މާލެ - ރަސްމާލެ ކަނޑުއަޑީ ރަސް މަގު: އާދެ، ހެދޭނެ

ޗަމްޕާ ހުސެއިން އަފީފާއި ޗަމްޕާ އުއްޗުމެން ފަދަ ބޭފުޅުންގެ ވިސްނުމުން މޫދުއަޑީގެ ރެސްޓޯރެންޓާއި މޫދު އަޑީ ކޮޓަރި ހަދައި ދުނިޔެއަށް އެއީ ވާނެ ކަމެއްކަން ދެއްކި އެވެ.

މީގެ ތޭރަ އަހަރު އަހަރުގެ ކުރީގެ ވާހަކަ އެކެވެ؛ ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ޗަމްޕާ ހުސެއިން އަފީފު ވިސްނަވަމުން ގެންދެވީ ދުނިޔެއަށް ރާއްޖެ ވަރަށް ބޮޑަށް މަޝްހޫރު ވެގެންދާނެ އާ ގޮތަކާ މެދުގަ އެވެ. އޭނާގެ ވިސްނުންފުޅަށް އައީ ރާއްޖޭގެ ކަނޑު ނުވަތަ މޫދު އަޑީގެ ރީތި މާހައުލު ފެންނާނެ އަންޑަ ވޯޓާ ރެސްޓޯރެންޓެއް ހަދާށެވެ. އެންމެ ފަހުން ރަންގަލި ރިސޯޓުގެ މޫދުން ފަސް މީޓަރު އަޑީގައި ރެސްޓޯރެންޓެއް ހަދައި ހުޅުވި އެވެ. އެ ތަން ހަދަމުން ދިޔައިރު ތަފާތު ވާހަކަތައް ވެސް ދައްކަން ފެށި އެވެ. ޓޫރިޒަމްގައި ރާއްޖެއާ ވާދަވެރި ގައުމުތަކުން ގިނަ ބަޔަކު އެކަމާ ފާޑު ކިއެވެ. 

އެއް ބަޔަކު ބުނަމުން ގެންދިޔައީ އެ އުޅެނީ ބަޔަކު ކަނޑަށް ޣަރަގު ކޮށްލާނެ ގޮތެއް ނޭނގިގެނެވެ. ރާއްޖޭން ބަޔަކު ބުނަމުން ދިޔައީ ޗަމްޕާ އަފީފަށް އެ ނޫންކަމެއް ކުރަން ނޭނގުނީ ހެއްޔެވެ؟ އެކަމަކު އެ ހުރިހާ ގޮންޖެހުމާއެކު، ދުނިޔޭގެ ފުރަތަމަ މޫދުއަޑީގެ ރެސްޓޯރެންޓް ހަދައި ހުޅުވި އެވެ. މިހާރު ޓޫރިސްޓުން އެންމެ ބޭނުން ވަނީ މޫދުއަޑީގައި ތިބެ ރަނގަޅަށް ކާލާށެވެ. ރާއްޖެ އައިސް ކަނޑު އަޑީގަ ނޫނީ ނުނިދޭ ކިތަންމެ ބަޔަކު އެބަތިއްބެވެ. 

މިހާރު މި އިވެނީ ވެސް އެ ޒާތުގެ ވާހަކަ އެކެވެ؛ ރާއްޖޭގެ ކަނޑުއަޑީގައި ރެއިލްވޭ ޓަނަލެއް ހެދުމަކީ މީގެ ކުރިން ދައްކާ ވާހަކައެއް ނޫނެވެ. މިހާތަނަށް އެ ވާހަކަ ދެއްކި ބަޔަކު ވެސް ހަދާފައި ވަނީ ބޮޑު މޮޔައިންނަށެވެ. އެފަދަ މީހަކީ ބޯހަމަ ނުޖެހޭ ކޮހަކަށް ހަދަ އެވެ. 

މީގެ ހަތަރު އަހަރު ކުރީގައި  ގއ. ވިލިނގިލީ ކައުންސިލްގެ ކުރީގެ ރައީސް އަހުމަދު ފުއާދު (ފޯޑް) ކަނޑުއަޑިން މަގެއް ހަދަން ހުވަފެން ދުށްޓެވެ. މިހާރު ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ ކަނޑުއަޑީގެ މަގެއްގެ ވީޑިއޯއަކީ ކޫއްޑޫ އާއި ވިލިނގިއްޔާ ގުޅިގެންދާނެ ގޮތުގެ މައްޗަށް އޭނާގެ ސިކުނޑީގައި އޮތް ހުވަފެނެކެވެ. އެ ހުވަފެން ތަސްވީރަކަށް ބަދަލުކޮށްލީ  ގައުމީ ޔުނިވާސޓީގެ ކުރީގެ ލެކްޗަރާ އަދި ނޫސްވެރިޔާ ޝައްމާން ޝާކިރާއި އެހެން ރަހުމަތްތެރިއެއެކެވެ. މި ކުރެހުމާއެކު އެ ދުވަހު އެ މީހުން ވެސް ބަދަލު ކުރީ މޮޔައިންނަށެވެ. 

އޭގެ ހަތަރު އަހަރު ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މިވަނީ އެފަދައިން ވާހަކަފުޅު ދައްކަވާ އެފަދަ މާލެ-ރަސްމާލެ ދެމުގައި އަންޑަވޯޓާ ޓަނަލެއް އަޅުއްވާނެ ކަމަށް އިއުލާނު ކުރައްވާފަ އެވެ. އެ މަނިކުފާނުގެ މި ވާހަކަ އައިސްފައި ވަނީ މާލެއިން  ދޯންޏެއްގައި 40 މިނެޓުން ލާންޗެއްގައި 15 މިނެޓުން ދެވޭ ރަސްމާލެއާއި މާލެ ކަނޑު އަޑީގެ މަގަކުން ގުޅާލައި މޮނޮރޭލް ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރުމުގެ ވިސްނުންފުޅުގަ އެވެ. ރައީސްގެ އެ ވާހަކަފުޅާއެކު ފާޑު ކިޔައި އެ ބަހުސް ވަނީ ފުޅާ ވެފަ އެވެ.

އެއް ބަޔަކު ބުނީ މި ވަރުގެ ކަމެއް ރާއްޖެއަށް ވާނެ ވެދާނެ ހެއްޔެވެ؟ އަނެއް ބައެއް ބުނަނީ ރާއްޖެއަށް މިކަން މުހިންމު ހެއްޔެވެ؟ ދެން ތިބި މީހުންގެ ސުވާލަކީ މި ވަރަށް ފައިސާ ހޯދޭނެ ހެއްޔެވެ؟ އެ ފައިސާ ދޭނީ ކޮން ބަޔަކު ހެއްޔެވެ؟ އެ ފައިސާ މިތަނުން ރިކަވާ ކުރެވިދާނެ ކިހިނެއް ހެއްޔެވެ؟ 

މި ސުވާލުތައް ހިފަގެން ސޯޝަލް މީޑިއާގެ ފާރުތަކުގައި ލިޔުމުގެ ޒުވާބެއްގައި ގިނަ ބަޔަކު ތިބިއިރު ކަނޑު އަޑީގެ މަގު ނުވަތަ މޫދު އަޑީގެ މަގު ހެދުމަކީ ދުނިޔޭގައި އާ ކަމެއް ނޫނެވެ. ދުނިޔޭގެ އެތައް މިލިއަން ބަޔަކު މިވަގުތު ވެސް މީގެ މަގުތަކުގައި އެދަނީ ދުއްވަމުންނެވެ. މިކަން ކުރެވޭނެ ފައިން ޓެކްނޮލޮޖީއަކީ ދުނިޔޭގެ ނިސްބަތުން މިހާރު މާ އަގު ބޮޑު ޓެކްނޮލޮޖީއެއްވެސް ނޫނެވެ. ދުނިޔޭގެ އެއް ގައުމުން އަނެއް ގައުމަށް ކަނޑުއަޑީގެ މަގުތައް ހަދާފައި އެބަހުއްޓެވެ. މިހާރުވެސް ހަދަމުން އެބަދެ އެވެ.

މި ހިސާބުގައި ދުނިޔެ އޮތްއިރު، ދިވެހިން މި ހިސާބަށް ނުވިސްނައި ތިބެން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ދިވެހިންގެ ސިކުނޑި ޖަޒީރާ އަސްދަނޑީން ބޭރަށް ނެރެ ތަރައްގީ ދުނިޔޭގައި ކަން ކުރާގޮތަށް އެ ތަރައްގީއަށް ވިސްނަން ޖެހޭ ވަގުތު މިވަނީ ޖެހިފަ އެވެ. 

މާލެ-ރަސްމާލެ ކަނޑުގެ އަޑިން މަގެއް ހެދުން - ދުނިޔޭގައި މިހާތަނަށް އަޅާފައި ހުރި ކަނޑު އަޑީގެ ޓިއުބްތަކަށް ބަލާއިރު މާލެ-ރަސްމާލެ ނޫނީ މާލެ އެނބޫދޫ ފަޅުގެ ދުރުމިން ހުރި ގިނަ މާކަނޑުތަކެއް އެފަދަ ޓަނަލްތަކުން ގުޅާލާފައި ވެއެވެ.

ކަނޑު އަޑީގެ ޓިއުބް ރޭލަކުން ގުޅާލަން ސަރުކާރުން ވާހަކަ ދައްކާއިރު މިކަން ކުރަން ކިޔާ ކަނޑަކީ ދިވެހިން ބިރު ގަންނަ ކަނޑެކެވެ. މާލޭން ފުރައިގެން އެނބޫދޫ ފަޅުގެ ނިވަލަށް ވަންނަން ދެން މި އޮންނަ އެނބޫދޫ ކަނޑުއޮޅިއަކީ އޮއި ބާރު ބާނި ބޮޑު އެއް ކަނޑުއޮޅި އެވެ. ފުން މިނުގައި 500 މީޓަރު ނުވަތަ 10 ބުރީގެ 16 އިމާރާތް ހުންނާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. 

މި މަގަކީ މާލެ ސަރަހައްދުގެ އެންމެ މުހިންމު އެއް ޗެނަލެވެ. އެހެންވެ މި ތަން ބަންދު ކޮށްލައިފިނަމަ މި ސަރަހައްދުގެ ދަތުރުފަތުރަށް ބުރުލެއް އަރާނެ އެވެ. މި މަގުގެ އަޑިން ޓިއުބް މަގެއް ހަދާނަމަ ހަދަން ޖެހޭނީ ފެން މަތިން އުޅަނދު ފަހަރަށް ދަތުރު ކުރެވޭނެ ގޮތަކަށެވެ. އެހެންވެ ކުރިމަތިވާނެ ގޮންޖެހުން ތަކެއް ހުންނާނެ އެވެ. 

ފެން މަތިން އުޅަނދު ފަހަރު ދަތުރު ކުރެވޭ ގޮތަށް ކަނޑުއަޑީގައި ޓިއުބް ރޭލުގެ މަގެއް ހެދިދާނެ ހެއްޔެވެ؟

މިފަދަ ބައެއް ޓަނަލް ހަދާފަވަނީ 75 މީޓަރު ގާތްގަނޑަކަށް 10 ބުރީގެ ތިން އިމާރާތުގެ ފުނުގަ އެވެ. މި ފުން ނިމުގައި މަގު ހަދާފައިވުމުން އާދައިގެ ކޮންޓެއިނަރު އުފުލާ އާގު ބޯޓު ފަހަރު ފަސޭހަ ކަމާއެކު ދަތުރު ކުރެވެ އެވެ. މިކަމަކީ ވެސް މިއަދުގެ ކޮންސްޓްރަކްޝަން ޓެކްނޮލޮޖީ އޮތްގޮތުން ކުރެވޭނެ ކަމެކެވެ. 

ދެން އޮތީ މިފަދަ ޕްރޮޖެކްޓެއްގެ އަގުގެ އަންދާޒާއެއް ހެދުމެވެ. ޔޫރޯ ޓަނަލް ހަދަން 1.3 ބިލިއަން ޑޮލަރު ހަރަދު ކުރިކަމަށްވެ އެވެ. މިކަމަށް ފައިނޭންސް ދީފައިވަނީ ޔޫރަޕިން އިންވެސްޓްމަންޓް ބޭންކް ފަދަ ދުނިޔޭގެ މާލީ ވުޒާރާތަކުންނެވެ. ތުރުކީގައި މި މަސައްކަތުގައި ބިން ތޮރުފަން 150 މިލިއަން ޑޮލަރުގެ ބިން ތޮރުފިއެއް ބޭނުން ކުރި އެވެ. 

ބިމުއަޑީގެ އެ މަގު ހަދަން 788 އޮލިމްޕިކް ސައިޒުގެ ސްޓޭޑިއަމް ހަދާ ވަރަށް ވެލި ނެގި އެވެ. އަދި މިތަނަށް 18 ސްޓޭޑިއަމް އަޅާ ވަރަށް ސިމެންތި ބޭނުން ކޮށްފައިވާއިރު އައިފެލް ޓަވަރުގެ 18 ޓަވަރު ހަދާނެ ވަރަށް ދަގަނޑު ބޭނުން ކުރި އެވެ. އެކަމަކު ރާއްޖޭގައި މިކަން ކުރަން ކޮންމެހެން ބިން ތޮރުފުން ލާޒިމެއް ނޫނެވެ. 

މާލެ- ރަސްމާލެ ކަނޑު އަޑީގެ ޓަނަލަކުން ގުޅުވާލާނެ ގޮތް ހިޔާލަށް ގެނެވޭ އިންފޯގްރެފިކްސް އެއް

ދެ ސުވާލު: ފައިނޭންސާއި ފީސިބަލް

ރާއްޖޭގައި މި ފަދަ ޕްރޮޖެކްޓެއް ހިންގާނަމަ އެންމެ ދަތިވާނެ އެއް ކަމަކަށް ވާނީ ފައިނޭންސިން ހޯދުމެވެ. މިހާރުގެ ކުޑަ އަންދާޒާއަކީ ރާއްޖޭގައި ހުރި ލޮޖިސްޓިން ޗެލެންޖް ތަކާއެކު މިފަދަ މަޝްރޫއެއްގެ ކޮންކްރީޓަށް އެކަނި 250 މިލިއަން ޑޮލަރު ވަރު ހަރަދުވުމެވެ. އެހެންވެ ރާއްޖޭގައި މިވަރުގެ މަގެއް ހަދާނަމަ 1.8 ބިލިއަން ޑޮލަރު ނުވަތަ ދެ ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވިދާނެ އެވެ. ދެން އޮތީ ފަސް އަހަރުން މި ފަދަ މަޝްރޫއެއް ނިންމިދާނެ ތޯ އުފެދޭ ސުވާލެވެ. 

ތުރުކީގައި ޓަނަލެއް ހަދައި ހުޅުވާފައިވަނީ ފަސް އަހަރުންނެވެ. އެ މަސައްކަތް ކުރީ ތުރުކީގެ ކުންފުންޏަކާއި ކޮރެއާގެ ކުންފުންޏެއް ގުޅިގެން ހެދި ޖޮއިންޓްވެންޗާ އަކުންނެވެ. މަސައްކަތް ފެށީ 2011 ގަ އެވެ. ނިންމައި ތުރުކީގެ ބޮޑު ވަޒީރު އުރުދުގާން މިތަން ހުޅުއްވައި ދެއްވީ 2016 ވަނަ އަހަރު އެވެ. އެ ތަނަކީ ހަމައެކަނި ދަތުރު ކުރާ މަގެއްގެ އިތުރުން އެންމެ ޒަމާނީ ވަސީލަތްތާއި ޓެކްނޮލޮޖީގެ އެހީގައި ބަލަހައްޓާ މަގެވެ. ދުނިޔޭގައި ވެސް ބެންޗް މާކެކެވެ. އެންވަޔަރުމަންޓާއި ޓްރެފިކް އޮޑިޓިން ބަލަހައްޓަނީ ރާއްޖޭގެ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ކޮންސެލްޓެންޓް އިނގިރޭސިވިލާތުގެ އާރޫޕު ކުންފުނިންނެވެ.

ޓޫރިޒަމަށް ވަށައިޖެހޭ މޮޑެލެއް ނެރެވޭނެ

ރާއްޖޭގައި މި ނޫން ޓެކްނޮލޮޖީގެ އެހީގައި ވެސް ރާއްޖޭގެ ކަނޑުގެ އަޑީގެ ރީތި ތިމާވެށި ފެންނަން ގޮތަށް ވެސް މިކަން ކުރެވޭނެ އެވެ. ރާއްޖެއަކީ ދުނިޔޭގެ ޓޫރިޒަމް މަންޒިލަކަށް ވުމުން ޓޫރިސްޓުންނަށް ބޭނުން ކުރެވޭ ބައެއް ވަސީލަތްތައް ވެސް ކަނޑުގެ އެތައް މީޓަރެއްގެ އަޑީގައި ހެދިދާނެ އެވެ. 

ދަތުރު ކުރާ މީހުންނަށް ނެޗުރަލް އެކުއޭރިއަމްއެއް ފެންނަ ގޮތަށް ވެސް ތަރައްގީ ކުރެވިދާނެ އެވެ. މިފަދަ ގިނަ ކަންކަމަކީ ޕްރޮޖެކްޓް ފީޒިބަލް ކުރަން ބޭނުން ނެރެވިދާނެ މޮޑެލް ތަކެވެ. ދުނިޔޭގެ އެއްވެސް ޕަބްލިކް ޓްރާންސްޕޯޓް ވިއުގައަކީ އޭގެން ދަތުރު ކުރާ މީހުންގެ އަތުން ފައިސާ ނަގައިގެން އެ ފައިސާއިން އިންވެސްޓްމަންޓް ކަވަރު ކުރަން ހަދާ ތަންތަނެއް ނޫނެވެ. އެއީ އެކަން ކޮށްއުޅޭ ގޮތެއް ނޫނެވެ. ފީއެއް ނެގިޔަސް އެއީ ކޮންމެހެން އިންވެސްޓްމަންޓް ކަވަރު ވާނެ އެއްޗަކަށްވާނީ ލައްކަ ދުވަހުންނެވެ. 

ޔޫރޯއޭޝިއާ ވިއުގަ އަހަރަކު 14 މިލިއަން މީހުން ބޭނުން ކުރެ އެވެ. އެ ޗެނަލުން ދަތުރުކުރަން ނަގާ ފީ އުޅެނީ 7-4 ޑޮލަރުގަ އެވެ. ރާއްޖޭގައި މި ވަރަށް އަހަރު މިތަން ބޭނުން ކުރާނެ އާބާދީއެއް ނެތަސް މިކަމަކީ ބިޒްނަސް މޮޑެލްއެއް ނެރެ ޓޫރިޒަމާ އިންކޯޕަރޭޓް ކޮށްގެން ކުރެވިދާނެ ކަމެކެވެ. ފީސިބަލް ތަނެއްގެ ގޮތުގައި ހެދޭނެ ކިތަންމެ ގޮތެއް އެބައޮތެވެ. 

ރައީސް މުއިއްޒު އެ ވިދާޅުވި ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީގެ ޓަނަލްގެ މޮޑެލް އަންނާނީ މިގޮތުން މަށް ބެލެވެ އެވެ. 

މި ކަމަކީ ނުވާނެކަމެއް ކަމަށް ބުނާ ބުނުމަކީ މިއަދުގެ ދުނިޔޭގައި ވަރަށް ވިސްނުމުގެ ކޮށި ކަމެވެ. ކުރެވެ އެވެ. ބަލަންވީ ވެސް ކުރެވޭނެ ގޮތެކެވެ. ކުރިން ހީކޮށްގެން ތިބީ މާލޭގައި އެންމެ އުސްކޮށް އިމާރާތެއް ކުރެވޭނީ 14 ބުރި އަށެވެ. އެކަމަކު ރާއްޖޭގެ ސޮއިލް ޓެސްޓް ކުރުމުން އެނގުނު ގޮތުން މި ބިމުގައި 30 ބުރިއަށް ވުރެ މައްޗަށް ވެސް ނެގޭނެ އެވެ.

މާލެ - ރަސްމާލެ ކަނޑު އަޑީން ގުޅުވާލައި ޓަނަލްގްގައި ދުވާނެ ރޭލެއް ކަމަށް ހިޔާލަށް ގެނެވޭ އިލަސްޓްރޭޝަނެއް

ކުރީގެ ރައީސް މުހައްމަދު އަމީންގެ މާލެ-ހުޅުލެ ފާލަމުން ގުޅާލެވިދާނެ ކަމަށް ބުނެ މީގެ ގަރުނެއް ކުރިން ތަސްވީރެއް ކުރެއްސެވި އެވެ. އެކަމަކު އެ ދެމެދު ބްރިޖެއް އެޅުނީ އިހަކަށް ދުވަހު އެވެ. އިހަކަށް ދުވަހާ ހަމައަށް ވިސްނައި ތިބި ގޮތުން އެ ބްރިޖު އަޅައިދޭން އަންނާނެ ބައެއް އޭގެ އިންޖިނޭރިން އާއި ބްރިޖު އެޅޭނެ ގޮތެއް ނޯންނާނެ އެވެ. މިހައި ތަނަށް ވިސްނައިގެން ތިބީ ގާދޫކޮލުގެ ބާރު އޮއެވަރާއި ގަދަ ބާނިގަނޑުގެ ތެރޭގައި ބްރިޖުއެޅުމަކީ ލާހިކު ކުޅަދާނަ ކަމެއް ނޫނެވެ.

ރާއްޖޭގައި ޓޫރިޒަމް އުފެދުނުތާ ބައި ގަރުނު ވެއްޖެ އެވެ. ރާއްޖޭގައި މީގެ ކުރިން މޫދު ކޮޓަރި ހެދީ ރާޅުފަށު ބީޗުގަ އެވެ. ނޫނީ ތަނބު ޖަހައިގެން ފަރުމަތީގަ އެވެ. އެކަމަކު ޗަމްޕާ ހުސެއިން އަފީފާއި ޗަމްޕާ އުއްޗުމެން ފަދަ ބޭފުޅުންގެ ވިސްނުމުން މޫދުއަޑީގެ ރެސްޓޯރެންޓާއި ކޮޓަރި ހަދައި ދުނިޔެ އަށް އެއީ ވާނެ ކަމެއްކަން ދެއްކި އެވެ. އެތަން ހަދަން ފައިސާ ހޯދީ ވެސް އަމިއްލަ ސިކުނޑިންނެވެ. ދުނިޔޭގެ ފުރަތަމަ މޫދު އަޑީގެ ރެސްޓޯރެންޓް ހެދީ ދިވެހިންނެވެ. ވިސްނުން ނެރުނީ ދިވެހިންނެވެ. މިހާރު މޫދުއަޑީގައި އެ ހުރީ ކޮޓަރި އާއި ސްޕާ ހަދާފަ އެވެ. މިހާރު ނިދަން އެ ތިބެނީ ބިއްލޫރިން ހަދައިގެން ރާއްޖެ ގެނެސް މޫދު އަޑިއަށް ފައްތާފައިވާ ކޮޓަރިތަކުގަ އެވެ. އާއްމު މީހާ ވެސް މިހާރު ބޭނުންވަނީ އޭގެ ކޮޓަރި އެވެ. މުޅި ދުނިޔޭގެ އެންމެން މިހާރު އެ އުޅެނީ މޫދުއަޑީގައި ކޮޓަރި އަޅާށެވެ. މި ޒަމާނުގެ އިންޖިއަރިންގައި ކަމެއް ނުވާނެއޭ ބުނުމަކީ އެފަދަ ވިސްނުމުގައި ތިބި ބައެއްގެ ވިސްނުމުގެ ކޮށިކަމެވެ.

ކޮމެންޓް

1
450
ތިބިޔާން
7 months ago

ވަރަށް ދެކެންބޭނުންވާ ދުވަހެއް. އުއްމީދަކީ މި ދައުރުގައި މިކަނ ކޮށް ނިންމުން. އެހެންނޫނީ ނުވާނެ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.