެއް.
ޗައިނާއާއެކު ރާއްޖެއިން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަކީ، އެތައް މަންފާއެއް ދިވެހި ވިޔަފާރިއަށާ އިޤްތިޞާދަށް ލިބޭނެކަމެއް. އެހެންކަމުން މިއެއްބަސްވުމަށް އަމަލުކުރަން ފެށުމަށްޓަކާ ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްޓަކާ މިމަޖިލީހުން އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު ޔަޤީންކުރަން. އަޅުގަނޑުގެ އުންމީދަކީ، އިތުރު ބައެއް ޤައުމުތަކާއެކު ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހަދައި މިދައުރުގައި ޢަމަލުކުރަން ފެށުން.
މީގެ އިތުރުން، ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރު އިތުރުކޮށް، އިޤްތިޞާދީ ޙައްޤުތައް ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި، މިހާތަނަށް ރާއްޖޭގައި ފަށާ އެންމެ ބޮޑު މަޝަރޫޢުގެ ޢަމަލީ މަސައްކަތް މޯލްޑިވިސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯން އުފައްދާ، އެ ކުންފުނި މެދުވެރިކޮށް ފަށާފައިވާނެ.
މި ކުންފުންޏަކީ އިރާދަކުރެއްވިއްޔާ ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅު ކާނާއާއި، ފޭރާމާއި، ބޭހުގެ އަގު، އަދި ޢިމާރާތްކުރުމަށް ބޭނުންވާ ތަކެތީގެ އަގު އަތްފޯރާފަށަށް ގެނެސްދިނުމުގެ ނިޒާމު ހިންގުމުގެ މަސައްކަތްކުރާނެ ކުންފުނި. އަދި، ރާއްޖޭގެ ޖިއޮގްރަފިކަލް ލޮކޭޝަންގެ ބޭނުން ހިފައި، އެހެން ފްރީ ޒޯންތަކާއި ވާދަކުރެވޭފަދަ ގޮތަކަށް، ރީއެކްސްޕޯޓު ޕްރޮސެސިންގ އަދި ވެލިއު އެޑިޝަން މަސައްކަތްތައް ރާއްޖޭގައި ތަޢާރަފުކޮށް އިޤުތިޞާދު ސިންދަފާތު ކުރެވޭނެފަދަ އައު ސިނާޢަތްތަކެއްގެ ބިންގާ އެޅުމުގެ ގާބިލުކަން މި ކުންފުނީގައި ހުންނާނެ.
ވަޒީރުންގެ މަޖިލީހުގައި ވިޒިޓަރ އިކޮނޮމީ ކައުންސިލެއް އަޅުގަނޑު އުފެއްދީ، ޓޫރިޒަމްގެ ޚިދުމަތް ރާއްޖޭގައި ފުޅާ ކުރަން. ބައިނަލްއަޤްވާމީ ބޮޑެތި މަހާސިންތާތަކާ ޙަފްލާތައް ބޭއްވޭ މަންޒިލަކަށް ރާއްޖެ ހަދަން މައިސް ޓޫރިޒަމް ތަޢާރަފް ކުރަން. ތަޢުލީމީ ދާއިރާއާ ސަގާފަތާއި ތަރިކައިގެ ދާއިރާއާ ޞިއްޙީ ދާއިރާއާ ތިމާވެށީގެ ދާއިރާގެ ތެރެއިން ވެސް ޓޫރިޒަމްގެ ޚިދުމަތް ރާއްޖޭގައި ފުޅާކުރަން. މި ދައުރުގެ ތެރޭގައި މި ހެޔޮ ބަދަލުތައް ރާއްޖޭގެ ޓޫރިޒަމަށް އިރާދަކުރެއްވިއްޔާ އަންނާނެ.
ޖިއޮގްރަފީގޮތުން ރާއްޖެ އޮތް ސަރަޙައްދުގެ މުހިންމުކަމުގެ ސަބަބުން، ރާއްޖޭގައި ކުރެވިދާނެ ޞިނާޢީ އާ މަސައްކަތްތަކާ، ކުރެވިދާނެ އައު އިންވެސްޓްމަންޓްތައް ވަރަށް ގިނަ. އެކަމަށް ޝައުޤުވެރިވާ ފަރާތްތައް ވެސް ވަރަށް ގިނަ.
ޗައިނާގައި ބޭއްވި ފަދަ އިންވެސްޓްމަންޓް ފޯރަމްތައް ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ބާއްވާ، ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުޞަތުތައް މުޅި ދުނިޔެއަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހުޅުވައިލާނަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް،
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
ޓޫރިޒަމްގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ އައު 20 ރިސޯޓް މިއަހަރު ހުޅުވައި 2857 އެނދު އުފެދިގެން ދިޔުން. ނުހެދި ހުރި ރިސޯޓްތައް ނިންމަން ފުރުޞަތު ފަހިކޮށްދިނުން. ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާއި ހެދި މަސައްކަތް ހުއްޓިފައިވާ ތަންތަން ތަރައްޤީ ކުރުމަށް ހުރި ދަތިތަކާއި ހުރަސްތައް ބަލައި އެކަންކަމަށް ހައްލުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި. މިގޮތުން ޓޫރިޒަމް ތަރައްޤީކުރަން ދޫކޮށްފައިވާ 63 މަޝްރޫޢެއް ނިންމައި މާކެޓަށް ނެރުމަށް ޓޫރިޒަމް މިނިސްޓްރީއާއި، ފައިނޭންސް މިނިސްޓްރީއާއި މީރާ އަދި އިކޮނޮމިކް ކައުންސިލް ގުޅިގެން ސިޔާސަތެއް މިހާރުދަނީ އެކުލަވާލެވެމުން.
އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި މި މަސައްކަތް ނިމޭނެ. އަދި މިފަދަ ތަންތަން ތަރައްޤީކޮށް ނިންމުމަށްޓަކައި ލީސް އެގްރީމަންޓާއި އިންވެސްމަންޓްތައް ރީ-ސްޓްރަކްޗަރކޮށް، އެ ރަށްތަކުގެ މަސައްކަތް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތެއް އެކުލަވާލައި އިރާދަކުރެއްވިއްޔާ ތަންފީޒުކުރެވިގެންދާނެ. އަތޮޅުތަކަށް ޓޫރިޒަމް އިތުރަށް ފުޅާކުރެވޭނެ. މިގޮތުން ސީޕްލޭން ހަބަކާއެކު އައްޑޫ ސިޓީއަށް "އައްސޭރި ޓޫރިޒަމް" މަޝްރޫޢެއް އެކުލަވާލައި އިފްތިތާޙުކުރުމުގެ ގޮތުން އައްޑޫ ސިޓީއަށް ޚާއްޞަ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭންއެއްގެ މަސައްކަތް ދަނީ ކުރެވެމުން.
މަސްވެރިކަމަށްދޭ އިސްކަމުގެތެރެއިން ކެބިނެޓުގައި އެޖެންޑާކޮށް އެންމެ ފުރަތަމަ ނިންމި ނިންމުމަކީ މިފްކޯ އަކީ ވަކި ކުންފުންޏެއްގެ ގޮތުގައި ބަދަލުކުރުމުގެ ނިންމުން. އެކަން މިހާރު އެވަނީ ތަންފީޒުކުރެވިފައި. އަދި މަސްވެރީންގެ ދައުރު މިފްކޯ ހިންގުމުގައި ހިމަނާނެކަމަށް އަޅުގަނޑު ވީ ވަޢުދާ އެއްގޮތަށް، މިފްކޯގެ ބޯޑު މެންބަރަކަށް މަސްވެރީންގެ އަޑުއުފުލާނެ ފަރާތެއް، އާދެ މަސްވެރިއެއް ޢައްޔަނުކުރުމުގެ މަސައްކަތް ވަނީ ފެށިފައި.
އަދި މަސްވެރީންނަށް ސަރުކާރުން ހޯދައިދޭ އިނާޔަތްތަކާ އިޤްތިޞާދީ އަދި އިޖްތިމާޢީ ފުރުޞަތުތައް އިތުރުކުރުމަށް، މަސްވެރީންގެ ދަފްތަރެއް މިއަހަރު އިރާދަކުރެއްވިއްޔާ އެކުލަވައިލާނަން. ހަމައެއާއެކު، އެންވެރިކަމަށް ޑައިވްކުރުމުގައި ހިތާމަވެރި ހާދިސާތައް މަދުކުރުމަށް މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއްފަޅުވެރިޔަކު، [ރެސްކިއު ޑައިވަރ] ފެންވަރުގެ ސަނަދެއް ހާސިލު ކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި، ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް މިހާރު ވަނީ ފަށައިފާ.
މިގޮތުން، ފުރަތަމަ ފިޔަވަހީގައި 50 މަސްވެރިން ތަމްރީނު ކުރެވިގެން ދާނެ. އަދި އެކުއަކަލްޗަރ ދާއިރާއަށް ބޭނުންވާ ހުނަރު ޒުވާނުންނަށް ދަސްކޮށްދީ، ހެޗަރީތައް ބިނާކޮށް، ކަނޑުގެ ދިރުން އާލާކުރުމުގެ ޤާބިލުކަން ރާއްޖޭގައި އުފެއްދުމަށްޓަކައި، މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ނަމުގައި ސިލްސިލާ ތަމްރީނުތަކެއް ފެބްރުވަރީ މަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައި.
މީގެއިތުރުން، ރާއްޖޭގެ މަސްވެރިކަން މާކެޓްކޮށް ޕްރޮމޯޓްކުރުމަށް ޚާއްޞަ އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން. މިއެޖެންސީގެ ދަށުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތަޢާރަފްކޮށް އެބްރޭންޑް ބޭރު ޤައުމުތަކުގައި އިސްތިހާރުކޮށް މާކެޓްކުރުމުގެ މަސައްކަތް ކުރެވިގެންދާނެ. މިއީ، ރާއްޖޭގެ މަހަށް އިތުރު ޕްރިމިއަމް އަގެއް ހޯދުމަށް ހުޅުވިގެން ދާނެ ފުރުޞަތެއް.
ސަރުކާރު ހިންގުމާ އަޅުގަނޑު ޙަވާލުވިއިރު، ސަރުކާރު ކުންފުނިތަކުން މަސްވެރީންނަށް ނުދީ ހުރި ފައިސާގެ ތެރެއިން އަޅުގަނޑުމެންގެ ސަރުކާރުން މިހާތަނަށް 329,953,144 (ތިން ސަތޭކަ ނަވާވީސް މިލިޔަން ނުވަސަތޭކަ ފަންސާސް ތިން ހާސް ސަތޭކަ ސާޅީސް ހަތަރު ރުފިޔާ) ވަނީ މަސްވެރިންނަށް ދެވިފައި.
އަދި ނުދެވި، ބާކީ ހުރި ފައިސާ ވީހާވެސް އަވަހަކަށް ދިނުމުގެ މަސައްކަތްދަނީ ކުރެވެމުން. ސަރުކާރުގެ އަމާޒަކީ ދުވަހުން ދުވަހަށް މަސްވެރީންނަށް ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެއްސުން. އިރާދަކުރެއްވިއްޔާ އެކަން ވަރަށް އަވަހަށް އަޅުގަނޑުމެން ކުރާނަން.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާޒީ ބަޔާން މިއަދު ރައްޔިތުންގެ މަޖިލިސް ހުޅުވައި ދެއްވުމަށްފަހު އިއްވަވާނެ އެވެ. ރިޔާސީ ބަޔާން މިއަދު 9:00 ޖަހާއިރު އިއްވަވާއިރު އިދިކޮޅު ފަރާތްތަކުން ވަނީ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓް ކޮށްފަ އެވެ.