އެމްޕީއެލްގެ ތެޔޮ ވައްކަން: ފަސް މީހަކަށް ދައުވާ، ހިޔާނާތް 7.6 މިލިއަނަށް އަރާ

މާލެ ވިޔަފާރި ބަނދަރުގެ ތެރޭގައި 2018 އިން 2020 ގެ ނިޔަލަށް ތެލުގެ ބޮޑު ވައްކަމުގައި އެމްޕީއެލްއަށް ގެއްލުނު ފައިސާގެ އަދަދު 28.32 މިލިއަން ރުފިޔާ އަށް އަރާ ކަމަށް އޮޑިޓަ ޖެނެރަލް ހެދި އޮޑިޓް ރިޕޯޓުން ދައްކަ އެވެ.

މާލެ ވިޔަފާރި ބަނދަރު: ކޮވިޑު ތެރޭގައި ފަޅާއެރި ތެޔޮ ވައްކަމާ ގުޅިގެން ދައުވާ ކުރަން ވަނީ ފޮނުވާފައި -- އެމްޕީއެލްގެ ފޮޓޯއެއް

ކޮވިޑުގެ ތެރޭ، 2020 ވަނަ އަހަރު މާލޭގެ ވިޔަފާރި ބަނދަރުގައި ކުރި ތެލުގެ ބޮޑު ވައްކަމުގެ މައްސަލައާ ގުޅިގެން ފަސް މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި އެވެ.

ބަނދަރަށް ތެޔޮ ގެންދާ ބައުޒަރުތަކުގައި ތިބޭ އެފްއެސްއެމްގެ މުވައްޒަފުންނާއި އެމްޕީއެލްގެ މުވައްޒަފުންގެ ބަޔަކު ގުޅިގެން އެތައް މިލިއަން ފައިސާއެއް ނަގަމުންދާކަން އޭރު ފަޅާއެރި އެވެ. އެކަން ކުރީ "ކޮވިޑު" ތެރޭގައެބެ. އެކަމަކު އެމްޕީއެލް އަމިއްލަ އޮޑިޓްފާމަކާ ގުޅިގެން ހެދި "ފައިނޭޝަން އޮޑިޓުން" އެނގުނު ގޮތުގައި ވައްކަން އޮތީ 2018 އިން ފެށިގެން ފެށިފަ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ޗީފް އިންސްޕެކްޓަރު ޔޫސުފް ލޫތު ވިދާޅުވީ މާލޭގެ ވިޔަފާރި ބަނދަރުގައި ތެޔޮ ވައްކަން ހިންގާފައި ވަނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެ އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް ކަމަށެވެ.

އެފްއެސްއެމްގެ މުވައްޒަފުންނާއި އެމްޕީއެލްގެ މުވައްޒަފުންގެ ބަޔަކު ގުޅިގެން ހިންގި ވައްކަން 7.6 މިލިއަނަށް އަރާ ކަމަށް ވެސް ލޫތު ވިދާޅުވި އެވެ. މައްސަލައިގެ ތުހުމަތު އޮތީ ފަސް މީހަކަށެވެ. އެއީ އެފްއެސްއެމްގެ ތިން މުވައްޒިފަކާއި އެމްޕީއެލްގެ ދެ މުވައްޒިފެކެވެ. އޭގެ ތެރޭގައި ހަތަރު ދިވެހީންނާއި ބިދޭސީ އަކު ހިމެނެ އެވެ.

ފިއުލް ސަޕްލައި މޯލްޑިވްސްގެ ތެޔޮ ޝެޑެއް

ލޫތު ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން 2020 ނޮވެންބަރުގެ ނިޔަލަށް މި މައްސަލައިގެ ތުހުމަތު އޮތް ބިދޭސީ މީހާގެ އެކައުންޓަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަ ވަނީ އެމްޕީއެލް އަށް ޑެލިވަރީ ނުކުރާ ތެޔޮތަކެއް އެމްޕީއެލަށް ލިބިފައިވާ ކަމަށް ބަޔާންކޮށް 119 ޑެލިވަރީ އޯޑާ އަކަށް އެމްޕީއެލްގެ ފަރާތުން އެފްއެސްއެމަށް ފައިސާ ދޫކޮށް މި ފައިސާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް،"

މި މައްސަަލައިގެ ތަހުގީގު ނިންމާ މިހާރު ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށް ވެސް ލޫތު ވިދާޅުވި އެވެ.

ޗީފް އިންސްޕެކްޓަރު ޔޫސުފް ލޫތު މިއަދުގެ ނޫސްވެރީންގެ ބައްދަލްވުމު ގައި

މާލެ ވިޔަފާރި ބަނދަރުގެ ތެރޭގައި 2018 އިން 2020 ގެ ނިޔަލަށް ތެލުގެ ބޮޑު ވައްކަމުގައި އެމްޕީއެލްއަށް ގެއްލުނު ފައިސާގެ އަދަދު 28.32 މިލިއަން ރުފިޔާ އަށް އަރާ ކަމަށް އޮޑިޓަ ޖެނެރަލް ހެދި އޮޑިޓް ރިޕޯޓުން ދައްކަ އެވެ.

އޮޑިޓް އޮފީހުން ހަދާފައިވާ އެމްޕީއެލްގެ ހާއްސަ އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2018 އިން 2020 ގެ ނިޔަލަށް އެމްޕީއެލް އިން ވަނީ 8،855،601 ލިޓަރު ނުވަތަ 90 މިލިއަން ރުފިޔާގެ ތެޔޮ އަޅާފަ އެވެ. އެ އަދަދުގެ ތެރެއިން 2،284،288 ލިޓަރުގެ ޑީސަލް އެމްޕީއެލް އޮޕަރޭޝަންތަކުގައި އުޅަނދު ފަހަރަށް އެޅުމާއި ޖަނަރޭޓަރު ތަކަށް އަޅަން ބޭނުން ކޮށްފައިވެ އެވެ. މިއީ އެ މުއްދަތުގައި އެ ކުންފުނިން ގަނެފައިވާ ޑީސަލްގެ 31.9 ޕަސެންޓެވެ.

ގެއްލިފައިވާ ޑީސަލްގެ އަދަދުތައް

  •  ޖަނަރޭޓަރު ހިންގަން ދޫކުރި ޑީސަލުން ގެއްލުނު އަދަދު: 9.6 މިލިއަން ރުފިޔާ
  •  ޓަގު ބޯޓަށް އަޅަން ދޫކުރި ތެޔޮ: 18.5 މިލިއަން ރުފިޔާ
  •  އާރްޓީޖީ ކްރޭންތަކަށް އަޅަން ދޫކުރި ތެލުން: 127،616ރ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެމްޕީއެލް އިން ބޭނުންކުރަން ގަނެފައިވާ ޑީސަލްގެ ތެރޭން ގެއްލިފައިވާ އެ ކުންފުނީގެ ޓަގު ބޯޓުތަކަށް އަޅަން ހުޅުމާލެ ޖެޓީ ސަރަހައްދަށް އެމްއެސްއެމް ބައުޒަރު ތަކުން ސަޕްލައިކޮށްފައިވާ 799،900 ލިޓަރު ނުވަތަ 7.2 މިލިއަން ރުފިޔާގެ ޑީސަލް ހިމެނެ އެވެ. ނަމަވެސް މި ތެޔޮ ނާޅާ ކަމަށް ޓަގު ބޯޓުގެ ކެޕްޓަން ވަނީ މައުލޫމާތު ދީފަ އެވެ. ނަމަވެސް މި މުއްދަތުގައި ޓަގު ބޯޓަށް ހުޅުމާލެ ޖެޓީން ތެޔޮ ދޫކޮށްފައިވާ ކަމަށް އެފްއެސްއެމް ޑެލިވަރީ ނޯޓުތަކުގައި ރެކޯޑްކޮށްފައިވެ އެވެ.

ކޮމެންޓް

1
450
މޯޑް
8 months ago

މަށަށްފެނޭ ތެޔޮ ވިއްކަން އުޅޭ ހުރިހާ ބޯޓްތަކެއް ވެސް އޮޑިޓް ކުރަން. ބަލަ ބަލާ ތިއްބާ އެހެރަ ގަނެލަނީ ބޮޑެތި ކާރު ތަކާ ފްލެޓްތައް. މުސާރަ ވަކި ބޮޑެއްނޫން އެކަމަކު ވައްކަން ކޮށް ކޮށް ކުންފުނިތަކަށް ހާދަ ގެއްލުންވާނެއޭ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.