އިހަވަންދޫ ދޯންޏަށް ރޭވެސް އިންޑިއާ ސިފައިން އަރާފައިވާ ކަމަށް ބުނެފި

ދޯނިތަކަށް އެރި މައްސަލަ ހޫނުވެފައި ވަނިކޮށް މާހޯރަ ދޯނީގެ ކެޔޮޅާ ފަޅުވެރީން ބުނީ ރޭ 12 ޖެހިފަހުން އެ ދޯންޏަށް އިންޑިއާ ސިފައިން އަނެއްކާ ވެސް އަރާފައިވާ ކަމަށެވެ.

އިހަވަންދޫ މާހޯރަ-3 ދޯނި
03 Feb 2024, 04:53

އިންޑިއާ ސިފައިން ރޭ ވެސް އިހަވަންދޫ މާހޯރަ-3 ދޯންޏަށް އަރާ ބަލާ ފާސްކޮށްފި ކަމަށް އެދޯނީގެ ކެޔޮޅާ ފަޅުވެރީން ބުނެފި އެވެ.

ހއ. ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުންދިޔަ ތިން ދޯންޏަކަށް އިންޑިއާގެ ކަނޑުގެ ސިފައިން އަރާ ފާސްކުރި މައްސަލަ ވަނީ ބޮޑުވެފަައެވެ. އިންޑިއާ ސިފައިން އެރީ އަސުރުމާ-ތިނެއް، ނިރު-ހަތެއް އަދި މާހޯރަ-ތިނެއް ނަމަކަށް ކިޔާ ތިން ދޯންޏަށެވެ.

އެ މައްސަލައާ ގުޅިގެން ޑިފެންސް މިނިސްޓްރީން ވަނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސްދޯނިތަކަށް ރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއް ނެތި ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާއި ހިލާފަށް އިންޑިއާ އަސްކަރިއްޔާ އަރާފައިވާތީ ބޯޑުކޮށްގެން ހިންގި އެ އޮޕަރޭޝަންގެ ތަފްސީލު ދިނުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާ ސަރުކާރު ގައި ރަސްމީކޮށް އެދިފައެވެ.

ދޯނިތަކަށް އެރި މައްސަލަ ހޫނުވެފައި ވަނިކޮށް މާހޯރަ ދޯނީގެ ކެޔޮޅާ ފަޅުވެރީން ބުނީ ރޭ 12 ޖެހިފަހުން އެ ދޯންޏަށް އިންޑިއާ ސިފައިން އަނެއްކާ ވެސް އަރާފައިވާ ކަމަށެވެ.

އިންޑިއާ ސިފައިން ރޭވެސް އެރީ ހަތިޔާރާ އެކު ކަމަށާ އެތައް އިރެއް ވަންދެން ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އިންޑިއާގެ ނޭވީ ކޯސްޓްގާޑެއް ދޯންޏާ ކައިރިކުރުމުން މަޑުނުކޮށް ދުއްވުން އިންޒާރު ދެމުން ފަހަތުން އައި ކަމަށާ ހަތިޔާރާއެކު ހަރަކާތްތެރިވާން ފެށުމުން ދޯނި މަޑުކުރީ ހަމަލާ ދީފާނެ ކަމަށް ބަލާފައި ކަމަށް ދޯނީގެ ކެޔޮޅު ބުންޏެވެ.

އޭރު ދޯނި އޮތީ ރާއްޖޭގެ ސަރަހައްދުގައި މޮޅަދޫ ބޮޔާއި ތިން މޭލު ބޭރުގައެވެ. މި މައްސަލަ ދޯނީގެ ފަރާތުން ކޯސްޓްގާޑާއި ހިއްސާކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

އެކަމާ ގުޅިގެން ސުވާލު ކުރުމުން އެމްއެންޑީއެފުން ބުނީ އެ ހާދިސާއާ ގުޅޭ މައުލޫމާތު ހާމަ ކުރާނެ ކަމަށެވެ.

ރާއްޖޭގެ އުތުރުގެ ސަރަހައްދު ގައި މަސްވެރިކަން ކުރަން އުޅުނު ތިން ދޯންޏަކަށް އިންޑިއާގެ ދެ މަނަވަރެއް ގައި ތިބި ސިފައިން ހަތިޔާރާ އެކު އަރާ ދިވެހީންނާއި ސުވާލުކޮށްފައި ވަނިކޮށް އެމްއެންޑީއެފުން ވަނީ ދިވެހިރާއްޖޭގެ އުތުރުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ގައި ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ހަރަކާތްތެރި ވަމުންދާ ކަމަށް ބުނެފައެވެ.  އަދި އެ އުޅަނދުން ދަނީ އެ ސަރަހައްދު ޕެޓްރޯލްކޮށް ބަލަހައްޓަމުން ކަމަށް ވަނީ ބުންޏެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.