ސީއެމްސީއަށް ނުދައްކާ ބޮޑެތި ބިލު، ރަސްމާލެ ހިއްކުމަށް ބުރުލެއް

ސީއެމްސީއަށް ސެޕްޓެމްބަރު މަހު ސަރުކާރަށް ހުށަހެޅި ބިލްތަކަށްވެސް ހުރީ ފައިސާ ނުދައްކަ އެވެ. އެކަން ހައްލުކޮށް އަލުން މަސައްކަތް ފެށިގެން ދާނެ އެވެ.

ފުށިދިއްގަރުފަޅު ހިއްކައި އެތާނގައި ދިވެހިންގެ އާ ޒަމާނުގެ ސިޓީ/ "ރަސްމާލެ" ޑިވެލޮޕް ކުރުމުގެ މަސައްކަތް ފެށުން -- މި

ގިރާވަރު ފަޅާއި ރަސްމާލެ ހިއްކަމުން ގެންދާ ބޮސްކާލިސްގެ މި ސަރަހައްދުގެ "ޕާޓްނަރު" ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އަށް މިދިޔަ އަހަރުގެ މެދުން ފެށިގެން ފައިސާ ނުދައްކާ ބޮޑެތި ބިލުތަކެއް ހުރުމުން އެ ފައިސާގެ ކަންކަން ހައްލު ކުރަން ރަސްމާލެ ހިއްކުމުގެ މަސައްކަތަށް ބުރޫއަރައިފި އެވެ. 

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވީ ރަސްމާލެ ފަޅު ހިއްކަމުން ގެންދާ ކުންފުންޏަކީ ގިރާވަރު ފަޅު ވެސް ހިއްކާ ކުންފުނި ކަމަށާ އެ ކުންފުންޏަށް އެހެން މަޝްރޫއުތަކުން ދޭން ޖެހޭ ފައިސާގެ ބޮޑެތި އަދަދު ތަކެއް އެބަހުރި ކަމަށެވެ. އެހެންވެ އެކަން ހައްލު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދާ ކަމަށެވެ. 

"ގިރާވަރު ވެސް ހިއްކަނީ ވެސް އެ ކުންފުނި. މިދިޔަ ސެޕްޓެމްބަރު އޮކްޓޫބަރު މަހު ލާފައި ހުރި ބޮޑެތި ބިލް ތަކެއް ވެސް އެބަހުރި. އެކަހަލަ ތާށިކަމެއް އުޅޭ ކަމަށް އަންގަނީ. ދައުލަތުން އެކަންކަން ހައްލު ކޮށްދީގެން ކުރިއަށް ދާނީ. ލަސްތަކެއް ނުވެ އެކަން ފެށިގެން ދާނެ،" މުއްތޮލިބު ވިދާޅުވި އެވެ. 

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު

ގިރާވަރު ފަޅަކީ ނ. އަތޮޅުން ދެ ފަޅެއް ބޭރު ބަޔަކަށް 99 އަހަރަށް ދޫކޮށްލައިގެން އޭގެން ލިބުނު ފައިސާއިން ފެށި މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 150 ހެކްޓަރު ހިއްކަން ކަނޑައެޅި ނަމަވެސް މިހާތަނަށް ހިއްކިފައި އޮތީ 50 ހެކްޓަރުގެ ބިމެވެ. ގިރާވަރު ފަޅު ހިއްކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސައްކަތް ފަށާފައި ވަނީ ސަރުކާރުން މަޝްރޫއުގެ ބައެއް ފައިސާ ދެއްކުމާއެކު ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުން މަަޝްރޫއު ހިއްކާ ގޮތަށެވެ. މި މަޝްރޫއު މެނޭޖު ކުރަނީ ސަރުކާރުގެ ފަންޑު މެނޭޖުމަންޓް ކުންފުނިންނެވެ. 

މުއްތޮލިބު ވިދާޅުވީ މި މަޝްރޫއަކީ 197 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) ގެ މަޝްރޫއެއް ކަމަށާ އަ ގުބޮޑު ދައުލަތުން ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ މަޝްރޫއެއް ކަމަށެވެ. 

"މަސައްކަތް ހުއްޓިފައި އޮތް އެއް ސަބަބަކީ ދައުލަތުން ދައްކަން ޖެހޭ ފައިސާއެއްގެ ކަންކަން. މި އަހަރުގެ ސެޕްޓެމްބަރު / އޮކްޓޫބަރު ހިސާބު ލާފައި އޮތް ބިލަކަށް ފައިސާ ނުދައްކާ އޮތީ. އެއީ ވަރަށް ބޮޑު އަދަދެއްގެ ފައިސާއަކަށްވާތީ އެ ފައިސާ ވީހާވެސް އަވަހަށް ހަމަޖައްސަދީ.

ފުށިދިއްގަރު ފަޅު - ފުޅިދިއްގަރު ފަޅުގައި ތަރައްގީ ކުރާ އިކޯސިޓީ ރަސްމާލެ ހިއްކަން ސަރުކާރުން ޓާގެޓް ކޮށްފައި ވަނީ 8 މަސް ތެރޭގައި ފުށިދިއްގަރުފަޅުން 1،153 ހެކްޓަރު ބިން ހިއްކާ ގޮތަށެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ހިއްކާނެ އެންމެ ބޮޑު ބިމެވެ. ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލައި އޭގެ ތިން ގުނަ ކުރުމުން އުފެދޭ ވަރުގެ ބޮޑު ބިމެކެވެ. މި މަސައްކަތް ފެށި އިރު މިދިޔަ އަހަރަށް ސަރުކާރުން މި މަސައްކަތައް ހުށަހެޅި 400 މިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުން މަޖިލީހުން އަތުލި އެވ. 

ނަމަވެސް ދައުލަތުގެ ބަޖެޓުން އެ މަޝްރޫއުއަށް ފުރުސަތު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ނުދިނުމުން ފުށިދިއްގަރުފަޅު ހިއްކަން މިފެށީ އާބަންކޯ އާއި ސީއެމްސީ ކުންފުންޏާ ދެމެދު މިދިއަ ހަފުތާގައި އެއްބަސްވުމެއްގައި ސޮއި އަޅައިގެނެވެ. އޭގެ ކުރިޔަށް ކ. ގުޅީގެ އިހްތިސޯސުގެ ތެރޭ ކުރިން އޮތް ފުށިދިއްގަރުފަޅު އެ ރަށުގެ އިހްތިސޯސުން ވެސް ވަނީ މިދިއަ ހަފުތާގެ ތެރޭގައި އުނިކޮށްފަ އެވެ. ނަމަވެސް އެކަން ހިނގި އިރު މަޝްރޫއަށް ބަޖެޓްގައި ޖެހި 400 މިލިއަން ރުފިޔާ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ބައިބަޔަށް އަޅާލި އެވެ. އެ ގޮތުން އެމްޑީޕީ ސަރުކާރުން ފެށި ގިރާވަރު، ގުޅިފަޅު އަދި ހުޅުމާލެ އިން ގޯދި ދޭ ސަރަހައްދުގައި ވަސީލަތްތައް ގާއިމުކުރަން 200 މިލިއަން ރުފިޔާ ބަދަލު ކުރީ އެވެ. އަދި އަނެއް 200 މިލިއަން ރުފިޔާ ވަނީ އެކި މަޝްރޫއު ތަކަށް ބަހާލައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.