އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕްގެ މެންބަރަކު ދެންމެ ވިދާޅުވީ މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކުރަން ޕީޖީ ގުރޫޕުން ނިންމާފައިވާ ކަމަށެވެ.
މާދަމާ އޮންނަ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ މަޖިލީހުގެ މެޖޯރިޓީ ޕާޓީ -- އެމްޑީޕީން ބޮއިކޮޓް ކޮށްފި އެވެ.
އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕްގެ މެންބަރަކު ދެންމެ ވިދާޅުވީ މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކުރަން ޕީޖީ ގުރޫޕުން ނިންމާފައިވާ ކަމަށެވެ. ދެކުނަށް ނިސްބަތްވާ އެ މެންބަރު ވިދާޅުވި ގޮތުގައި ސަރުކާރާ އެމްޑީޕީއާ ޕާޓީގެ މެންބަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ.
އެމްޑީޕީ ސަރުކާރުން ހިންގަން ފެށި މަޝްރޫއުތައް ހުއްޓިފައި ހުރުމާއި ފްލެޓާއި ގޯތި ދިނުން ލަސް ކުރުން ފަދަ ކިތަންމެ ކަންބޮޑުުވުންތަކެއް ފާހަގަ ކުރި އެވެ. އެ ކަންކަން އެ ގޮތުގައި ހުރެ އަދި ރައީސްގެ ރިޔާސީ ބަޔާނުގައި އެކަންކަމާއި ގުޅޭ ހަގީގަތާއި ހިލާފު ވާހަކަތައް ދައްކަވާނަމަ ނަމަ ރިޔާސީ ބަޔާނަށް ހުރަސް އެޅޭފަދަ އެއްވެސް ކަމެއް އެމްޑީޕީގެ އެއްވެސް މެންބަރެއްގެ ކިބައިން ފެންނަން ނޭދޭތީ މަޖިލީހުގެ ޖަލްސާއަށް މާދަމާ ނުދާން ނިންމީ ކަމަށް އެ މެންބަރު ވިދާޅުވި އެވެ.
ދަ ޑިމޮކްރެޓްސް އިން ވެސް ވަނީ މާދަމާގެ ޖަލްސާ ބޮއިކޮޓް ކޮށްފައެވެ. އެ ޕާޓީން ޖަލްސާ ބޮއިކޮޓްކުރި މައިގަނޑު ސަބަބަކީ ރައްޔިތުން މަޖިލީހުގެ ރުހުން ލިބިފައިނުވާ ތިން ބޭފުޅަކަށް ވަޒީރުންގެ ހައިސިއްޔަތުން ދައުވަތު ދެއްވާފައިވާ ކަމަށް ބުނެ އެވެ.
އެމްޑީޕީއާ ޑިމޮކްރެޓްސްގެ މެންބަރުން ޖަލްސާ ބޮއިކޮޓް ކުރުމުން މާދަމާގެ ޖަލްސާ ވަރަށް ފަޅުވާނެ އެވެ. އެމްޑީޕީ ގައި 44 މެންބަރުން ހިމެނެ އެވެ. ޑިމޮކްރެޓްސް ގައި 13 މެންބަރުންނެވެ.