ބަތން ނަކަލު މޫދަށް ބާލާފައި ވަނީ ޑިސެންބަރު 2، 2015 ގައެވެ. މިނިވަން ފަންސާހުގެ ރަސްމިއްޔާތަށް ފަހު އެ އޮޑި އޮތީ އާ ރަށަށް އެހެލާފަ އެވެ. މިހާރު ވަނީ މާލެ ގެނެސްފަ އެވެ.
ކަޅުއޮށްފުންމިއަކީ ބަޑި ބެހެއްޓި ނަވަކަށް ވުން ކައިރި ކަމަށް ކުރީގެ ރައީސް އަދި ރާއްޖޭގެ ތާރީހު ދިރާސާ ކުރެއްވުމުގައި މަސައްކަތް ކުރައްވާ، ތާރީހީ އިލުމުވެރިޔާ، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިއަދު ވިދާޅުވީ ކަޅުއޮށްފުންމިއަކީ އަނގަމަތީ މަސްދޯންޏެއްގެ ގޮތަށް ސިފަކުރީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާ ކޮށްފައި ނޫން ކަމަށެވެ.
"އުތީމު ތަކުރުގެ އޮޑިއަކީ ބަޑި ބެހެއްޓި ނަވަކަށްވުން މާ ގާތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވި މި ދަނޑިވަޅަކީ ކަޅުއޮށްފުންމި މާލެ ގެނެސް މާލޭގައި މިހާރު ކަޅުވަކަރު މިސްކިތް ހުރި މައިދާނުގައި ބާއްވައި ކަޅުއޮށްފުންމި ބަލަން ޒިޔާރާތް ކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރާ ދުވަސްވަރެކެވެ.
ކަޅުއޮށްފުންމިއަކީ މީލާދީން 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި އަލިރަސްގެފާނު ޝަހީދު ކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތި ކުރުމުން އެމީހުންގެ އަތުން ރާއްޖެ މިނިވަން ކުރަން އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅުގެ ނަކަލެކެވެ.
ރައީސް ނަޝީދު ސުވާލު އުފެއްދެވި އިރު ކަޅުއޮށްފުންމީގެ ނަކަލެއް ބަނީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގަ އެވެ. އަދި އޭރު އެ ނަކަލު ބަނީ އުތީމު މަހާރަދުންގެ ގައުމީ ޖިހާދާއި ކަޅުއޮއްފުންމިއާބެހޭ ގޮތުން ލިބެން ހުރި ތާރީހީ މައުލޫމާތު، ފަންނީ ޓީމަކުން ދިރާސާ ކުރުމަށް ފަހު އެވެ. އޮޑި ބަނީ ހދ. ނޭކުރެންދޫގަ އެވެ.
ކަޅުއޮށްފުންމީގެ ދިގުމިނުގައި 51 ފޫޓު ހުރެ އެވެ. ބަތން ނަކަލު މޫދަށް ބާލާފައި ވަނީ ޑިސެންބަރު 2، 2015 ގައެވެ. މިނިވަން ފަންސާހުގެ ރަސްމިއްޔާތަށް ފަހު އެ އޮޑި އޮތީ އާ ރަށަށް އެހެލާފަ އެވެ. މިހާރު ވަނީ މާލެ ގެނެސްފަ އެވެ.
ކަޅުއޮށްފުންމި މާލެ ގެންނައީ އުތީމު ބޮޑުތަކުރުފާނު ކުރެއްވި މިނިވަންކަމުގެ ޖިހާދާ ބެހޭ މައުލޫމާތު ލިބޭނެ އިންތިޒާމުތަކާއެކު ގިނަބަޔަކަށް ފެންނާނެ ގޮތަށް ބޭއްވުމަށެވެ.
އެ މަސައްކަތުގައި މަރާމާތުގެ މަސައްކަތް ކުރާނެ އެވެ. އަދިު ކަޅުއޮށްފުންމީގެ ނަކަލު މާލޭގައި ބަހައްޓާތަން ތައްޔާރު ކުރުމާއެކު އޮޑިހަރުގެއެއް އަޅައި ކަޅުއޮށްފުންމި ބަލާލަން ތިބެވޭނެ ޕްލެޓްފޯމް ތައްޔާރުކުރާނެ އެވެ.