ކޮވިޑް-19ގެ ފަހުން އެފްއޭއެމަށް ޖަމާވި 1.9 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލައެއް ވެސް ދަނީ ބަލަމުންނެވެ. މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް ބުންޏެވެ.
ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ -- ފީފީ އިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ޖަމާކުރި 10،000 ޑޮލަރަށް ހިޔާނާތްތެރިވި މައްސަލާ ގައި އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ދައުވާ ކުރަން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.
އެފްއޭއެމްގެ ވެރިން ހިޔާނާތްތެރިވެފައިވާކަމުގެ ތުހުމަތަށް ފުލުހުން ތަހުގީގު ހިންގަން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. ފުލުހުން ވަނީ އެފްއޭއެމްއަށް ވަދެ ގިނަ ލިޔެކިޔުންތަކެއް ވެސް ނަގާފަ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ޗީފް އިންސްޕެކްޓަރު ޔޫސުފް ލޫތު ވިދާޅުވީ ފީފީ އިން އެފްއޭއެމް އަށް ޖަމާކޮށްފައިވާ 10،000 ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް މަންފާ ހޯދާފައިވާ މައްސަލައިގެ ތަހުގީގު ނިންމާ އެފްއޭއެމްގެ ވެރިއެއްގެ މައްޗަށް ދައުވާ ކޮށް ދިނުމަށް ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ.
ނަމަވެސް އެއީ ކާކުކަން މިވަގުތު ހާމަ ނުކުރާނެ ކަމަށް ލޫތު ވިދާޅުވި އެވެ.
ލޫތު އެހެން ވިދާޅުވި ނަމަވެސް އެއީ ބައްސާމްކަން މީގެ ކުރީން މި މައްސަލައާ ގުޅޭގޮތުން ޕީޖީ ޝަމީމް ހިއްސާކޮށްފައިވާ މައުލޫމާތުތަކުން އެނގެ އެވެ.
ލޫތު ވިދާޅުވީ ކޮވިޑް-19ގެ ފަހުން އެފްއޭއެމަށް ޖަމާވި 1.9 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލައެއް ވެސް ބަލަމުންދާ ކަމަށެވެ. މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެފްއޭއެމްގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގުގައި އެންމެ ބޮޑު ތުހުމަތެއް އޮތީ އެތަނުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ކުރީން ވަނީ ވިދާޅުވެފައެވެ.
ނޮވެންބަރު 30 ވަނަ ދުވަހު ނޫސްވެރީންނާއި ބައްދަލު ކުރައްވާ ޝަމީމް ވިދާޅުވީ ވި ގޮތުގައި ފީފާއިން ފޮނުވާ ފައިސާ ބޭނުން ކުރާނެ އުސޫލުތަކެއް ހުންނަ ކަމަށެވެ. އެ އުސޫލުތަކާ ހިލާފަށް ފައިސާ ބޭނުން ކުރި ކަމަށް ބައްސާމްގެ އިތުރުން އެފްއޭއެމްގެ އެހެން ވެރިޔަކަށް ތުހުމަތު ކުރެވޭ ކަމަށެވެ.
ތަހުގީގަށް ހެކި ހޯދުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ ފައިނޭންޝަން ކްރައިމް ހިންގާއިރު އާންމު ގޮތެއްގައި ފައިސާ ބޭނުން ކުރަނީ ކޭޝް ކާޑު ބޭނުންކޮށްގެން ކަމަށެވެ. އެހެންކަމުން ފައިސާ ބޭނުންކޮށްފައިވާ ގޮތްތައް ވަރަށް ސާފުކޮށް ފެންނަން އެބަހުރި ކަމަށެވެ.
"މިސާލަކަށް މި މައްސަލައިގަ ވެސް ބޭބޭފުޅުން ދަތުރުކޮށްފަ ހުރި ގޮތާ، ޝޮޕިން މޯލަށް ދަތުރުކުރައްވާ އޫބާއަށް ފައިސާ ދައްކަވަނީ ވެސް ކާޑުން. އެހެންވީމަ އަޅުގަނޑުމެންނަށް އެނގޭ ކޮންތަނަކަށްކަން ދިޔައީވެސް،" ޝަމީމް އެ ދުވަހު ވިދާޅުވި އެވެ.