މިއީ މިހާތަނަށް އެންމެ ގިނަ ވަޒީރުން ހިމެނޭ ސަރުކާރެވެ. އެ ފެންވަރުގެ ބޭފުޅުން ވެސް އެންމެ ގިނަ ސަރުކާރެވެ. އަދި ސްޓޭޓް މިނިސްޓަރުންނާއި ނާއިބުން އެންމެ ގިނަ ސަރުކާރު ވެސް މެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ގައި ސިޔާސީ މަގާމުތައް ބޮޑުތަނުން އިތުރުވަމުންދާކަން ފާހަގަކޮށް އެކަން ހުއްޓުވަން ގާނޫނު އަސާސީއާ ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭނަމަ އެކަން ކުރަން އެމްޑީޕީއާ ދަ ޑިމޮކްރެޓްސް އެއްބަސްވެއްޖެ އެވެ.
އެމްޑީޕީއާ ދަ ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވީ ސަރުކާރުގެ މަތި ބަރުވަމުންދާ މަންޒަރު ފެންނަ ކަމަށާ އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ލުއި ސަރުކާރެއް ހިންގަން ގާނޫނުން ލާޒިމު ކުރަން ޖެހޭ ކަމަށް އެމްޑީޕީއާ ޑިމޮކްރެޓްސްއަށް އެއްބަަސް ވެވޭ ކަމަށެވެ.
އެކަމާއި ގުޅޭ ބިލެެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑިމޮކްރެޓްސްގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ މި ބަދަލަކީ ހަމައެކަނި މި ސަރުކާރަށް އަމާޒުކޮށް ގެންނަ ބަދަލެއް ނޫން ކަމަށެވެ.
"ކޮންމެ ސަރުކާރެއް އޮތް ކަމުގައިވިޔަސް ހިފެހެއްޓިފައި އޮންނާނެ އަދަދެއް ކަމަށް ކަނޑައަޅަން އަޅުގަނޑުމެން ދެ ޕާޓީއަށް ވެސް އެއްބަސްވެވޭތީ އެ ބަދަލު ވެސް ގާނޫނު އަސާސީއަށް ވެސް އަދި ގާނޫނަކަށް ގެންނަން ޖެހޭ ބަދަލެއް ގެނައުމަށް ވެސް ދެ ޕާޓީއަށް ވެސް އެއްބަސްވެވޭ،" ހަސަން ވިދާޅުވި އެވެ.
ކުރީ ދެ ސަރުކާރު -- ރައީސް ސޯލިހާއި ރައީސް ޔާމީންގެ ސަރުކާރާއި ބަލާއިރު ރައީސް މުއިއްޒުގެ ސަރުކާރު ގައި އަދި ސިޔާސީ މަގާމުތައް ގިނައެއް ނޫނެވެ. ނަމަވެސް މިއީ މިހާތަނަށް އެންމެ ގިނަ ވަޒީރުން ހިމެނޭ ސަރުކާރެވެ. އެ ފެންވަރުގެ ބޭފުޅުން ވެސް އެންމެ ގިނަ ސަރުކާރެވެ. އަދި ސްޓޭޓް މިނިސްޓަރުންނާއި ނާއިބުން އެންމެ ގިނަ ސަރުކާރު ވެސް މެ އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވާއި ސަރުކާރު ހިއްސަވާ ކުންފުނިތައް އުފެއްދުމާއި ކުންފުނިތައް ހިންގުމާއި ގުޅޭ އުސޫލުތައް ވެސް ގާނޫނަކުން ކަނޑައަޅަން ޖެހޭ ކަމަށް ވެސް ދެ ޕާޓީން ވަނީ އެއްބަސް ވެފައެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ މިވަގުތު އެކަންކަމާއި ގުޅޭ ޑްރާފްޓްތައް އެކުލަވާލަމުންދާ ކަމަށާ އެ ބިލްތައް މަޖިލީހަށް ހުށައަޅާނީ މެންބަރުންނާ ވެސް މަޝްވަރާކޮށް ވާހަކަ ދައްކައިގެން ކަމަށެވެ.
މީގެ އިތުުރުން ކުރިއަށް އޮތް މަޖިލީސް އިންތިހާބު ރޯދައިގެ ފަހުން ބޭއްވުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް ވެސް އެމްޑީޕީއާ ޑިމޮކްރެޓްސް އިން މިހާރު ވަނީ ފަށާފައެވެ.
މި މީހުން އެއްގަލަށް އަރައިގެން މިއުޅެނީ މިތަނުން އިންޑިއާ ބޭރުކުރަން އުޅޭތީ. ހާދަ ބުރިއަށް ބާރުކުރެޔޭ އެހެންމީހަކު ކަމެއް ކުރަންޏާ. (ކުރީ ދެ ސަރުކާރު -- ރައީސް ސޯލިހާއި ރައީސް ޔާމީންގެ ސަރުކާރާއި ބަލާއިރު ރައީސް މުއިއްޒުގެ ސަރުކާރު ގައި އަދި ސިޔާސީ މަގާމުތައް ގިނައެއް ނޫނެވެ) ދެން؟؟